މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީގެ އިތުރުން، ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑެއް ބައިވެރިވާ ފޯރިގަދަ މިއުޒިކް ޝޯ، ޗަނާޗާ ފެށެން ހަތް ދުވަހަށް ވެފައި ވާއިރު، ޝޯގެ ޓިކެޓް ގަންނަ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ބެނެލީގެ ފަރާތުން ހަދިޔާ ކޮށްފައިވާ، ފަނަރެއާ ސައިކަލެއް ހަދިޔާކުރަން ވަނީ ނިންމާފައެވެ.
ރާއްޖޭގެ މަޝްހޫރު ސްޓްރީމިން އެޕް، ބައިސްކޯފުން ބާއްވާ މި ޝޯ، ބާއްވަން ނިންމާފައިވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހު، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.
ހަވީރުގެ ޝޯއަށް ހިލޭ ވަދެވޭއިރު ރޭގަނޑު ޝޯއަށް ވަދެވެނީ 150 ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ. އެ ޝޯގެ ޓިކެޓް ބައިސްކޯފުން މިހާރު އަންނަނީ ވިއްކަމުންނެވެ. އޮންލައިންކޮށް ވެސް އެ ޓިކެޓް ގަނެވޭނެއެވެ.
މި ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑެއް ލަވަ ކުޅޭއިރު، ރާއްޖޭގެ އެހެން މިއުޒިޝަނުން ވެސް ބައިވެރިވާނެއެވެ. އެގޮތުން ޝޯގައި ކުޅެން ހަމަ ޖެހިފައިވާ ބޭންޑު ތަކަކީ ސްކައި ރޮކް، ރެވިއޯ، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އާޗީ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އަދި ހަންބަލް ބަކަރިއެވެ.
މި ޝޯ އެންމެ ޚާއްސަ ވަނީ، ރާއްޖޭގެ ގިނަ އަދަދެއްގެ މިއުޒިޝްނުންނާއި ބޭންޑުން ލަވަކުޅޭތީއެވެ. އެގޮތުން މި ޝޯގައި، ރާއްޖޭގެ 80އަށްވުރެ ގިނަ އާޓިސްޓުން ޕާފޯމް ކުރާނެއެވެ. ޝޯގައި "މަނިކޭ މަގޭ ހިތޭ" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި، ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑިސިލްވާގެ ލައިވް ޕާފޯމަންސް ފެންނާނެއެވެ. ޔޮހާނީގެ ލަވަކިޔުން އޮޮންނާނީ ރޭގަނޑު ކަމަށް ބައިސްކޯފުން ބުންޏެވެ.
ބައިސްކޯފުން ބުނީ، މީ މިއަހަރު ބާއްވާނެ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލަށް ވާނެ ކަމަށް ބައިސްކޯފުން ބުނެއެވެ.
ޗަނާޗާ އަކީ ބައިސްކޯފުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޝޯއެކެވެ. އެ ޝޯގެ މަގުސަދަކީ ދިވެހި ފަންނާނުންނަށް ފުރުސަތުދީ ކުރިއެރުވުމެވެ.