ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރަން އެދިއްޖެ

ޗުއްޓީ ހޭދަކޮއްލަން ތޮއްޑޫއަށް އައިސް އުޅޭ ފަތުރުވެރިޔަކު އެ ރަށު ވިލު ތެރޭގައި މޫދު ކުޅިވަރު ކުޅެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެދިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން، އެ ދުވަސްވަރާ ދިމާކޮށް ފަތުރުވެރިންނަށް ޚިދުމަތްދޭ އެންމެހާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭކަމަށެވެ. ރައްކާތެރިކަމުގެ ގޮތުން ހަރުދަނާކުރަންޖެހޭ ކަންކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ކުއްލި ޚާދިސާތަކުގައި އަމަލުކުރާނޭ ގޮތުގެ އެމަޖެންސީ ޕްލޭން ޤަވާއިދުން މުރާޖައާކޮށް ތަންފީޒު ކުރުމާއި، ފަތުރުވެރިން ޗެކިންވާއިރު، ސަލާމަތާ ގުޅޭ އެންމެ އާއްމު މައުލޫމާތުތައް އަދި މޫދު ހަރަކާތެއް ފެށުމުގެ ކުރިން އެ ޚަރަކާތާ ގުޅޭ ތަފްސީލީ ސަލާމަތީ ބްރީފިން ދިނުން ހިމެނެއެވެ.

މީގެ އިތުރުން މޫދުކުޅިވަރުގެ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ޤަވާއިދުން ތަމްރީނުތަކާއި އަހުލުވެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ މިއަހަރުގެވެސް އަމާޒަކީ ކުރިއަށްއޮތް އަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އެ ސިނާއަތުގައި މަސައްކަތްކުރާ މީހުނަށް އަމާންކަމާއި ރައްކާތެރިކަން ގާއިމްކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އަމާން ރައްކާތެރި ސިނާއަތަކަށް ހެދުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކޮންމެ އަހަރަކުވެސް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާ ތަކާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ތަފާތު އެކިއެކި ޕްރޮގްރާމުތައް ހިންގަމުންނެވެ.

comment ކޮމެންޓް