އެނބުރި ބާސެލޯނާއަށް ދިއުމަކީ އޭނާ ދެކޭ ހުވަފެނެއްކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ބުނެފިއެވެ.
ފުޓްބޯލް އެސްޕޭނާއަށް ދިން އިންޓަވިއުއެއްގައި އިނިއެސްޓާ ބުނީ ބާސާއަކީ އަބަދުވެސް އޭނާގެ ގެ ކަމަށެވެ.
އެނބުރި ބާސާއަށް ދާން ބޭނުންވި ނަމަވެސް އެ ޓީމަށް ދާނެ ވަކި މަގާމެއް އަދި ނޭނގޭކަމަަށް ވެސް އިނިއެސްޓާ ބުންޏެވެ.
"އަދި އަހަންނަކަށް ނޭނގޭ ކޮން މަގާމަކަށް ކަމެއް ދާނީކީ. ހެޑް ކޯޗުގެ މަގާމަށް ކަމެއް، ސްޕޯޓިން ޑައިރެކްޓަރުގެ މަގާމަށް ކަމެއް. ނޫނީ އެހެން މަގާމަކަށް ކަމެއް،" އިނިއެސްޓާ ބުންޏެވެ.
އޭނާ ބުނީ ދުނިޔޭގެ އެންމެ ބޮޑު ކުލަބަކީ ބާސާ ކަމަށެވެ. އެހެންކަމުން އޭނާ ބަދަލުވާ މަގާމަށް އަހުލުވެރިވާން ކޯސްތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުންޏެވެ.
އުމުރުން 38 އަހަރުގެ އިނިއެސްޓާ ބުނިގޮތުގައި ބާސާއަށް ބަދަލުވާން ކިތަންމެ ބޭނުންވި ނަމަވެސް އޭނާ އެކަމަށް ގޮތެއް ނިންމާނީ މިހާރު އޭނާ ކުޅޭ ޖަޕާނުގެ ވެސަލް ކޯބުގައި އަދި އެއް އަހަރު މަޑުކުރުމަށް ފަހުގައި ކަމަށެވެ.
އިނިއެސްޓާ ބާސާ ދޫކޮށްލީ 22 އަހަރު ބާސާގައި ހޭދަކުރުމަށް 2018 ވަނަ އަހަރުގައެވެ. ބާސާއަށް ކުޅުނު އެ މުއްދަތުގެ ތެރޭގައި 674 މެޗު އެ ޓީމަށް ކުޅެދިނެވެ.
އިނިއެސްޓާ ބާސާ ދޫކޮށްލީ އެ ޓީމާއެކު ނުވަ ފަހަރުގެ މަތިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި ހަ ފަހަރެއްގެ މަތިން ސްޕެނިޝް ކަޕް ކާމިޔާބުކުރިިއިރު، ފަސް ފަހަރެއްގެ މަތިން ސްޕެނިޝް ސުޕަ ކަޕް އޭނާ ކާމިޔާބުކުރިއެވެ.
އިނިއެސްޓާ ޖެހި ގޯލުން މޮޅުވެ ސްޕެއިންގެ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތަށި އޭނާ ވަނީ އުފުލާލައިފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު ހަތަރު ޗެމްޕިއަންސް ލީގު ތައްޓެއް ކާމިޔާބުކޮށްފައެވެ.