މައާފު އެދެމޭ ޔާރާ... 29

"ހިނގާ ކޮޓަރިއަށް..." އަހަރެން އެދުނީމެވެ.

އަހަރެން ހީކުރި ވަރަށްވުރެ ފަސޭހައިން ޔާނިޝް އަހަންނާއިއެކު ކޮޓަރިއަށް ދިޔައެވެ. އަހަންނަށް ހަމަޖެހުމެއް ލިބުނީ ކޮޓަރިއަށް ވަދެ، ދޮރު ލައްޕައިލެވުމުންނެވެ. ރަނގަޅަށް ހަމަޖެހިލާފައި ބަލައިލިއިރު، ޔާނިޝް ހުރީ ދާދި ކައިރީގައެވެ.

********

"ކިހިނެއްވީ؟..." އަހަރެން ފަހަތަށް ޖެހިލިތަން ފެނި، ޔާނިޝްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. "އަހަރެން ހީކުރީ މިސްވީކަމަށް..."

ކަންތައް ކުރެވުނު ގޮތާއިމެދު ވިސްނައިލެވުނީ ދެނެވެ. އަހަރެންގެ އަމަލުތައް ހުރިގޮތުން ޔާނިޝްއަށް ނެގުނީ އެހެން މާނައެއްކަން އެނގުމުން، ލަދުން ހަލާކުވާވަރު ވިއެވެ. އަހަންނާއި ދޭތެރޭ ޔާނިޝް ހީކުރާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ނޭނގި ވިސްނަން ހުއްޓައި، ނިތްކުރިމަތިން ދާހިއްލާލިއެވެ.

"މިހާރު ހީވަނީ އަހަރެން ފޮނުވާނުލެވިފަ ހުރިހެން..." ޔާނިޝް ލުއި ހިނިގަނޑެއް ޖަހައިލިއެވެ. "ދާންވީތަ؟..."

"ނޫން..." އަހަންނަށް ޔާނިޝްގެ އަތުގައި ހިފައިލެވުނެވެ. ހަމަ އެހާ އަވަހަށް އެ އަތުން ދޫކޮށްލެވުނެވެ. "ވަރަށް ރީތި ހަނދުވަރު ދޭ ރެއެއް... ބެލްކަނީގަ ތިބެގެން ކޮފީއެއް ބޯން ދާންވީނު..."

"އޯކޭ..." ޔާނިޝް ވަގުތުން އެއްބަސްވިއެވެ.

ދެ ކޮފީތަށި ހިފައިގެން ބާލުހާނާއަށް ނުކުތްއިރު، ފުދޭ ވަރަކަށް ބާރަށް ވައިޖެހެއެވެ. ހީކަރުވައިގަނެގެން ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އުޑުމަތި އޮތީ ބަނަކޮށެވެ. ހަނދު ކީއްކުރަން، ތަރިއެއްހާ ހިސާބުވެސް ފެންނަން ނެތެވެ.

"އޯ ނޯ... ދެން ކިހިނެއް ހަދާނީ؟..." އަހަންނަށް ހިތާއިހިތުން ބުނެވުނެވެ.

އަނެއްކާވެސް ޔާނިޝްގެ ކުރިމަތީގައި އަހަރެން ފަޟީހަތްވީއެވެ. ވިސްނާނުލައި ހަނދުވަރުދޭ ރެއެކޭ ބުނެވުނީތީ، އަމިއްލަ ނަފުސަށް އަޑުލެވުނެވެ. އެ ހުރިހާ ރޭގައި ހަނދުވަރުދީފައި، އެރޭ މޫސުން ގޯސްވުމުން އެކަމާއިވެސް ކުދިކިޔުނެވެ.

"އާދޭ އިށީންނަން..." ޔާނިޝްގެ އަޑު އައީ ސޯފާއާއި ދިމާއިންނެވެ.

އަހަރެން ބަލައިލުމާއިއެކު، ޔާނިޝް ފާނޫޒު ދިއްލައިލިއެވެ. އޮރެންޖު ކުލައިގެ ފަނޑު އަލިކަމުގައި މުޅި ތަން ފެންނަމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ.

