ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ނިންމުމެއް ނުނިންމުމަށް އެމްޑީއޭއިން ގޮވައިލައިފި

އެމްޑީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ނާއިލް ހުސައިން

ރާއްޖޭގެ ސަރަހައްދުން ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް އެހެން ޤައުމެއްގެ ސަރަހައްދަށް ބީވެގެންދާ ފަދަ އެއްވެސް ނިންމުމެއް ނުނިންމުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިރޭ ގޮވައިލައިފިއެވެ.

އެމްޑީއޭއިން ނެރުނު ނޫސް ބަޔާނުގައި މިކަމަށް ގޮވާލާފައި މިވަނީ ރާއްޖޭގެ އިޤުތިސާދީ ސަރަހައްދުން ބައެއް ޗާގޮސްގެ، ކަނޑުގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސް އިން ބުނަމުން އަންނަ މައްސަލައިގައި "އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ" (އިޓްލޮސް)ގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް އަދި ބަދަލުނުވާ ކަމަށް ސަރުކާރުން ބުނެފައިވަނިކޮށެވެ.

އެމްޑީއޭގެ ބަޔާނުގައި ވަނީ ޗާގޮސް އާކިޕެލެގޯ (އަތޮޅު)ގެ މައްސަލާގައި މޮރިސަސްއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ހިނގަމުންދާ ސަރަހައްދީ ދައުވާގައި ރާއްޖޭގެ ސިޔާސީ ސަރަހައްދުން ރާއްޖޭގެ ދެކުނު ކަނޑުގެ ބޮޑުބައެއް ކަމުގައިވާ އައްޑުއަތޮޅާއި ފޯޅަވަހީގެ ދެމެދު ކަނޑު، ގެއްލޭ ގޮތަށް ސަރުކާރުގެ ވިސްނުން ހުރިކަމަށް ޓަކައި އާންމު ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ދެކުނު ކަނޑު ސަރަހައްދުގެ މުއްސަނދިކަމާއި އެ ސަރަހައްދުގެ ޤުދުރަތީ އެތައް މުއްސަނދިކަން ހުރިކަމަށް ދުނިޔޭގެ ފަންނީ އިދާރާތަގެ މާހިރުންގެ ވާހަކަތަކުންނާއި ލިޔުންތަކުން ފެންނަން ހުރިކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ، އިޤުތިސާދީ ސަރަހައްދުން ބޮޑުބައެއް އެހެން ޤައުމެއްގެ ބައެއްގެގޮތުގައި ކަނޑައެޅިގެން ދާ ފަދަ ނިންމުމެއް ސަރުކާރަށް އެކަނި ނުނިންމޭނެކަން ރާއްޖޭގެ ޤާނޫނުއަސާސީގައި ސާފު ބަހުން އެނގެން އެބައޮތް ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ސަރުކާރުގެ މި ދައުރުގެ ނިންމުންތައް ހުރިގޮތަށް ބަލާއިރު، ރާއްޖޭގެ އިޤުތިސާދީ ސަރަހައްދުން ބޮޑުބައެއް އެފަދަ ނިންމުންތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިންނަށް ތާއަބަދަށް ގެއްލިއުމުގެ ނިކަމެތިކަމާއި އަނިޔާގެ ހިތްދަތިކަމާއި ވޭނުގެ ތަސައްލީ، އެ ޕާޓީގެ މެންބަރުންނާއި ރާއްޖޭގެ އާންމު ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ކަމަށެވެ.

އެމްޑީއޭގެ ނޫސް ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވައިލާފައި ވަނީ އެފަދަ ޣައިރު ދުސްތޫރީ ގޮތަކުން ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އެހެން ޤައުމެއްގެ ސަރަހައްދަށް ބީވެގެންދާ ފަދަ އެއްވެސް ނިންމުމެއް ނުނިންމުމަށާއި މި މައްސަލާގައި މިހާރު ހިނގަމުންދާ އެންމެހާ ކަންކަން އެއްވެސް އުޒުރުވެރި ބަހަނާއެއް ދެއްކުމެއްނެތި، ރައްޔިތުންނަށް ސާފުކޮށްދީ ތަފްސީލް ކޮށްދިނުމަށެވެ.

"ރާއްޖޭގެ ސަރަހައްދުން އެއްވެސްބައެއް އެހެން ޤައުމެއްގެ ބަޔަކަށް ދިވެހިންގެ އަތުން ބީވެގެން ދިއުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށާއި އިޤުތިސާދަށް ވެސް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްލިބި ރާއްޖޭގެ މިނިވަންކަމަށް ލޮޅުންއަރާ އިސްތިގުލާލާއި ސިޔާދަތު ގެއްލިގެން ހިނގައިދާނެ ކަމެއްކަމުގައި މި ޕާޓީން ދެކެމެވެ،" ބަޔާނުގައި ވެއެވެ.

އެމްޑީއޭގެ ނޫސް ބަޔާން ނިންމާލަމުން ބުނެފައިވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ނިންމި ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލާއި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅައިގެން އުޅޭ މި ދެ ޚުޞޫމަތަކީ، ރާއްޖޭގެ އިޤުތިސާދީ ޚާއްސަ ސަރަހައްދުގެ ކޮންޓިނެންޓަލް ޝެލްފް ބައުންޑަރީ ކަނޑައަޅާއިރު ފޯޅަވައްސާއި އައްޑު އަތޮޅުގެ ކޮންޓިނެންޓަލް ސެލްފް ނުވަތަ މިންއެޅުމުގައި ގުޅިލާމެހިފައިވާ ސަރަހައްދީ ދެ މައްސަލަކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

ރާއްޖެ، މޮރިޝަސްގެ އިޤުތިސާދީ ސަރަހައްދާ ގުޅޭގޮތުން މިވަގުތު އުފެދިގެން އުޅޭ ހޫނު ބަހުސްގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

comment ކޮމެންޓް