ކޮވިޑް-19ގެ ބަލިމަޑުކަމާއި މޫސުމީ ހީނަރުކަމާއި ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ކާބޯތަކެތީގެ ޔަގީންކަން ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިގޮތަށް ވިދާޅުވެފައިވަނީ، އދ.ގެ ވޯލްޑް ފުޑް ސެކިއުރިޓީގެ ކޮމެޓީގެ 50 ވަނަ ޕްލިނަރީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ ކޮވިޑް ބަލިމަޑުކަމާއި، މޫސުމީ ހީނަރުކަމާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ޔަގީންކަން ނުރައްކަލަށް ހުށަހެޅި، ކާބޯތަކެތި ހޯދުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާކަމަށެވެ.

ޔުކްރެއިންގެ ސްޕަމާކެޓެއް/ ރަޝިއާއިން ހަނގުރާމައިގެ ސަބަބުން ކިއޭވްގެ ސްޕަމާކެޓްތައް މިހާރު ފެންނަނީ ވަރަށް ފަޅުކޮށް-- ފޮޓޯ/ޝަޓާސްޓޮކް
މިކަމުން އަރައިގަތުމަށް ދާއިމީ ހައްލުތަކަށް ރިއާޔަތްކޮށް، އިސްނެގުން އިތުރުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މި ހައްލުތަކަކީ 2030 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާގައި ބަޔާންކޮށްފައިވާ އަމާޒުތަކުން ހިތްވަރުލިބިގެން ލަނޑުދަނޑިތަކާއި ގުޅޭ ހައްލުތަކަކަށް ވާން ޖެހޭ ކަމަށެވެ.
"ކުރު މުއްދަތުގައި އަގުތައް ހަމައަކަށް އަޅުވައި، ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލުކޮށް އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއް. ދިގު މުއްދަތުގައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ، ދަނޑުވެރިކަމުގެ އާދަކާދަތަކާއި، ކާބޯތަކެތީގެ ނިޒާމުތައް މިހާރަށްވުރެ ހަރުދަނާކޮށް، ވަރުގަދަކޮށް، ދެމެހެއްޓެނިވި، ގިނަބައެއްގެ ބައިވެރިވުން އެކުލެވޭ ގޮތަށް ބަދަލުކުރުމަށް" ޝާހިދު ވިދާޅުވިއެވެ.

އަލިފްދާލުގެ ވޯލްޑް ފުޑް ޕްރޮގްރާމުގެ ތެރެއިން ހައިޓީއަށް ކުރިމަތިވި ކާރިސާގައި ކާނާ ފޯރުކޮށްދެނީ --- ފޮޓޯ/ޑަބްލިއުއެފްޕީ
ކާބޯތަކެތީގެ މައްސަލައިގައި ވަގުތީ އަދި ދާއިމީ ހައްލުތަކެއް ބޭނުންވާކަން ގަބޫލު ކުރެވޭތީވެ، ހާރިޖީ ވަޒީރު ވަނީ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތާބެހޭ ކޮމިޓީއާއީ ބައްދަލުކުރައްވާފައެވެ. މިގޮތުން "ޓައިމް ޓު އެކްޓް ޓު ގެދާ: ކޯޑިނޭޓިން ޕޮލިސީ ރެސްޕޮންސެސް ޓު ދަ ގްލޯބަލް ފުޑް ކްރައިސިސް" ގެ ނަމުގައި، ޖުލައިމަހުގެ 18 ވަނަ ދުވަހު މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވާފައިވާކަންވެސް ހާރިޖީ ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެފްރިކާގެ ޤައުމެއްގެ ފަގީރު އަވަށެއްގައި ގޮވާން ސާފުކުރަނީ--- ފޮޓޯ/ޑަބްލިއުއެފްޕީ
"މި ޙަރަކާތުގެ ސަބަބުން، މެންބަރު ޤައުމުތަކާއި، މަދަނީ ޖަމާޢަތްތަކާއި، ޕްރައިވެޓް ސެކްޓަރާއި، ކަމާބެހޭ އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ދުނިޔޭގެ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމުގައިއާއި، ޢަމަލުކުރާނެ ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިވެގެންދިޔަ" ޝާހިދު ވިދާޅުވިއެވެ.
މި ސެޝަންގައި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ޔަގީންކަން އިތުރުކުރުމަށް އެކުލަވާލާނެ މައިގަނޑު ބައިތަކާ މެދު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ކާބޯތަކެތީގެ ޔަގީންކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަން ހާމަވެގެންދިޔަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށްކުރާ އަސަރުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ އެހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖެއަށްވެސް ވަނީ ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް
"ކާބޯތަކެތީގެ ރައްކާތެރިކަމަށް ބަލާއިރު، އަޅުގަނޑުމެންގެ އަތުގައި ދަނޑުވެރިކަމަށް އެކަށީގެންވާ ބޮޑެތި ބިންތައް ނެތުމުގެ ސަބަބުން، އަޅުގަނޑުމެން ބަރޯސާވެފައި މިއޮތީ ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް.އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައިގެން މިތިބީ، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް! ނަމަވެސް އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ކުރެވޭނީ، އެކަމަށް ބޭނުންވާ މާލީ އެހޯތެރިކަން ލިބިގެން! އަދި މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލް ކޮށް، އެބަދަލުތައް ރައްދުދިނުމަށް މުޅި ދުނިޔެ އެކުގައި މަސައްކަތް ކޮށްގެން" ޝާހިދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ނުތަނަވަސްކަން އިންތިހާއަށް ކުރިމަތިވެފައިވާ މީހުންގެ އަދަދު 135 މިލިއަނުން 276 މިލިއަނަށް އިތުރުވެފައިވާކަމަށެވެ. އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި އަހަރު މި އަދަދު 323 މިލިއަނަށް އަރާނެ ކަމަށް ބެލެވޭކަމަށްވެސް ވިދާޅުވިއެވެ.