އަވަހަށް ތަނަކަށް ދަތުރު ކުރަން ބޭނުން ނަމަ ލިސްޓުގެ އެންމެ ކުރީގައި އޮންނާނީ މަތިންދާ ބޯޓެވެ. މިއީ އެންމެ އަވަހަށް މިހާތަނަށް ދަތުރުކުރެވޭ ގޮތެވެ. ނަމަވެސް ދުވަސްކޮޅަކުން އެގޮތް ބަދަލުވެދާނެއެވެ. އަލަށް ތައާރަފުކުރާ ރޭލެއް މިހާރު ވާދަކުރަމުން އަންނަނީ އެންމެ ބާރަށް ދަތުރު ކުރާ އުޅަނދަށް ވާާށެވެ.
ކެނެޑާގެ ސްޓާޓަޕް ކުންފުންޏެއް ކަމަށްވާ "ފްލަކްސްޖެޓް" އިން އަންނަނީ ދުނިޔޭގެ އެންމެ ބާރަށް ދަތުރު ކުރާ އެއް ކޮމާޝަލް އުޅަނދު އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ފްލަކްސްޖެޓުން އުފައްދާ ފުރަތަމަ ރޭލަކީ އާންމުކޮށް މިހާރު މީހުން ދަތުރު ކޮށް އުޅޭ ރޭލުތަކަށް ވުރެ ތިން ގުނަ އަވަސް ވާނެ ރޭލެއް ކަމަށް އެ ސްޓާޓަޕް އިން ބުނެއެވެ.
އެ ކުންފުނީން ލަފާކުރާގޮތުގައި ފްލަކްސްޖެޓުގެ ރޭލުތަކުގެ ސްޕީޑް ގަޑިއަކު 1،000 ކިލޯމީޓަރަށް އަރާނެއެވެ. މިއީ އާންމުން ދަތުރުކުރާ ކޮމާޝަލް ފްލައިޓްތަކަށް ވުރެ އަވަސް ސްޕީޑެކެވެ. އާންމުން ދަތުރުކޮށް އުޅޭ ފްލައިޓުތަކުގެ ސްޕީޑް އުޅެނީ ގަޑިއިރަކު 740 ކިލޯމީޓަރާއި 930 ކިލޯމީޓަރާ ދެމެދުގެ ސްޕީޑެއްގައެވެ.
އެ ކުންފުނިން ބުނާގޮތުގައި ފްލަކްސްޖެޓުގެ ރޭލެއްގައި، ކާރަކުން ތިން ގަޑިއިރު ކުރެވޭ ދަތުރެއް އެންމެ 45 މިނެޓަށް ކުރުކޮށްލެވޭނެއެވެ.
ކެނެޑާގެ މައިގަނޑު ބޮޑެތި އަވަށްތަކާއި ސިޓީތަކަށް އަމާޒުކޮށްގެން މި ޕްރޮޖެކްޓް ފަށާއިރު މިއީ ތިމާވެއްޓާ ވެސް ވަރަށް ރައްޓެހި ޕްރޮޖެކްޓެކެވެ. އެގޮތުން މި ޕްރޮޖެކްޓަށް އެއްވެސް ކަހަލަ ތެލެއް ނުވަތަ ފޮސިލް އެއް ގެންގުޅުމުގެ ބަދަލުގައި ގެންގުޅޭނީ މެގްނެޓިކް ޓެކްނޮލޮޖީއެވެ. މެގްނެޓި ފްލޮޓޭޝަން ނަމަކަށް ކިޔާ މި ޓެކްނޮލޮޖީ މަސައްކަތް ކުރާނީ ދަގެއްފާނު މަސައްކަތް ކުރާގޮތަށެވެ. އެގޮތުން ރޭލު އޮންނާނީ މެގްނެޓިކް ބޮޑު ޕޮޑެއްގެ ތެރޭގައެވެ. މި ޕޮޑުގެ ސަބަބުން ރޭލަށް އަވަސް ސްޕީޑުގައި ދަތުރު ކުރުމަށް ފުރުސަތު ލިބެއެވެ.
ރޭލުގެ ކޮންމެ ކާރެއްގައި 54 ފަސިންޖަރުންނަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ. ފްލަކްސްޖެޓުން މި ޕްރޮޖެކްޓާ ގުޅޭ މާ ގިނަ ތާރީހުތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުން އަންނަނީ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ. އެކުންފުނިން ބުނާގޮތުގައި ފްލަކްސްޖެޓްގެ މަޝްރޫއަކީ 19 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓާއެކު 140،000 އަށްވުރެ ގިނަަ ވަޒީފާތައް އުފެދިގެންދާނެއެވެ.