ކްރިކެޓްގެ އެންމެ ފޯރިގަދަ ފޯމެޓު ކަމަށްވާ 20 އޯވަރަށް ކުޅޭ އައިސީސީ ޓީ20 ވޯލްޑް ކަޕް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު އެ މުބާރާތް މީޑިއާނެޓުންް ދެއްކުމަށް ހަމަޖެހިއްޖެއެވެ.
މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެ މުބާރާތުގެ ހުރިހާ މެޗެއް ސްޓާ ސްޕޯޓްސް ވަން އަދި ސްޓާ ސްޕޯޓްސް ޓޫ މެދުވެރިކޮށް ބަލާލެވޭނެއެވެ.
ކްރިކެޓްގެ އެންމެ ހުނަރުވެރި ކުޅުންތެރިންނާއި ވަރުގަދަ ގައުމުތަށް މި މުބާރާތަށް ކުރިމަތިލާއިރު މި މުބާރާތް ވެގެންދާނީ އައު ގައުމު ތަކާއި ޒުވާން ކުޅުންތެރިން ކްރިކެޓްގެ ދުނިޔޭގައި ވިދާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ. އެ މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގައެވެ.
ތާރީހުގެ ތެރެއިން ޓީ20 ވޯރލްޑްކަޕް
މި އަހަރުގެ މުބާރާތަކީ ޓީ20 ފޯމެޓް ތަޢާރަފް ކުރި ފަހުން ކުޅެވޭ އަށް ވަނަ ވޯލްޑް ކަޕެވެ. 2007 ވަނަ އަހަރު ބޭއްވުނު އެންމެ ފުރަތަމަ ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރީ ޕާކިސްތާނާ ފައިނަލުގައި ވާދަކޮށް އިންޑިއާ އިންނެވެ.
އެ މުބާރާތުގެ އެންމެ ކާމިޔާބު ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ 2012 އަދި 2016 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ވެސްޓް އިންޑީޒްއެވެ. މި މުބާރާތަށް ގައުމުތަކުން ކުރިމަތިލާއިރު އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަނުންނަކީ މި އަހަރުގެ މުބާރާތް ބާއްވާ ގައުމު އޮސްޓްރޭލިއާއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 16 ޓީމު ވާދަކުރާނެއެވެ. ގްރޫޕް ސްޓޭޖުގައި އަށް ޓީމު ދެ ގްރޫޕެއްގައި ވާދަ ކުރާނެއެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު މުބާރާތުގެ ސުޕަ 12 ގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ. އެއާއެކު ސުޕަ 12 ގެ ދެ ގްރޫޕުން އެންމެ ކުރިހޯދާ ޓީމުތައް މުބާރާތުގެ ތައްޓަށް ވާދަކުރާނެއެވެ.
މުބާރާތުގެ ގްރޫޕް ތަކާއި ޓީމުތައް
ގްރޫޕް ސްޓޭޖް – ގްރޫޕް އޭ
ގްރޫޕް އޭ ގެ އެންމެ ވަރުގަދަ ޓީމުތަކުގެ ގޮތުގައި ފާހަގަކޮށްލެވެނީ ކްރިކެޓްގެ ގަދަ ބާރު ސްރީ ލަންކާއެވެ. 2014 ވަނަ އަހަރު ސްރީ ލަންކާއިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އޭގެ ކުރިން 2012 އަދި 2009 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވަނީ ވާދަކޮށްފައެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ނެދަލޭންޑްސް އަދި ނަމީބިއާއެވެ. މިއީ ނަމީބިއާ އަދި ޔޫއޭއީގެ ދެ ވަނަ ޓީ20 ވޯލްޑްކަޕްގެ ފެނިލުމެވެ.
ނަމީބިއާ 2021 ވަނަ އަހަރު ސުޕަ12 އަށް ކޮލިފައި ވީއިރު ނެދަލޭންޑްސް ވަނީ 2014 ވަނަ އަހަރު ސުޕަ10 އަށް ކޮލިފައިވެފައެވެ.
ގްރޫޕް ސްޓޭޖް – ގްރޫޕް ބީ
މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ވެސްޓް އިންޑީޒްއަށް ސުޕަ12 އިން ޖާގަ ނުލިބި މިފަހަރު ޖެހޭނީ ފުރަތަމަ ގްރޫޕް ސްޓޭޖް ގިރާ ކުރާށެވެ.