ސޯފާގައި ދެމީހުން ތިބީ އެކަކު އަނެކެއްގެ ގައިގައި ޖެހި ފިތިގެންނެވެ. އަހަރެން އިނީ، ޔާނިޝްގެ ގައިގައި ލައްވެލައިގެންނެވެ. އޭނާގެ ދެއަތް ވަނީ އަހަރެންގެ ހަށިގަނޑުގައި ވަށާލެވިފައެވެ. މާހައުލުގެ ފިނިކަމުން ސަލާމަތްވުމަށް ދެމީހުންގެ ގައިގައި އޮޅާލެވިފައި އޮތް ރަޖާގަނޑުގެ ސަބަބުން އިހުސާސް ކުރެވެމުންދިޔައީ އަރާމު ހޫނުކަމެކެވެ. ހަނދުވަރު ނުދިނަސް، ފާނޫޒުގެ އަލިން މުޅި ތަން ދިއްލާލެވިއްޖެއެވެ. ދުރުދުރުން ފެންނަމުންދިޔަ އިމާރާތްތަކުގެ އަލި، ތަރިތަކެކޭ އެއްފަދައެވެ. ގުދުރަތުގެ ރީތިކަން ނެތްނަމަވެސް، ޔަގީނުންވެސް ހިތަށް އުފާވެރިކަން ގެނުވައިފިއެވެ. ކޮންމެ ކަމެއްގައިވެސް މުހިއްމީ ދެކޭ ގޮތެވެ. އުފާވެރިކަން ބޭނުންވާނަމަ މޮޅީ، ލިބެން ނެތް އެއްޗަކަށް އުއްމީދު ނުކުރުމެވެ.

"އަހަރެން ސުވާލެއް ކޮށްލަންތަ؟..." މާހައުލަށް ވެރިވެފައިވާ ހިމޭންކަން ނެތިގެންދިޔައީ ޔާނިޝްގެ އަޑުންނެވެ.

"ހޫމްމް..." އަހަރެން ލޯ މަރާލީމެވެ.

"އަދިވެސް އަހަރެންދެކެ ބިރުގަނޭތަ؟..." ޔާނިޝްގެ ސުވާލާއިއެކު އަހަންނަށް ލޯ ހުޅުވައިލެވުނެވެ.

"ކީއްވެ ބިރުގަންނަންވީ؟..." މާޒީ ހަނދާންވި ނަމަވެސް، އަމިއްލަ ނަފުސު ލަދުން ސަލާމަތްކުރުމަށް އަހަރެން ބުނެލީމެވެ.

"ހަނދާންވޭތަ، މެރީކުރި ރޭ އަހަރެންދެކެ ބިރުން މިކުއްޖާ އުޅުނުގޮތް..." ލާނެތް ރާގަކަށް ޔާނިޝް ބުނެލިއެވެ. "އަދިވެސް އަހަރެންގެ އަތުގަ އެ ފިޔޮހި އެބައޮތް..."

ނުހޭން އިނަސް، އަހަންނަށް ހިނިތުންވެލެވުނެވެ. އަހަރެންގެ މޮޔަކަމާއިމެދު ވިސްނިފައެވެ. ޔާނިޝްގެ ކިބައިން ސަލާމަތްވުމަށް އަހަރެން ތައްޔާރުކުރި މޮޅެތި ހަތިޔާރުތަކާއި، ކުރެވުނުހާ މޮޔަ ކަންތައް ކުރިމަތީގައި ސިފަވެގެން ދިޔައެވެ. އެ ހުރިހާ ކަމަކުން ލަނޑު ލިބުނީވެސް ހަމަ އަހަންނަށެވެ.

"ކާކުތަ މޭވާ ކޮށަން ބޮޑު ވަޅިއެއް ގެންނާނީ... ހުރިހާ މީހުންވެސް ބިރުގަންނާނެ އެގޮތަށް ވަޅިއެއް ފެނުނީމަ..." އަހަރެން ތުންދަމައިލީމެވެ.

"ރުއާ މަރާލަން އަހަންނަށް ވަޅިއެއް ބޭނުންވާނެތަ؟..." ޔާނިޝް ލާނެތް ގޮތަކަށް ހީލި އަޑު އިވުނެވެ. "މިހާ ނާޒުކު ކުއްޖެއް އަދި ނުވެސް ދެކެން... މީހަކު ފެންނައިރަށް ފެއިންޓްވާވަރުވެފަ ހުންނަ ކުއްޖެއް މީ..."

