ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލަ: ރާއްޖޭން ކަނޑުގެ ސަރަހައްދުގެ އެއްވެސް ބައެއް ދޫނުކުރާނެ

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު --- ފޮޓޯ: އޭޖީ

ޖަރުމަނުގައި ހުންނަ، "އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ" (އިޓްލޮސް)ގައި މިހާރު ކުރިއަށް ދާ ދިވެހިރާއްޖެ އާއި ޗާގޮސް (ފޯޅަވަހި)އާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައިގައި ރާއްޖެއިން އެއްވެސް ތަނެއް ދޫނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ އިމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާ ކަމަށެވެ.

"އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް. މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވޭ. ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ، މުއާހަދާގެ ދަށުން އެ މައްސަލަ މައުޟޫއީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ އިންތައް ކަނޑައަޅާނެ ކަމަށެވެ.

"ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، ޢާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން،" ހުސައިން ވިދާޅުވިއެވެ.

ނަތީޖާއަކަށްވެގެންދާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ އިންތައް ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިޔުން ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ބަދަލުވީ ޗާގޮސްގެ މިނިވަންކަމާމެދު ރާއްޖޭގެ ނިންމުން ކަމަށެވެ. އެގޮތުން ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދިނުމަށް ވަނީ ނިންމާފައެވެ.

"މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ޞާލިހު ވަނީ ވިދާޅުވެފައި. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަ. ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރޭ،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސިޔާސަތު ބަދަލު ކުރީ އޭގެ ސަބަބުން ރާއްޖެއަށް ފައިދާވެގެންދާނެތީއެވެ.

"އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އެޑްވައިޒަރީ އޮޕީނިއަންއެއް 2019 ގައި ޗާގޮސް ޑީކޮލޮނައިޒޭޝަން މައްސަލައާ ގުޅިގެން ނެރުނު. އޭގައިވެސް ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ނިންމާފައިވޭ،"

އައިސީޖޭއަކީ ބައިންއަގްވާމީ މައްސަލަތައް ބެލުމަށް ޔޫއެން ގެ ޗާޓަރުން އުފައްދާފައިވާ ޖުޑީޝަލް ބޮޑީއެކެވެ. ބައިނަލްއަގްވާމީ މައްސަލަތަކުގައި ގޮތް ނިންމައި ލަފާ ދިނުމުގެ މެންޑޭޓެއް ވެސް އައިސީޖޭގެ އޮވެއެވެ.

comment ކޮމެންޓް