އެޕް ސްޓޯރުގެ ގަވައިދަށް ގެނައި ބަދަލުތަކެއްގެ ސަބަބުން މެޓާ ރުޅިގަދަވެއްޖެ

އެޕަލްގެ އެޕް ސްޓޯރުން "ބޫސްޓެޑް އިޝްތިހާރު" ފީޗާއާ ގުޅުވައިގެން ހެދި އާ އުސޫލަކުން އަނެއްކާވެސް ފޭސްބުކް ނުވަތަ މެޓާ ރުޅިގަދަވެއްޖެއެވެ.

އެޕަލް އިން ދާދި ފަހުން ވަނީ އެޕް ސްޓޯ ގައިޑްލައިންސް އަޕްޑޭޓްކޮށް، ފޭސްބުކްގެ އިޝްތިހާރު ވިޔަފާރިއަށް އަސަރުކުރާ ބަދަލުތަކެއް ގެނެސްފައެވެ.

ހޯމަ ދުވަހު ތައާރަފުކުރި އާ ގަވައިދުގައިވާ ގޮތުން މެޓާގެ އިންސަގްރާމާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި ޕޯސްޓުތައް 'ބޫސްޓް' ކުރަން ބޭނުން ނަމަ ބޭނުން ކުރަން ޖެހޭނީ އެ އެޕެއްގެ 'އިން-އެޕް ޕާޗެސެސް' ޓޫލްއެވެ. އެގޮތަށް އަމަލު ކުރުމުން އެފަދަ ކޮންމެ ވިޔަފާރިއަކުން އެޕަލްއަށް 30 ޕަސެންޓް ލިބޭނެއެވެ.

އެ ބަދަލާ މެދު މެޓާ ހިތްހަމައެއް ނުޖެހުނެވެ. މެޓާގެ ތަރުޖަމާނަކު ސީއެންބީސީއަށް ވިދާޅުވީ، ޑިޖިޓަލް އިގްތިސާދުގައި އެހެން ކުންފުނިތަކަށް ދަތިކުރުމަށް ފަހު އެޕަލްގެ އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް އެ ކުންފުނިން ސިޔާސަތުތައް ތަރައްގީ ކުރަމުން އަންނަ ކަމަށެވެ.

މެޓާ އާއި އެޕަލްއާ ދެމެދު މިފަދަ ކޯޅުންތަކެއްގައި އުޅޭތާ އަހަރުތަކެއް ވެފައިވާއިރު، މިދިޔަ އަހަރު އެޕަލްއިން އައިފޯން އޮޕަރޭޓިން ސިސްޓަމަށް އެޕް ޓްރެކިން ޓްރާންސްޕޭރެންސީ ތައާރަފް ކުރުމުން ދާދި ފަހުން އެ ވާދަވެރިކަން ވަނީ އިތުރަށް ހޫނުވެފައެވެ. އެޕަލްއިން ތަޢާރަފްކުރި މިޕްރައިވެސީ ފީޗާގެ ސަބަބުން މެޓާ ފަދަ އެޕް ޑިވެލޮޕަރުންނަށް އިޝްތިހާރުގެ ޕާފޯމަންސް ޓްރެކް ކުރުމަށް ވަރަށް އުނދަގޫވާނެއެވެ. ސަބަބަކީ އެކަމަށް ބޭނުންކުރެވޭނެ ޚާއްޞަ ޑިވައިސް އައިޑީއެއް ދިނުމަށް ޔޫޒަރުންނަށް އިންކާރު ކުރެވޭނެތީއެވެ. މެޓާއިން ބުނާ ގޮތުގައި މި ކަމުގެސަބަބުންވެސް އެކުންފުނިން 10 ބިލިއަން ޑޮލަރު މިއަހަރު އެކަނިވެސް ޚަރަދުވެދާނެއެވެ.

މެޓާ އާއި އެޕަލް ވެސް ޓެކްނޮލޮޖީ ހާޑުވެއާގައި ވާދަކުރަން ތައްޔާރުވެފައިވާ ކަމަށް ފެންނައިރު، މެޓާއިން އުފެއްދި ކުއެސްޓް ޕްރޯ ހެޑްސެޓާއި އެޕަލް އިން އުފެއްދި ވީއާރު ހެޑްސެޓް އެއީ މިފަދަ ވާދަވެރި ދެ އުފެއްދުމެއްކަމަށް ދިރާސާވެރިން ފާހަގަ ކުރެއެވެ.

އެޕަލް ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ސީއެންބީސީއަށް ބުނީ ކުރިން ވެސް އެ ކުންފުނިން ބަލަނީ ސޯޝަލް ބޫސްޓް ތަކަކީ އެޕަލް އިން އެޕްގެ ވިޔަފާރީގައި ބޭނުން ކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި އާ ގައިޑްލަން ނެރެފައި ވަނީ ކުންފުނިތަކަށް އެ ގަވާއިދު ސާފުކޮށްދިނުމަށް ކަމަށް އޭނާ ބުންޏެވެ.

މިހާތަނާ ޖެހެންދެން އެތައް އަހަރެއް ވަންދެން އެޕް ސްޓޯރުގެ ގައިޑްލައިންގައި ބުނެފައި އޮތީ އެޕްގެ ތެރޭގައި ޑިޖިޓަލް މުދަލާއި ޚިދުމަތްތައް ވިއްކުމުގައި "އިން-އެޕް ޕާޗޭސް" ޚިދުމަތް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އެޕަލްގެ ތަރުޖަމާނަކު ސީއެންބީސީއަށް ވިދާޅުވީ ޕޯސްޓެއް ނުވަތަ ޕްރޮފައިލެއްގެ ރީޗް އިތުރުކުރުމަށް ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭ ބޫސްޓިން އަކީ ޑިޖިޓަލް ވިޔަފާރިއެއްކަމަށެވެ. އެހެންކަމުން އެފަދަ ވިޔަފާރީގައި އިން-އެޕް ޕާޗޭސް ކުރަން ޖެހެއެވެ. މިއީ އަބަދުވެސް އެޕްސްޓޯރުގައި މިކަން ހިނގާގޮތް ކަަމަށާއި، އެކަން ކާމިޔާބުކަމާއެކު ކުރާ އެޕްތަކުގެ އެތައް މިސާލެއް ފެންނަން އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެޕްތަކުގައި ކުދި ވިޔަފާރިތަކަށް އިޝްތިހާރު ހިންގުމާއި ވިޔަފާރި ކުރިއެރުވުމަށް ފަސޭހަ ގޮތްތަކެއް ހުށަހެޅުމަށް އަޅުގަނޑުމެން ވައުދުވެފައި މިތިބީ،” މެޓާގެ ތަރުޖަމާނު ސީއެންބީސީއަށް ވިދާޅުވިއެވެ.

މެޓާއިން ތުހުމަތު ކުރާ ގޮތުގައި އެޕަލްގެ ޕްލެޓްފޯމްތަކުގެ މައްޗަށް އެކުންފުނިން ދަނީ ހުދުމުހުތާރު ބާރު ބޭނުން ކުރަމުންނެެވެ.

މެޓާއިން މިފަދަ ޝަކުވާތަކެއްގައި އުޅޭއިރު، ބޮޑެތި ގިނަ އިޝްތިހާރު ކުރާ ފަރާތްތަކުން އިޝްތިހާރު ގަތުމަށް ބޭނުން ކުރަނީ ޑެޑިކޭޓެޑް ޕޯޓަލްއެއް ނުވަތަ އެޕްތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު