އިނގިރޭސވިލާތުގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ ކަމުގައި ބެލެވޭ އުމުރުން 70 އަހަރުގެ ޗާލްސް ބްރޮންސަން ޖަލުން ނުކުމެވުމާއެކު ދުނިޔޭގެ ހެވީވެއިޓް ބޮކްސިންގް ޗެމްޕިއަން ޓައިސަން ފިޔުރީ އާއެކު ވަރުގަދަ ބޮކްސިން މެޗެއް ތަޅަން ބޭނުންވާކަމަށް ބުނެފިއެވެ.
ސާޅީސް ހަތް އަހަރަށް ފަހު ޖަލު ބަންދުން ވީއްލޭއިރު ޗާލްސް ބްރޮންސަން އަދިވެސް ހުރީ ފުރިހަމަ ސިއްހަތެއްގައި ވަރަށް ވަރުގަދަ ހަށިގަނޑަކާއެކު ކަމަށް އިނގިރޭސި ނޫސްތަކުން ބުނެއެވެ.
މި މެޗުގެ ވާހަކަތައް ޕްރޮމޯޓްކުރާ ފަރާތުން ޗާލްސް ބްރޮންސަން އަށް އެއް ލައްކަ ޕައުންޑުގެ ފައިސާގެ އިނާމު މިހާރުވަނީ ހުށަހަޅާފައެވެ. ބްރޮންސަން ބޭނުންވަނީީ އެ ފައިސާއިން ގެއެއް އަޅައިގެން ހަމަހިމޭން ދިރިއުޅުމެއް އުޅެންކަމަށް ބުނެފައިވެއެވެ.
މި ވާޙަކަތައް އިނގިރޭސި ނޫސްތަކުގެ ސުރުޚީއަށް އެރީ، ބްރޮންސަންގެ ކުރީގެ އަނބިމީހާ އައިރީން، ބްރޮންސަންގެ މި އެދުން ފުރިހަމަކޮށްދިނުމަށް މަސައްކަތް ފެށި ހިސާބުންނެވެ. އައިރީން ވަނީ ބްރޮންސަންގެ މި މެސެޖް ދުނިޔޭގެ ޗެމްޕިއަން ޓައިސަން ފިޔުރީ އާ ހަމައަށް ގެންގޮސްފައެވެ. ޓައިސަން އަކީ ޖަލުގައި ހުރެ ބްރޮންސަން ލިޔެފައި ފޮނުވާ ސިޓީގެ ޒަރިއްޔާއިން ދެމީހުންގެ ދެމެދުގައި ގާތް ރައްޓެހިކަމެއް އުފެދިފައިވާ ބައެއްކަމުން، ބްރޮންސަން އެހާ ދުވަހަށްފަހު ޖަލުން ނުކުމެ އެންމެ ފުރަތަމަ ކަމަކަށް މިކަން ކުރަން އެދިފައިވާތީ ޓައިސަން މިކަމާ އެއްބަސްވާނޭކަމުގައި އައިރީން ބުނެފައިވެއެވެ.
މިކަން ޙަޤީގަތަކަށް ވެއްޖެނަމަ މިއީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ މެޗެކަށް ވާނެއެވެ. އެއްކޮޅުން ދެ ފަހަރު ދުނިޔޭގެ ހެވީވެއިޓް ބޮކްސިން ޗެމްޕިއަންކަން ހޯދާފައިވާ ޓައިސަން ފިޔުރީއެވެ. އަނެއްކޮޅުން 47 އަހަރަށްފަހު ޖަލުން ނުކުތް ނުރައްކާތެރި ކުށްވެރިއެކެވެ. މެޗުގެ އަގު އިންތިހާއަށް އަރައިގެންދާނެކަމުގައި ނޫސްތަކުން ބުނެފައި ވެއެވެ.
މިދިޔަ ޖުލައި މަހު ބްރޮންސަން ވަނީ އޭނާގެ ޕޭރޯލް އަޑުއެހުންތައް ޢާންމުންނަށް އިވޭނޭގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ. މިއީ މިގޮތަށް މިކަންކުރުމަށް އިނގިރޭސިވިލާތުގައި ކުށްވެރިޔަކު އެދުނު ފުރަތަމަ ފަހަރެވެ. މިއަހަރުގެ ޑިސެމްބަރުގެ ކުރިން މިއަޑުއެހުންތައް ނިމި ބްރޮންސަން މިނިވަން ވާނޭކަމަށް ވެސް އޭރު ވާހަކަ ދެކެވުނެވެ.
ޗާލްސް ބްރޮންސަން އަށް އިނގިރޭސި ވިލާތުގެ އެންމެ ނުރައްކާތެރި ކުށްވެރިޔާގެ ނަން ދެވިފައިވަނީ ޖަލުގައި ހަމަނުޖެހުން ހިންގުމާއި ޖަލު ތެރޭގައި ތަޅާފޮޅުންތައް އަބަދު ހިންގާތީއެވެ. މީގެ އިތުރުން ބޮޑެތި ކުށްތަކަށް އަރައިގަނެ ބޭންކުތައް ފަޅާފައިވާ މީހަކަށް ވެސް ވާތީއެވެ.
ޗާލްސް ބްރޮންސަން ވެފައިވަނީ ޖަލުގައި ބަލަހައްޓަން އުނދަގޫ ކުށްވެރިއަކަށެވެ. ޖަލުން ނުކުމެ ބްރިޓްންސް ގޮޓް ޓެލެންޓް ރިއަލިޓީ ޓީވީ ޝޯގައި ލަވައެއް ކިޔާލަން ބޭނުންވާކަމަށް ބުނުމުން މީގެ ކުރިން ވެސް ޗާލްސް ބްރޮންސަންގެ ވާހަކަތައް ނޫސްތަކަށް އަރާފައި ވެއެވެ.
ބްރޮންސަން އާއި ޓައިސަންގެ ފޯރިގަދަ މެޗަށް އޮތީ އިންތިޒާރުކުރުމެވެ. އެންމެ ނުރައްކާތެރި ކުށްވެރިޔާ ނުކުމެ ކޮށްފާނެ ކަމަކާ މެދު ވެސް ހަމަ އެވަރަށް ވިސްނަން ޖެހެއެވެ.