"ސަލާމަތްވާން ހުރިހާ މީހުންވެސް މަސައްކަތްކުރާނެ..." ހިތްހަމަނުޖެހިފައިކަމަށް ހެދެމުން، އަހަރެން ބުނީމެވެ.

"މޮޔަ ކުއްޖާ..." އަހަރެން ބަލައިލުމުން ޔާނިޝް އަހަރެންގެ ނޭފަތުގައި ހިފައިލިއެވެ.

އޮރެންޖް އަލީގައި ޔާނިޝްގެ މޫނު ފެންނަމުން ދިޔައީ ނުހަނު ހިތްގައިމުކޮށެވެ. އެ ތުންފަތުގައިވި ލުއި ހިނިތުންވުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރުވިއެވެ. ފުން ދެލޮލުގެ ތެރެއަށް ގެންބިގެންދާން ހިތަށް އެރިއެވެ. ތަނަވަސް މޭގައި މޫނު ފޮރުވާލައިގެން އިންނަން ހިތް އެދުނެވެ.

"ހަނދާންވޭތަ މިރުސް ސްޕްރޭ..." ޔާނިޝް ބުނަން އުޅުނު އެއްޗެއް އެނގުމުން، އަހަރެން ވަގުތުން ޔާނިޝްގެ އަނގަމަތީގައި އަތް އެޅީމެވެ.

"ތިވާހަކަ ދައްކަންޏާ ދާނީ..." ކުޑަކުއްޖެއްހެން ބޮޑާ ހާކައިލަމުން އަހަރެން ބުނީމެވެ.

"އޯކޭ... ދެން ނުދައްކާނަން..." ކުރިއަށްވުރެ ބާރަށް އަހަރެންގެ ގައިގައި ބައްދައިލަމުން ޔާނިޝް ބުނެލިއެވެ.

އަހަރެންގެ ކޮނޑުގައި ދަތްދޮޅި ޖައްސާލައިގެން އިންއިރު، ބުރުގާގެ މަތިންވެސް ޔާނިޝް ލަމުންދިޔަ ނޭވާގެ އަސަރު ކަނދުރާއަށް އިހުސާސް ކުރެވެމުން ދިޔައެވެ.

"އެހެން ކަމެއް ހަނދާނެއް ނުވޭތަ؟..." ފުން ނޭވާއެއް ދޫކޮށްލަމުން ޔާނިޝް ސުވާލުކުރިއެވެ. "މިސާލަކަށް، އެރޭ ރުއާއަށް އުޅެވުނުގޮތެއް..."

ޔާނިޝް ދުރުދުރުން ވާހަކަ ދައްކަން ފެށިގޮތުން އަހަރެން ހާސްވާގޮތްވިއެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗެއްގެ ސަބަބުން ހާސްވެފައި ޔާނިޝްއާއި ދިމާއަށް އެނބުރުނީމެވެ. ޔާނިޝް ބުނީ ކީކޭކަން އަހަންނަށް ކޮންމެވެސް ވަރަކަށް ފަހުމުވިއެވެ. އެރޭ ނިދާފައި އޮއްވާ މީހެއްގެ ބީހުން އިހުސާސް ކުރެވުނުހެން ހީވިއެވެ. އެއީ ހީވި ހީވުމެއް ނޫނެވެ. އަނެއްކާ، ނިދީގައި އެ ހުރިހާ ކަމަކަށް ދައުވަތު ދިނީ އަހަރެން އަމިއްލައަށް ހެއްޔެވެ؟ އެކަމަކު، އަހަރެން އެއްޗެހި ބަދަލުކޮށްގެން އޮތީ ކީއްވެ ހެއްޔެވެ؟

