ޑރ. މުނައްވަރުގެ ލަފަޔާ ނުލައި ފޯޅަވަހި މައްސަލައިގައި ގޮތް ނިންމުމަކީ ގޯހެއް: ރައީސް ވަހީދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރަކީ ކަނޑުތަކުގެ ޤާނޫނާ ބެހޭ މާހިރެއް ކަމަށާއި އޭނާގެ ލަފަޔަކާ ނުލައި ސަރުކާރުން ފޯޅަވަހި މައްސަލައިގަ ގޮތް ނިންމުމަކީ ގޯހެއްކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމަށް ސަރުކާރުން ތާއީދުކުރުމާ ގުޅިގެން ދިވެހީންގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ ބެހޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އދ. ގައި އިސް މަޤާމުތަކެއް ފުރުއްވަވާފައިވާ ރައީސް ވަހީދު ވިދާޅުވީ، ޑރ. މުނައްވަރަކީ ކަނޑުތަކާ ބެހޭ ދުނިޔޭގެ ފެންވަރުގެ މާހިރެއް ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ އޭނާގެ ލަފަޔަކާއި ނުލައި ދިވެހި ސަރުކާރުން މިވަރުގެ ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށެވެ.

"ސަރުކާރުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު އެބަ އެނގޭ ޑރ. މުނައްވަރާ މިކަމުގައި [ފޯޅަވަހި މައްސަލައިގައި] އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަން،" ރައީސް ވަހީދު ވިދާޅުވިއެވެ.

ޑރ. މުނައްވަރަކީ ކަނޑުތަކާ ބެހޭ ޤާނޫނުގެ ރޮނގުން ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އދ. އިން ވަނީ ޖަޒީރާ ޤައުމުތަކުގެ ކަނޑުތަކާ ބެހޭ ޤާނޫނު އެކުލަވާލިއިރު، އޭނާގެ ފަންނީ ލަފާ ހޯދާފައެވެ.

މީގެ އިތުރުން އޮކްސްޕޯޑާއި ހާވަޑް ޔުނިވާސިޓީން ކަނޑުތަކާ ބެހޭ ޤާނޫނު ކިޔަވާ ދަރިވަރުން ކިޔަން އެންމެ އެކަށީގެންވާ ފޮތުގެ ލިސްޓްގައި ޑރ. މުނައްވަރު ލިޔުއްވި ފޮތް އޯޝަން ސްޓޭޓް ހިމަނާފައިވެއެވެ.

comment ކޮމެންޓް