ކްލަބް މޯލްޑިވްސް ކަޕުގައި ރޭ މިފްކޯ އާއި އެމްޓީސީސީ ބައްދަލުކުރި މެޗް އެމްޓީސީސީ ކާމިޔާބުކޮށްފިއެވެ.
މިމެޗް އެމްޓީސީސީ ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެމްޓީސީސީއަށް ގޯލް ހުޅުވާދިނީ މެޗު ފަށައިގެން ހަތަރު ވަނަ މިނެޓް ތެރޭގައި މުހައްމަދު ފަޒަލްއެވެ. އެމްޓީސީސީން ލީޑް ނަގާފައިވަނިކޮށް މިފްކޯގެ އަހުމަދު ރިފްޝާން ވަނީ 15 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގައި އެމްޓީސީސީން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 27 ވަނަ މިނެޓްތެރޭގައި ފަޒަލް ނަގައިދިން ކޯނަރެއް، ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން އަލީ ލިރުޢާމެވެ.
މެޗުން ދެވަނަ ފަހަރަށް އެމްޓީސީސީ ލީޑު ނަގާފައިވަނިކޮށް މިފްކޯގެ ސޮފްއާނު ވަނީ ލިބުނު ހިލޭ ޖެހުމެއް ގޯލްތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން އެމްޓީސީސީ މޮޅުވި ލަނޑު އެޓީމަށް ޖަހައިދިނީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އަލީ ނާފިއުއެވެ.
މެޗަށް ފަހު މި ދެ ޓީމު ހިމެނޭ ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، އެއްވަނައިގަ އޮތް ވެމްކޯއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އުޅޭ ކްލަބް ފެންއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި އެމްޓީސީސީއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
ކްލަބް މޯލްޑިވްސް ކަޕުގެ އިތުރު މެޗުތަކަށް ބަލާއިރު، މީޑިއާނެޓާއި އާރުއާރުސީ ބައްދަލުކުރިމެޗު ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އާރުއާރުސީއެވެ. އާރުއާރުސީއިން 9 ގޯލް ޖެހިއިރު މީޑިއާ ނެޓަށް ޖެހުނީ އެންމެ ގޯލެކެވެ.
މެޗުގައި އާރުއާރުސީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް އަސްވަދު، އިބްރާހިމް ސިނާހް، ހިޝާމް ސަލީމް، އަލީ ހާފިޒުގެ އިތުރުން އިބްރާހިމް ވިޝާމެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އާރުއާރުސީގެ އަލީ ހާފިވެވެ.