ޗާގޯސް މައްސަލައަކީ ކުޅޭކުޅޭ މައްސަލައެއް ނޫން، މައްސަލައިގެ ވާނުނާ ރައްޔިތުންނަށް އެނގެންޖެހޭ: މުނައްވަރު

ކުރީގެ އެޓާނީޖެނެރަލް ޑރ. މުހައްމަދު މުނައްވަރު މީގެކުރިން ސަންއަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ޖަރުމަނުގައި ހުންނަ، "އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ" (އިޓްލޮސް)ގައި މިހާރު ކުރިއަށް ދާ ދިވެހިރާއްޖެ އާއި ޗާގޮސް (ފޯޅަވަހި)އާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރާ ގޮތް ދިވެހި ރައްޔިތުންނަށް ހަމާ ކުރަން ޖެހޭނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅިގެން ޑރ. މުނައްވަރު ވިދާޅުވީ ކަމާ ގުޅޭ ސަރުކާރުގެ ނިންމުންތައް ދިވެހިރައްޔިތުންނާ ހިއްސާ ކުރަންޖެހޭ ކަމަށެވެ.

"މިއީކީ ކުޅޭކުޅޭ މައްސަލައެއް ނޫނޭ. ސަރުކާރުން މިފަދަ މައްސަލަތައް ނަގަނީ ވަރަށް ލުއިކޮށް. ދައުލަތާ އިދިކޮޅަށް ކޯޓަކަށް މައްސަލަ ހުށަހެޅިއްޖެއްޔާ އެމީހަކު ހޯދާފަ އެމީހަކާއެކު ޑީލް ހަދައި، ރައްޓެއްސެއް ވެއްޖެޔާ ލާރިކޮޅެއްދީ. އެހެން މީހަކު ވެއްޖެޔާ އެހެން ކޮންމެވެސް ގޮތެއް ހަދައި، ވަރަށް ލުއިކޮށް މި ގެންދަނީ،" ޑރ. މުނައްވަރު ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީ އެ މައްސަލަ ހިނގަމުންދާއިރު މި ސަރުކާރުން އެކަން ކުޅޭކުޅޭ އެއްޗަކަށް ހަދާފައިވާ ކަމަށެވެ. ދައުލަތުގެ ސަރަހައްދަކާ ބެހޭ ގޮތުން ލުއިކޮށް ނަގައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ މި ދާއިރާއިން ދިވެހި ދައުލަތުގެ ޚަރަދުގައި ކިޔަވައިން ހުރި މީހެއް. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ޑްރާފްޓްކުރީ އަޅުގަނޑު. އެ ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ދިޔައީ އަޅުގަނޑު. އޭގެ ދަށުން އަޅުގަނޑު މި އިންނަނީ ދިވެހި ދައުލަތަށް ލިބެންވާ ސަރަހައްދު އެންމެ ބޮޑު ކޮށް ކްލެއިމް ކޮށްފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މޮރިޝަސްއަކަށް މި ސަރަހައްދުން ބައެއް ލިބިގެނެއް ނުވޭ،" ޑރ. މުނައްވަރު ވިދާޅުވިއެވެ.

މޮރިޝަސް ސަރުކާރުން ހުށަހެޅި މައްސަލައިގައި އޮތީ ކީއްކޭކަން ދިވެހިރައްޔިތުންނަށް އެނގެން ޖެހޭ ކަން ފާހަގަކުރައްވައި ޑރ. މުނައްވަރު ވިދާޅުވީ އެއަށް ދިވެހި ދައުލަތުން ދޭ ޖަވާބަކީ ކޮބައިތޯ ވެސް ދިވެހީންނަށް އެނގެންޖެހޭ ކަމަށެވެ.

ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވާ ގޮތަށް އެ ބައި ހޯދައިގަތުމުގެ ނިޔަތުގައި ބަޔަކު މައްސަލައެއް ހުށަހަޅައިފިނަމަ ރައްޔިތުންގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން އެނގެން ޖެހޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޑރ. މުނައްވަރު މިދިޔަ ނޮވެމްބަރު މަހު ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވަނީ އެ މައްސަލަކީ ދިިވެހި ރައްޔިތުންނާއި ދިވެހި މަސްވެރިން، ޚާއްސަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން ފުންކޮށް ވިސްނައި، ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލުތަކެއް އައިސް، މަސްވެރިކަމަށް ނޭދެވެ އަސަރުތަކެއް ކުުރުމުގެ ބިރު ހީވެފައިވާ ކަމަށް ވެސް ޑރ. މުނައްވަރު ވިދާޅުވެފައިވެއެވެ. ވުމާއެކު އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި އެންމެހާ ރައްޔިތުންނާ ފުރިހަމައަށް ހިއްސާ ކުރުމަށް އެޓާނީ ޖެނެރަލްއާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީއަށް އޭނާ ގޮވާލައްވާފައިވެއެވެ.

އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ އިމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާ ކަމަށެވެ.

"އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް. މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވޭ. ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ، މުއާހަދާގެ ދަށުން އެ މައްސަލަ މައުޟޫއީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ އިންތައް ކަނޑައަޅާނެ ކަމަށެވެ.

"ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، ޢާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން،" ހުސައިން ވިދާޅުވިއެވެ.

ނަތީޖާއަކަށްވެގެންދާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ އިންތައް ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިޔުން ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ބަދަލުވީ ޗާގޮސްގެ މިނިވަންކަމާމެދު ރާއްޖޭގެ ނިންމުން ކަމަށެވެ. އެގޮތުން ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދިނުމަށް ވަނީ ނިންމާފައެވެ.

"މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ޞާލިހު ވަނީ ވިދާޅުވެފައި. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަ. ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރޭ،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސިޔާސަތު ބަދަލު ކުރީ އޭގެ ސަބަބުން ރާއްޖެއަށް ފައިދާވެގެންދާނެތީއެވެ.

comment ކޮމެންޓް