ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޮމާނަށް ވަޑައިގެންފިއެވެ.
ޝާހިދު އޮމާންގެ ވެރިރަށް މަސްކަޓަށް ވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ދެންނެވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލްޖަރާދީއެވެ.
ފޮރިން މިނިސްޓްރީން ބުނީ އޮމާނަށް ޝާހިދު ކުރައްވާ އެ ރަސްމީ ދަތުރުފުޅުގައި އޮމާންގެ ސުލްތާން ހައިތަމް ބިން ތާރިގް އާއި އެގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު އަލްބޫސައިދީ އާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
ސުލްތާން ހައިތަމް ބިން ތާރިގްއާ ބައްދަލުކުރައްވައި ރައީސް ޞާލިހުގެ ސިޓީފުޅެއް ރައްދުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުން ޝައުގުވެރިވާ ދާއިރާތަކުން މަޝްވަރާ ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، އޮމާންގެ ހެރިޓޭޖް އެންޑް ޓޫރިޒަމް މިނިސްޓަރު ސަލީމް ބިން މުހައްމަދު އަލްމަހުރޫގީއާ ބައްދަލުކުރައްވައި، އޮމާން އިންވެސްޓްމަންޓް އޮތޯރިޓީއާ ވެސް ޝާހިދު މަޝްވަރާކުރައްވާނެއެވެ.
ހަމައެއާއެކު، އެ މަޝްވަރާތަކުގައި ޓޫރިޒަމާއި އިންވެސްޓްމަންޓްގެ ދާއިރާތަކުން ދެގައުމުގެ މެދުގައި އެއްބާރުލުން ދޭނެ މަގުތައް ހޯއްދަވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރައީސް ޞާލިޙުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޝާހިދު އޮމާނަށް ކުރައްވާ ރަސްމީ އެދަތުރުފުޅުގައި ރާއްޖެއިން އޮމާނަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު އަހްމަދު ޚަލީލާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފާތިމަތު ނަޖްވާ ބައިވެރިވެވަޑައިގަންނަވައެވެ.