ފްރެންޗު ލީގުގައި މާސޭއާ ދެކޮޅަށް ނޭމާ ޖެހި ގޯލުން ޕީއެސްޖީ މޮޅުވެއްޖެއެވެ.
އެ މެޗުގައި ޕީއެސްޖީގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީ ވަނީ އަނިޔާއިން ރަނގަޅުވެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ. ޕީއެސްޖީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އަނިޔާގެ ސަބަބުން މެސީ ކުޅެފައެއް ނުވެއެވެ.
ޕީއެސްޖީގެ ފަރާތުން އެ މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އަދި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ވަނީ އުފައްދާފައެވެ.
އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ނޭމާ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން މާސޭގެ އޭރިއާތެރޭގައި ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާސޭގެ ކީޕަރު ލޮޕޭޒްއެވެ.
މެޗުގެ 35 ވަނަ މިނެޓުގައި މެސީ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދިނުމާ ވަރަށް ގާތަށް ޖެހިލައިފައެވެ. ނަމަވެސް މެސީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުރު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި އެމްބާޕޭ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ނޭމާ ވަނީ މެޗުގެ ހަމައެކަނީ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ނޭމާގެ ފުޓުބޯޅަ ކެރިއަރުގައި ޖެހި 200 ވަނަ ގޯލެވެ. އޭނާ ވަނީ ޕީއެސްޖީގެ އިތުރުން ބާސެލޯނާ އަދި ސަންޓޯސްއަށް ކުޅެފައެވެ.
އެގޮތުން ބްރެޒިލް ލީގުގައި ސަންޓޯސްއަށް ނޭމާ ވަނީ 54 ގޯލު ޖަހައިފައެވެ. އަދި ބާސެލޯނާއަށް ބަދަލުވެ އެ ޓީމަށް އޭނާ ވަނީ 68 ގޯލު ޖަހައިފައެވެ. އަދި ޕީއެސްޖީއަށް އޭނާ މިހާތަނަށް ޖެހި ގޯލުގެ އަދަދަކީ 78 އެވެ.
އެ ނަތީޖާއިން ޕީއެސްޖީ މޮޅުވެ ލީގު ތާވަލުގެ އެއްވަނައި އެ ޓީމު އޮތީ ކުޅުނު 11 މެޗުން 29 ޕޮއިންޓް ލިބިގެންނެވެ. މެޗުން ބަލިވި މާސޭ ތާވަލުގެ ހަތަރު ވަނައިގައި އޮތީ 11 މެޗު ކުޅެގެން ލިބުނު 23 ޕޮއިންޓާއެކުއެވެ.