"މިހާ ނިދިގަދަ ކުއްޖެއްކަން އެނގުނީމަ ކުޑަކޮށް ބިރުވެސް ގަތް... ހާދަ ނިދިގަދަ ކުއްޖެއް ވީމައޭ ނިދީގަ އެއްޗެހި ބަދަލުކުރެވޭކަންވެސް ނޭނގޭނީ... އެކަމަކު، ހާސްނުވޭ... އަހަންނަށް އެނގޭ ރުއާ އޮތީ ނިދީގަކަން... ރުއާ ހާސްވާވަރުގެ ކަމެއް އަހަރެން ނުކުރަން... އެއްޗެހި ބަދަލުކުރި ގަޑީ ނުވެސް ބަލަން... އަހަރެން ބޭނުން ނުވީ އެކަކު އަނެކަކު ރަނގަޅަށް ދަސްނުވެ، އެހިސާބަށް ދާން..." ޔާނިޝް ވާހަކަ ދައްކަމުން ދިޔައިރު މޫނުން ފެނުނީ ޝައުގުވެރިކަމެވެ. "އިނގޭތަ، އެރޭގެ ފަހުން ރުއާދެކެ މާ ބޮޑަށް ލައިކްވާންފެށި... ވެދާނެ އިސްތަށިގަނޑު ފެނުނީމަ ކަމަށް..."

"އެކަމަކު ބުނީމެއްނު ރީއްޗެއް ނޫނޭ..." އަހަރެން ތުންދަމައިލީމެވެ.

"އެއީ ރީތިވީމަ..." ކުށްވެރިއެއްހެން ޔާނިޝް ބުނެލިއެވެ. އެ މޫނަށް ވެރިވި އަސަރުތައް ފެނި އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ކޮޓަރިއަށް ވަންއިރު، އަހަރެން ހުރީ ހީކަރުވައިގަނެގެން ތުރުތުރުއަޅާވަރު ވެފައެވެ. ޔާނިޝް ކުރިއަށް ޖެހިލައި، އަހަރެންގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. ދެމީހުންގެ ދުރުކަން ނެތިގެންދިޔުމާއިއެކު، އަހަންނަށް ދެލޯ މަރައިލެވުނެވެ. ޔާނިޝް ދެމުންދިޔަ ކޮންމެ ދައުވަތަކަށް ފުރިހަމައަށް އިޖާބަ ދެމުންނެވެ. ދިރިއުޅުމުގެ ހުންގާނު ޔާނިޝްގެ އަތް މައްޗަށް ދޫކޮށްލަން މިއަދު ފަސްޖެހެންވީ ސަބަބެއް ނެތެވެ. އަހަރެން ޔާނިޝްއަށް އިތުބާރު ކުރަމެވެ. އެ އިތުބާރުގެ މަތީގައި ދެމިހުރެވޭތޯ އަހަރެން މަސައްކަތް ކުރާނަމެވެ.

ނިދިފައި އޮތް ޔާނިޝްގެ މޫނަށް ބަލަން އަހަންނަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. ދުލުން ލޯބިވާ ވާހަކަ ނުބުނި ނަމަވެސް، ޔާނިޝްގެ ކޮންމެ އަމަލަކުން، އޭނާ އަހަރެންދެކެވާ ލޯބި ހާމަކޮށްދީފިއެވެ. ކައިވެނީގެ ހަގީގީ އުފަލަކީ ކޮބައިކަން އަންގައިދީފިއެވެ.

ހެނދުނު ހޭލެވުނީ، އެހެން ދުވަސް ދުވަހަށްވުރެ ލަހުންނެވެ. ގަޑި ބަލައިލުމާއިއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ނުވައެއްޖަހާ ބޮޑުވީއެވެ. ކައިރީގައި ޔާނިޝްވެސް ނިދާފައި އޮތެވެ. އަހަންނަށް ކުރެވުނީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރި އިހުސާސެކެވެ. މިއަދުގެ ފަހުން، ކޮންމެ ދުވަހަކު އަހަންނަށް ހޭލެވޭއިރު ފިރިމީހާ ކައިރީގައި އޮންނާނެއެވެ. އަހަންނަށް ހިނިތުންވެލެވުނެވެ.

ޔާނިޝްގެ ފަން އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އަހަރެން އުޅުނީ ނިތްކުރިމަތީގައިވާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލާށެވެ. އަތް އުފުލައިލި ތަނާ، ޔާނިޝް ފުރޮޅިލިއެވެ. ވަގުތުން ނިދާކަމަށް ހެދުނީމެވެ. ދެން އިހުސާސް ކުރެވުނީ ޔާނިޝްގެ އަތުގެ ބީހިލުމެވެ. އަހަރެންގެ މޫނުގައިވާ އިސްތަށިކޮޅުތައް އޭނާ އެއްފަރާތްކޮށްލަދިނީ މަޑުމަޑުންނެވެ. އަހަރެންގެ މޫނަށް ބަލަން ޔާނިޝް އެތައް އިރަކު އޮތްކަން އެނގުނެވެ.