ޖޭސަން ހޯލްޑާ އަދި އެވިން ލުވިސް ފަދަ މަޝްހޫރު ކުޅުންތެރިން ހިމެނޭ ވެސްޓް އިންޑީޒް ޓީމަކީ މި ގްރޫޕުގެ ފޭވަރިޓުންނެވެ. އަދި މި ގްރޫޕުގައި ދެން ހިމެނޭ ޓީމް ތަކަކީ އަޔާލެންޑް، ސްކޮޓްލެންޑް އަދި ޒިމްބާބްވޭއެވެ.
ސުޕަ12 – ގްރޫޕް 1
މުބާރާތް ބާއްވާ ގައުމު އަދި ތަށި ދިފާއުކުރަން ނިކުންނަ އޮސްޓްރޭލިއާ ހިމެނެނީ މި ގްރޫޕުގައެވެ. އޮސްޓްރޭލިއާ އާއި ވާދަކުރާނެ އެންމެ ވަރުގަދަ ޓީމެއްކަމަކަށް ވާނީ ދުނިޔޭގެ ރޭންކިންގް ދެ ވަނައިގައި އޮތް މިފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ އިންގްލެންޑެވެ.
އިންގްލެންޑުން ވަނީ 2010 ވަނަ އަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ނިއުޒިލެންޑް އަދި އަހަރަކަށްފަހު އަހަރެއް ކްރިކެޓްގައި ކުރިއެރުންތަކެއް ހާސިލްކުރަމުން އަންނަ އަފްޣާނިސްތާނުގެ ޓީމެވެ.
ސުޕަ 12 – ގްރޫޕް 2
ދުނިޔޭގެ ރޭންކިން އެއްވަނަ ޓީމު އިންޑިއާއަކީ މި ގްރޫޕް އަދި މި މުބާރާތުގެވެސް ފޭވަރިޓުންނެވެ. ވިރާޓް ކޯލީ އަދި ކޭ އެލް ރާހުލް ފަދަ ޓީ20 ފޯމެޓްގައި ތަޖުރިބާކާރު، އައިޕީއެލްގައި މޮޅު ކުޅުމެއް ދައްކަމުންދާ މި ކުޅުންތެރިން އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާނެކަން ޔަގީނެވެ.
އެ މުބާރާތް އެންމެ ފުރަތަމަ ބޭއްވި އަހަރުގެ ޗެމްޕިއަން އިންޑިއާއާ އެންމެ ވާދަ ކުރާނީ އަވައްޓެރި ގައުމު ޕާކިސްތާނެވެ. އިންޑިއާ އަދި ޕާކިސްތާނު ބައްދަލުކުރާ މެޗަކީ މުބާރާތުގެ އެންމެ ފޯރިގަދަ މެޗަށްވާނެއެވެ. ކްރިކެޓް އަދި ސިޔާސީ ކޯޅުމާހެދި މި ދެޓީމު ބައްދަލުކުރާ މެޗު އަބަދުވެސް ޚާއްސަވެގެން ދެއެވެ.
މި ގްރޫޕުގައި ދެން އޮތީ ބަންގްލަދޭޝް އަދި ސައުތު އެފްރިކާއެވެ. ސައުތް އެފްރިކާގެ މޮޅު ބެޓްސްމަން ޑޭވިޑް މިލާ އަދި ބަންގްލަދޭޝްގެ ޝަކީބު އަލް ހަސަންގެ މޮޅުކުޅުން މި މުބާރާތުގައި ފެނިގެންދާނެއެވެ. ޕާކިސްތާނުގެ ބަބަރު އާޒަމް އަކީ ފަހަކަށް އައިސް އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކަމުން ގެންނަ ކުޅުންތެރިއެއްކަން ވެސް ފާހަގަކޮށްލެއެވެ.
ކްރިކެޓްގެ ހުނަރުން ފުރިގެންވާ ކުޅުންތެރިން އުކަމުންދާ ބާރު ބޯޅަތަކާއި ދަނޑުން ބޭރަށް ބެޓުން ޖަހާލާ ބޯޅަތަކާއި ހިފާ ޗާލު ކެޗުތައް މީޑިއާނެޓުގެ ކަސްޓަމަރުންނަށް ޓީވީ އަދި އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.