"އަހަރެން ބޭނުމެއް ނޫން މިރޭ ރިފްއަތުއާ ވާހަކަ ދައްކާކަށް." ޒިޔާނާ ހިތްހަމަ ނުޖެހުމާއެކު ބުނެލިއެވެ. ރިފްއަތަށް ވެސް ޒިޔާނާގެ ރުޅިވެރިކަން އިޙްސާސްކުރެވުނެވެ. އޭނާ ދެރަވީ އެއީ ދުވަހަކުވެސް ޒިޔާނާ އޭނާއާ ވާހަކަ ދެއްކި ގޮތަކަށް ނުވާތީއެވެ. އިތުރަށް ރިފްއަތަށް ބަލައިލުމެއްވެސް ނެތި ޒިޔާނާ ގޮސް މިޝްޔާގެ ކޮޓަރީގެ ދޮރުފަތް ހުޅުވައިލިއެވެ.
ބާލީސް މޫނުމަތީގައި އަޅައިގެން އޮވެ ރޮމުން ދިޔަ މިޝްޔާ ފެނުމާއެކު, ޒިޔާނާއަށް މާކިންއާ ދިމާލަށް ބަލައިލެވުނީ ކަރުނަވީ ދެލޮލުންނެވެ. އަމިއްލަ ދަރިފުޅު އެފަދަ ހިތާމައެއްގައި ވާތަން ބަލާކަށް އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ރިފްއަތުގެ ސަބަބުންވެސް އޭނާއަށް ލިބިފައިވަނީ އިތުރު ހިތްދަތިކަމެކެވެ. މާކިން ބޯ ޖަހައިލީ ޒިޔާނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ކަރުނަތައް ކޮންޓްރޯލް ކުރަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު, ޒިޔާނާ ގޮސް މިޝްޔާގެ އެނދުގެ މަަގަތުގައި އިށީނދެލިއެވެ. އެއަށްފަހު, އޭނާ މިޝްޔާއަށް ގޮވައިލިއެވެ. އެ ގޮވައިލުމުގައި ވަނީ އިންތިހާ ވޭނެވެ.
"ދަރިފުޅާ! މަންމައަށް... މަންމައަށް މާފުކުރޭ!" ޒިޔާނާ މަޑުމަޑުން ބުނެލިއެވެ. އޭރުވެސް މިޝްޔާގެ މަޑު ގިސްލުމުގެ އަޑު ކެނޑި ނޭޅި ކޮޓަރި ތެރެއިން އިވެމުންދިޔައެވެ. އެ ވާނީ ރުއިމުގެ އަޑު އިވެމުންދިޔަ ޒިޔާނާއަށް ހީވަނީ އޭނާގެ މޭ ތޮރުފަމުން ދާހެންނެވެ. އޭނާ މަޑުމަޑުން މިޝްޔާގެ މޫނުމަތިން ބާލީސް ނަގަން މަސައްކަތް ކުރަމުން ދިޔައެވެ. އެކަން ކާމިޔާބު ނުވުމުން މާޔޫސްކަމާއެކު, އޭނާ ބަލައިލީ މާކިންއަށެވެ. އެތައްއިރަކު ރުއިމަށްފަހު, މިޝްޔާ ބާލީސް ދުރުކޮށްލަމުން ޒިޔާނާއަށް ބަލައިލިއެވެ. އެއަށްފަހު, ތެދުވެ އޭނާ ޒިޔާނާގެ ގައިގައި ބައްދައިގަތެވެ. އެ މަންޒަރު ބަލަން ހުރި މާކިންގެ އެތެރެ ހަށީގައި ރުޅިވެރިކަމުގެ އިޙްސާސްތައް އުތުރިއަރަން ފެށިއެވެ. ބޮޑުބޭބެ މިޝްޔާއަށް އެ ދިނީ ކޮންފަދަ ވޭނީ އަނިޔާއެއް ހެއްޔެވެ؟ އެހަނދާންތައް އުމުރު ދުވަހަށް މިޝްޔާއަށް ގޯނާ ކުރާނެއެވެ. އެފަދަ ޚިޔާލުތައް ވެރިވަމުން ދިޔުމުގެ ސަބަބުން، މާކިންއަށް އޭނާގެ ރުޅިގަނޑުގެ މައްޗަށް ކޮނޓްރޯލް ގެއްލެމުން ދިޔައެވެ. ގޮށް މުށްކަވާފައި ފާރުގައި ޖެހި އަޑަށް މިޝްޔާގެ އިތުރުން ޒިޔާނާވެސް އެ ދިމާލަށް ބަލައިލިއެވެ. އޭނާއާ ދިމާލަށް އެ ދެމީހުން ބަލާހެން ހީވެގެން މާކިން ބަލައިލިއެވެ.
"ސޮރީ..." އޭނާ ބުނެލިއެވެ. އޭނާގެ ކުރިމަތީގައި ބޮޑުބޭބެ ހުރިނަމަ އޭނާގެ އަތުން ބޮޑުބޭބެ މަރުވީހެވެ. މާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ.
އެރޭ ޒިޔާނާ މަޑުކުރީ މިޝްޔާގެ ގާތުގައެވެ. ޒިޔާނާގެ އެދުމަށް މާކިން އޭނާގެ ކޮޓަރިއަށް ދިޔަނަމަވެސް، އޭނާއަށް ނިދޭގޮތެއް ނުވިއެވެ.
ޒިޔާނާގެ ކައިރީގައި މިޝްޔާ އޮތް އިރު ޒިޔާނާގެ ނަޒަރު ވަނީ ސީލިންގަށް ހުއްޓިފައެވެ. އޭނާ ދިޔައީ މަޑުމަޑުން މިޝްޔާގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ. ޒިޔާނާ އިރުއިރުކޮޅަކާ އޭނާގެ ދެލޯ ފުހެލައެވެ. މިޝްޔާއަށް ނިދުނުކަން ޔަޤީންވުމުން އޭނާ ހަމަޖެހުމުގެ ނޭވާއެއް ލިޔެވެ. ފަތިސް ނަމާދަށް ގޮވި އިރުވެސް ޒިޔާނާ އޮތީ އެގޮތަށެވެ. ނަމާދަށް ގޮވުމުން ތެދުވެ ނަމާދުކޮށްލައިގެން އޭނާ މިޝްޔާއަށް ވެސް ގޮވިއެވެ. މަންމަގެ އެދުމަށް ދެކޮޅު ހަދާކަށް މިޝްޔާ ނޫޅުނެވެ. އޭނާ ވެސް ނަމާދުކޮށްލައިގެން އަނެއްކާ އެނދުގައި އިށީނެވެ.
ޒިޔާނާ ނިދަން ނައުމުން ވެސް ރިފްއަތަށް ޒިޔާނާއާ ވާހަކަ ދައްކާކަށް ނުކެރުނެވެ. އޭނާ ޒިޔާނާ ބަލައި ނުދިޔައީ ޚުދު މިޝްޔާއަށް ވެސް މީހެއްގެ އެހީތެރިކަން ބޭނުންވާނެކަން އިޙްސާސްކުރެވެމުންނެވެ. ހެނދުނު ހޭލައިގެން އޮފީހަށް ނުދެވޭނެކަމަށް އެންގުމަށްފަހު ރިފްއަތު ތިރިއަށް ދިޔައިރު، ޒިޔާނާ ތަބަކަކަށް ކާއެއްޗެހި އަޅައިގެން ނުކުންނަނީއެވެ. ރިފްއަތު ފެނުމާއެކު ވެސް ޒިޔާނާ އެއްޗެއް ނުބުނެ އޭނާ ފަސްދީ ދާން ފެށުުމުން ރިފްއަތު ގޮވައިލިއެވެ.
"ޒިޔާނާ! މިޝްޔާއަށްތަ ތި ގެންދަނީ؟" ރިފްއަތު ސުވާލުކޮށްލިއެވެ.
"މިޝްޔާއަށާއި އަހަންނަށާ. އަހަރެންވެސް ސައިބޯނީ މިޝްޔާއާ އެކީ." އެހެން ބުނެލުމަށްފަހު ހިތްހަމަ ނުޖެހުމާއެކު، ޒިޔާނާ ސިޑިއާ ދިމާލަށް ހިނގައިގަތުމުން އޭނާ އެހުރީ އަދިވެސް ރޭގައި ކަންތައްކުރި ގޮތުން ރުޅިއައިސްފައިކަން ރިފްއަތަށް ދެނެގަނެވުނެވެ. އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރީ އޭނާ ކަންތައްކުރީ ރަނގަޅަށް ކަމުގައެވެ. އެއާއިލާއަށާއި މިޝްޔާގެ އަބުރަށް ލިބިދާނޭ ހުތުރު ނަމަކުން ސަލާމަތްކުރުމަށް ކަމުގައެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ އެކަމުގެ ސަބަބުން މިޝްޔާއަށް ކޮށްފާނޭ ނޭދެވޭ އަސަރެވެ. އެ ހިތަށް ލިބޭނޭ ވޭނެވެ. އެކަން ފޮރުވުމަކީ އެންމެ ރަގަޅު ގޮތްކަމުގައި އޭނާ އަމިއްލަ ހިތަށް ވިސްނައިދިން ކަމުގައި ވީނަމަވެސް، އެ ހިތުގައިވެސް ނުތަނަވަސްކަން ވިއެވެ.
*****
އެ ދުވަހުގެ ފަހުން ޒިޔާނާއާއި ރިފްއަތާ ދެމީހުންގެ ދެމެދަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް އެ ދެމެދުގައި ނުވާ ފަދަ ދުރުކަމެއް އެދެމެދަށް ވެރިވެއްޖެކަން މިޝްޔާގެ އިތުރުން މާކިންއަށް ވެސް އެނގެއެވެ. ސަބަބުވެސް މެއެވެ. އެހެންނަމަވެސް، އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް އެކަކަށް ވެސް ނުކެރެއެވެ.
އެރޭގެ ފަހުން ޒިޔާނާ ނިދަނީވެސް ގިނައިން މިޝްޔާގެ ކައިރީގައެވެ. ރިފްއަތަށް ވެސް އެކަމާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ޒިޔާނާއާ ދައްކާކަށް ނުކެރެއެވެ. އޭނާ ކޮޓަރިއަށް އަންނަން އެދުމުން ކޮންމެ ފަހަރަކުވެސް ޒިޔާނާ އެކަމާ ދެކޮޅު ހަދައެވެ. މިޝްޔާގެ އިތުރުން އެ ހުރިހާކަމަކުން ޒިޔާނާއަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ. އެކަނިވާ ކޮންމެ ފަހަރަކު ރޮވެއެވެ. މިޝްޔާއާ މާކިންއަށް އެ ހިތާމަތައް ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އޭނާއަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އޭގެފަހުން ވެސް އެތަކެއް ފަހަރަކު އެ މައްސަލަ ފުލުހަށް ދާން ޒިޔާނާ ރިފްއަތަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް، އެކަމާ ރިފްއަތު އެއްބަހެއް ނުވިއެވެ.
"މަންމާ..." ޓެރެސްގައި އެކަނިމާއެކަނި ހުރެ ރޮމުން ދިޔަ ޒިޔާނާ ސިހުނީ މާކިންގެ އަޑަށެވެ. އޭނާ އަވަސް އަވަހަށް ކަރުނަތައް ފުހެލަމުން ހަމަޖެހިލަމުން ފަސް އެނބުރި މާކިންއަށް ބަލައިލި ނަމަވެސް، ޒިޔާނާ ރޮނީކަން މާކިންއަށް ދެނެގަނެވުނެވެ.
"ކޮބާ މިޝޫ؟" ހަމަޖެހެން މަސައްކަތް ކުރަމުން ޒިޔާނާ އެހެން ބުނެލި ނަމަވެސް، އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއް ވިއެވެ.
"ކޮޓަރީގައި..." މާކިން ބުނެލިއެވެ. ޒިޔާނާ އިތުރު އެއްޗެއް ނުބުނުމުން މާކިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"މަންމާ! ބައްޕަ އެބަ ހޯދާ މަންމަ..." މާކިން ބުނެލިއެވެ.
"ހޫމް" އިތުރު އެއްޗެއް ޒިޔާނާ ނުބުނެއެެވެ.