ޔާނިޝް ތެދުވެގެން ދިޔުމުން، އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ރޭގެ ހާދިސާ ލޯމަތީގައި ސިފަވާން ފެށިއެވެ. ލަދުން ގޮސް މުޅި މޫނު ރަތްވިއެވެ. ބަނޑުތެރޭގައި ކުދި ކޮކާ އުދުހޭހެން ހީވިއެވެ. ޔާނިޝް ފެންވަރައިގެން ނުކުތުމުންވެސް އަހަރެން އޮތީ ލޯ ހުޅުވައިލަން ނުކެރިފައެވެ. ފެންވަރައިގެން ޔާނިޝް ނުކުތީ ބޭރަށެވެ. އަހަންނަށް ނުގޮވާ ދިއުމުން ހައިރާންވިއެވެ. ފުރުސަތުގެ ބޭނުންހިފައި ދުވެފައި ގޮސް ފާހާނާއަށް ވަނީމެވެ. ޔާނިޝް އައީ، އަހަރެން ރީތިވެލައިގެން އިންދައެވެ.

"ގުޑް މޯނިންގް ޕްރިންސަސް..." ޔާނިޝް ވަރަށް ލޯބިން ގޮވައިލިއެވެ.

"ގުޑް މޯނިންގް..." އިސްޖަހައިގެން އިނދެ، އަހަރެން މަޑުމަޑުން ބުނެލީމެވެ.

"ހިނގާ ސައިބޯން..." އަހަރެންގެ އަތުގައި ހިފައި، ނަގަމުން ޔާނިޝް ބުންޏެވެ.

"ނުކެރޭނެ..." އަހަރެން ދެކޮޅުހެދީމެވެ.

"ކީއްވެ؟..." ޔާނިޝް ސުވާލުކުރިއެވެ.

"މާ ލަސްވީމަ..." ގަޑިއަށް އިޝާރާތްކުރަމުން އަހަރެން ބުނީމެވެ.

"އެއީ މައްސަލައެއް ނޫނޭ..." ޔާނިޝް މަޑުމަޑުން ހީލިއެވެ. "އެކަކުވެސް ނެތް ގެއަކު... އެންމެންވީ ބޭރަށް ގޮއްސަ..."

ސައިބޮއެގެން ޔާނިޝް ދިޔައީ ބޭރަށެވެ. ސިޓިންގްރޫމް ސޯފާގައި އިންދާ، ހަލުވި ފިޔަވަޅުތަކެއްގައި މިރާން ސިޑިން ފައިބައިގެން ތިރިއަށް އައި ތަން ފެނުނެވެ. އަހަރެން ފެނުމުން، ފިޔަވަޅުތައް މަޑުޖެހުނު ނަމަވެސް، މަޑުކޮށްލުމެއްނެތި އޭނާ ގެއިން ނުކުމެގެން ދިޔައީއެވެ.

މެންދުރުވީ އިރުވެސް އެކަކުވެސް ގެއަށް ނާދެއެވެ. ކައްކާ، ކާންހަދާފައި އަހަރެން ނުކުތީ ހިދާޔާ މަންމަގެ ގެއަށް ދާށެވެ. އެ ގެއާއި ދާދި ކައިރިވެފައި ހުއްޓާ އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނީ، ގޭތެރެއިން ނުކުތް ބަޔަކު ފެނިފައެވެ. ޔާނިޝްގެ އާއިލާ އެންމެން ކަހަލަ ގޮތަކަށް އެގެއިން ނުކުތީ ކީއްވެ ހެއްޔެވެ؟ ފިޒާ ބުނެފައި އޮތްގޮތުން ހިދާޔާ މަރުވުމަށްފަހު، އެ ދެ އާއިލާގެ މެދުގައި އެއްވެސް ގުޅުމެއް ނެތެވެ. އަހަރެން ވާނުވާ ނޭނގިފައި ހުއްޓާ، ހިދާޔާގެ މަންމައާއިއެކު ޔާނިޝް އެގޭތެރެއިން ނުކުތް ތަން ފެނުނެވެ. ހިދާޔާގެ މަންމަގެ އަތުގައި ހިފާލައިގެން އާނާ ހުއްޓެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު