ލީޑާޝިޕާ ގުޅޭ ޕެނަލް ޑިސްކަޝަނެއް އެވިޑުން ބާއްވައިފި

އެވިޑް ކޮލެޖުން "ޑިވެލޮޕިން އެންޑް ރިފައިނިން ޔޯ ލީޑަޝިޕް އެޕްރޯޗް"ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން --- ފޮޓޯ/ އެވިޑް

"ޑިވެލޮޕިން އެންޑް ރިފައިނިން ޔޯ ލީޑަޝިޕް އެޕްރޯޗް" ތީމެއްގެ ގޮތުގައި ހަމަޖައްސައިގެން، އެވިޑް ކޮލެޖުން އޯޕަން ޕެނަލް ޑިސްކަޝަނެއް އިއްޔެ ހަވީރު ސްޓެލްކޯ ބިލްޑިންގެ އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ.

އެ ޕެނަލް ޑިސްކަޝަންގައި ބައެއް ސްކޫލްތަކުގެ އިސްވެރިންނާއި އެވިޑް ކޮލެޖްގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ސެޝަން އިފްތިތާހްކޮށްދެއްވައި ބައިވެރިންނަށް މަރްހަބާ ވިދާޅުވުމުގެ ގޮތުން ވާހަކަ ދެއްކެވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދެވެ.

އެ ޑިސްކަޝަންގައި މެމްބަރުންގެ ގޮތުގައި ތިއްބެވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމުގައިވާ ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަންގެ ވައިސް ޗާންސެލާ ޕްރޮފެސާ ޕީޓާ ޖޯން ސީބީއީ އާއި އެ ޔުނިވާސިޓީގެ ޕްރޯ ވައިސް ޗާންސެލާ ބިޒްނަސް ޑިވެލޮޕްމެންޓް ޑރ. ސުރެޝް ގަމްލަތުއެވެ.

ހަމައެއާއެކު، އެވިޑް ކޮލެޖްގެ ރެކްޓާ ޑރ. ސުނީނާ ރަޝީދާއި އެވިޑް ކޮލެޖްގެ ވައިސްރެކްޓާ އަހްމަދު ފަޔާޒް ހަސަންއާއި އެވިޑް ކޮލެޖްގެ ޑީންސް ކަމުގައިވާ ޑރ. ޢައިޝަތު ރަމީލާއާއި، ޑރ. ޒަކިއްޔާ މޫސާއާއި މަރިޔަމް ވަސީމާ ވެސް އެ ޑިސްކަޝަންގައި މެމްބަރުންގެ ގޮތުގައި ތިއްބެވިއެވެ.

އެ ޑިސްކަޝަންގައި ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަންގެ ވައިސްޗާންސެލާ ޕްރޮފެސާ ޕީޓާ ވަނީ ތަގުރީރު ކުރައްވާފައެވެ.

އޭނާގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މެނޭޖްމެންޓެއްގައި އޮންނަ ލީޑާޝިޕް ވަރުގަދަކުރުމަށާއި އަދި އިތުރަށް ތަރައްގީ ކުރުމުގެ މައްޗަށެވެ.

އިއްޔެގެ އެ ތަގުރީރުގައި އޭނާ އަލިއަޅުވާލެއްވި މައިގަނޑު ބައިތަކުގެ ތެރޭގައި ލީޑަރުންނަށް ދިމާވެދާނެ ގޮންޖެހުންތަކާއި މޮޅު ލީޑަރުންނަކީ ކޮބައިކަމާއި ބައެއް ލީޑަރުންގެ ކިބައިގައި ހުންނަ ދޯހަޅި ސިފަތަކާއި ލީޑަރުންގެ ވައްތަރުތައް ހިމެނެއެވެ.

މީގެ އިތުރުން ބައިވެރިން ހުށަހެޅުއްވި ސުވާލުތަކަށް ޕްރޮފެސާ ޕީޓާ އިއްޔެ ވަނީ ޖަވާބު ދެއްވާފައެވެ.

comment ކޮމެންޓް