"މަންމާ... "
"މިދަނީ..." މާކިން ދެވަނަ ފަަހަރަށް އޭނާއަށް ގޮވައިލުމާއެކު ޒިޔާނާ އެެހެން ބުނެލާފައި ހިނގައިގަތެވެ. ޒިޔާނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު، މާކިން އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. ފަލަކުގައި އިން ހަނދު ތަޚުތުގައި ރަސްކަން ކުރަމުން ދިޔައިރު އެ ދަރުބާރު ފަޅުފިލުވައިދީފައިވަނީ އެތައް ހާސް ޖަވާހިރުތަކެއްފަދަ ތަރިތަކަކުންނެވެ. އުޑުމަތި ސާފުވެފައި ވިލާކޮޅެއްގެ އަސަރުވެސް ފެންނަން ނެތެވެ. ހަނދުވަރުގެ ރިހިއަލިން ދުނިޔެމަތި އަލިކޮށްލާފައިވާއިރު، ވަރަށް ހިތްގައިމެވެ. ޖެހެމުން ދިޔައީ ތެތްފިނި ވައިރޯޅިތަކެކެވެ. ހިތްހަމަޖެހުން ގެނުވާނެ ގުދުރަތީ ރީތި މަންޒިލަކަށް އެ މުޅި މާހައުލު ވީކަމުގައިވީނަމަވެސް، އެއިން އެއްވެސްކަމަކުން މާކިންގެ ހިތަކަށް ތަސައްލީއެއް ނުލިބުނެވެ. އާއިލާގައި ވި ހަމަ ނުޖެހުމާއި މިޝްޔާގެ އިތުރުން ޒިޔާނާއާ މެދު އޭނާ ވަނީ ކަންބޮޑުވެފައެވެ. ޒިޔާނާ ނުބުނި ނަމަވެސް، މަންމަ ބަލިކަށިވެފައިވާވަރު މާކިންއަށް ވެސް އިޙްސާސްކުރެވެއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލީ ހަށިގަނޑުގައިވީ ނުތަނަވަސްކަން ދުރުކޮށްލުމުގެ ބޭނުމުގައި ނަމަވެސް، އެކަމުން ވެސް އޭނާއަށް ލުޔެއް ނުލިބުނެވެ. ބައްޕައާ މެދު ހިތުގައި އެތަކެއްޝަކުވާއެއް އުފެދިފައިވެއެވެ. ހަމައެއާއެކު މަންމައާ ބައްޕައާ ދެމެދު އުފެދިގެން އުޅޭ ނުތަނަވަސްކަމުގެ ސަބަބުންވެސް އޭނާ ވަނީ ހާސްވެ ކަންބޮޑުވެފައެވެ. ބޮޑުބޭބެގެ މަތިން ހަނދާންވުމާއެކު އޭނާއަށް ރެއިލިންގައި އަތުން ބާރުކޮށްލެވުނެވެ. އެ އަނިޔާވެރިޔާ މިނިވަންކަމާއެކު ދޫކޮށްލުމަކީ އެ މީހުންނަށް ހެދުނު ގޯހެއްކަމުގައި އޭނާއަށް ގަބޫލުކުރެވެއެެވެ. އެހެންނަމަވެސް، ބައްޕައާ ދެކޮޅު ހަދާ އެ މައްސަލަ ފުލުހަށް ލާކަށް އޭނާއަކަށް ވެސް ހިތްވަރެއް ނުލިބުނެވެ.
އެ ހާދިސާއަށް ހަ މަސް ވެގެން ދިޔައިރުވެސް ގޭގެތޭރައި ވަނީ ނުތަނަވަސްކަމެވެ. ރިފްއަތާއި ޒިޔާނާގެ ގުޅުމަށް ބަދަލެއް ނާދެއެވެ.
އެއީވެސް އެފަދަ ދުވަހެކެވެ. ޒިޔާނާ ހުރީ ކޮޓަރީގައެވެ. ރިފްއަތުގެ އޮފީސް އެއްޗެހި ނަގައިދީފައި އިތުރު އެއްޗެއް ނުބުނެ އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެއާއެކު ރިފްއަތު އޭނާއަށް ގޮވައިލިއެވެ. ޒިޔާނާ ފިޔަވަޅުތައް މަޑުޖައްސައިލަމުން ރިފްއަތު އައިސް ޒިޔާނާގެ ކުރިމައްޗަށް ވާގޮތަށް ހުއްޓުނެވެ.
