ހިނގާފައި ދަނިކޮށް ކަކުލާ ހަމައަށް ގަނބައިގެންފި، މިއީ މަގުތަކުގެ ހާލަތުތަ؟

ފ.ބިލެއްދޫ މަގަކުން އިއްޔެ އަންހެނަކު ހިނގާފައި ދަނިކޮށް ކަކުލާ ހަމައަށް ބިމަށް ގަނބައިގެންފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

"ބިލެއްދޫ ލައިން" ކިޔާ އެރަށު ފޭސްބުކް ޕޭޖަކުން އެ ވީޑިއާ އާންމުކޮށް ލިޔެފައި ވަނީ މިއީ ވިއްސާރަވެއްޖެ ނަމަ އެ ރަށު މަގުތަކުގެ ހާލަތުކަމަށެވެ.

ވީޑިއޯއިން ފެންނަނީ މަގުގެ އެއްފަރާތެއްގައި މެދު އުމުރުގެ އަންހެނަކު ކަކުލާ ހަމައަށް ބިމަށް ގަނބައިގެންފައިވާ މަންޒަރެވެ. އޭރުވެސް މަގު މެދުގައި އޮތީ ފެން ހެދިފައެވެ. އަންހެން މީހާ ގަނބައިގެންފައިވާއިރު އޭނާ ކައިރީ ހުރި އަންހެނަކާއި، ވީޑިއޯކުރި މީހާ ވަނީ މިއީ މަގުތަކުގެ ހާލަތުކަމަށް ބުނެ ކައުންސިލަށް ފާޑުކިޔާފައެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލް މެމްބަރެއް ކަމަށްވާ އަރީހް އިސްމާއީލް ވިދާޅުވީ މި ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތަކީ މުޅިން ތެދު މައުލޫމާތު ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ބިލެއްދޫ މަގުތަކަކީ ހާލަތު ރަނގަޅު މަގުތަކެއް ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ ރަށުގައި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާގެ މަޝްރޫޫއަށް ހޮޅި ވަޅުލުމަށް ކޮނުމަށް ފަހު ފަސްއަޅާ ރަނގަޅަށް ކޮންޕެކްޓް ނުކޮށް އޮތް މަގަކަށް މީހަކު ގަނބައިގަނެފައިވާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އެމީހުން ކޯރު ކޮނެފަ، ވެލި އަޅާ ހޮޅި ވަޅުލާފަ، ކޮންމެޕްޓް ކުރަން އުޅެނިކޮށް ކެރިކޮޅެއް އައީމަ އެ ހުރީ. ދެން ރަނގަޅަށް ކޮންމެޕްޓް ނުކޮށް ހުރިއްޔާ ހަމަ ގަނބައިގަންނާނެތާ،" އޭނާ ވިދާޅުވިއެވެ.

އަރީހް ވިދާޅުވީ މިފަދަ ބޮޑެތި މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވާނެކަން ގަބޫލު ކުރާ ކަމަށެވެ. އަދި މަޝްރޫއު ނިމުމުންް އެފަދަ ކަންކަން ހައްލުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްފަހަރާ ހުރިހާ ކަމެއް ހައްލެއް ނުވާނެ ދެއްތޯ؟ މިކަހަލަ މަޝްރޫތައް ކުރިއަށް ގެންދާއިރު އުނދަގޫ ވާނެ ދުއްވާ އެއްޗިއްސަށް ވެސް،" އޭނާ ވިދާޅުވިއެވެ.

ކައުންސިލުން އެގޮތަށް ބުނާއިރު އެ މަގުން ހިނގުމުގައި ސަމާލުވުމަށް ބޯޑެއް އެއްޗެއް ޖަހާފައި ހުންނަ މަންޒަރެއް ވީޑިއޯއަކުން ނުފެއެވެ.

comment ކޮމެންޓް