"ޒިޔާނާ. އަހަރެން ދެކެ އަދިވެސް ރުޅި އައިސްފަތަ؟ އަހަރެން އެކަންތައް ކުރީ ހަމަ މިޝްޔާއަށް ރަނގަޅަކަށޭ..." ރިފްއަތު ބުނެލިއެވެ.
"ރިފްއަތަށް ވެސް އެނގޭނެ އެކަން ކުރީ ކޮންމެހެން މިޝްޔާއަށް ރަނގަޅަކަށް ނޫންކަން. ރިފްއަތު ވިސްނީ ވިޔަފާރިއަށް. މީހުން ކިޔާނެ އެއްޗެއްސަށް..." އެހެން ބުނެލަމުން ޒިޔާނާ ހިނގައިގަތުމުން ރިފްއަތަށް ޒިޔާނާގެ އަތުގައި ހިފައްޓައިލެވުނެވެ.
"ޒިޔާނާ... އަހަންނަށް ވަރަށް އުނދަގޫ މިހެން އުޅެން. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް މައްސަލަ!..."
"މައްސަލައޭ ރިފްއަތު. ރިފްއަތަށް ނޭނގޭތަ މިޝޫއަށް ވެފައި ހުރި ގޮތެއް؟ ނުފެންނަނީތަ؟ ދުވަލުދާ ހަތަރުދަމު ކޮޓަރީގައި އޮވެގެން ރޯ މަންޒަރު ފެންނަނީ އަހަންނަށޭ. އެދަރިފުޅު ރޭގަނޑު ނުނިދިގެން ތެޅެމުންދާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ހާދަ ތަދުވެޔޭ. ރޮއިރޮއި ހަޅޭއްލަވާ ތަން ފެންނަނީ އަހަންނަށޭ... ނުކެވި މީހާ ހިކި އަނަރޫފަވެފައިވާ މަންޒަރު ވެސް ރިފްއަތަށް ނުފެންނަނީތަ؟ އެއީ ރިފްއަތުގެވެސް ދަރިއެކޭ... ތިހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟ ކުޑަވެސް ރަހުމެއް ނެތީތަ؟ އޭނަ މިނިވަންކަމާއެކު ދޫކޮށްލި އިރު އަހަރެންގެ ދަރިފުޅަށޭ ހުރިހާ އަސަރެއް ކުރީ. އުމުރަށް އޭނަ ހިތުން އެ ހަނދާންތަކެއް ދުވަހަކުވެސް ނުފިލާނެޔޭ. އެންމެ ފަހަރަކު ވެސް މިޝްޔާއާ ރަނގަޅަށް ވާހަކަ ދައްކާލެވުނުތަ ރިފްއަތަށް. ކިހިނެއްހޭ އަހައިލުމުން ފުދުނީތަ އެއީ؟ މިއީ އާދައިގެ ކަމެއް ނޫނޭ... އެއީ..."
ޒިޔާނާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް ރޮވެން ފެށުނެވެ. ޒިޔާނާގެ ވާހަކަތަކުން ރިފްއަތަށް ބުނާނެ އެއްޗެއް ނޭނގި ހުރެވުނެވެ. އޭނާއަށް ޒިޔާނާގެ އަތުން ދޫކޮށްލެވުނެވެ. ކަރުނަތައް ފުހެމުން ފުހެމުން ގޮސް ޒިޔާނާ ކޮޓަރީގެ ދޮރުގައި ހިފައްޓައިލި ވަގުތު އޭނާގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. ޒިޔާނާއަށް މަޑުޖެހިލެވުނެވެ. ރިފްއަތަށް ވެސް އެ މަންޒަުރު ފެނުނެވެ. އޭނާ ޒިޔާނާގެ ގާތުގައި ރަނގަޅުތޯ ސުވާލުކޮށްލަމުން އައިސް އަތުގައި ހިފައްޓައިލުމުން ޒިޔާނާ އެއަތް ފޮޅުވައިލިއެވެ. އެއްއަތުން ބޮލުގައި ހިފައްޓައިލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް ނުކުންނަން ވެގެން ތަޅުގައި ހިފައިލިއެވެ. ދެލޮލަށް އަނދިރިވުމާއެކު އޭނާގެ އަތް ތަޅުން ދޫވެ ޓައިލްސްތަކު މައްޗަށް ވެއްޓެން ދިޔައެވެ.
(ނުނިމޭ)