ދީބާޖާއަށް ދޭންޖެހޭ ބަދަލުގެ މިންވަރު ސިވިލް ކޯޓުން ކަނޑައަޅަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ސުޕްރީމް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޭންޖެހޭ ގެއްލުމުގެ ބަދަލު ސިވިލް ކޯޓުން ކަނޑައަޅަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އަޣްލަބިއްޔަތު ރައުޔަށް މިއަދު އިއްވި ހުކުމްގައި ވަނީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެކުންފުންޏަށް ސަރުކާރުން ގެއްލުމުގެ ބަދަލުދޭންޖެހޭ ކަމަށް އެ ހުކުމްގައިވެއެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ކަނޑައެޅުމަށް އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހައިކޯޓަށް ތަހުވީލުކޮށްފައެވެ. އެހެންކަމުން ހައިކޯޓުން ދެން ކުރަންޖެހޭނެ ކަމަކީ އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވުމެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އޭނާގެ ރައުޔުގައިވާގޮތުން ސަރުކާރުން ދީބާޖާއަށް ގެއްލުމުގެ ބަދަލު ދޭކަށް ނުޖެހެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މަސައްކަތް 2010 ވަނަ އަހަރު ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރީމަންޓް ސަރުކާރުން ބާތިލްކުރީ 2013 ވަނަ އަހަރުއެވެ. އެގްރީމެންޓް ބާތިލުކުރުމުން، ދީބާޖާއިން ދައުވާ ކުރީ ގެއްލުުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް، ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރިއެވެ.

ދީބާޖާއިން ހައިކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހިގެން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ މައްސަލަ މައުޟޫއީ ގޮތުން ނުބަލައި ހައިކޯޓުގެ ހުކުމް ބާތިލު ކަމަށް ނިންމައިފައެވެ. އެއީ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެއެވެ. އެގޮތަށް ނިންމީ އެ ކޯޓުގެ ކުރީގެ ބެންޗުންނެވެ.

އެ މައްސަލައިގައި ދީބާޖާއަށް ބަދަލު ދޭން މި ސަރުކާރުގައި އެއްބަސްވި ނަމަވެސް ފަހުން ޕްރެޝަރާ ހެދި ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން ހުށަހަޅާށެވެ. ދައުލަތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ކޯޓުން މީގެކުރިން ނިންމި ނިންމުން ބާތިލް ކުރާށެވެ. އަދި ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފަށް ހުށަހެޅުމަށެވެ.

އެގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމީ ހައިކޯޓުން އެ މައްސަލައިގައި ކުރި ހުކުމާއި ސިވިލް ކޯޓުން މީގެކުރިން ކުރި ހުކުމްގައި ގެއްލުމުގެެ ބަދަލާމެދު ނިންމާފައިވާ ބައި ބާތިލް ކަމަށެވެ. އެގޮތަށް ހުކުމް ކުރީ އެއީ ގާނޫނީ ހަމަތަކާއި އަދުލުއިންސާފުގެ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކަކަށް ނުވާތީއެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ވާގޮތުން ނޯޓިހެއް ދިނުމަކާ ނުލައި ދީބާޖާއާ އެކުވެފައިވާ އެއްބަސްވުން ބާތިލްކުރީ ބޮޑުބަޔަކަށް ފެރީގެ ޚިދުމަތް ނުދެވޭ ކަމަށް ބުނެއެވެ. ނަމަވެސް އެއްބަސްވުން ބާތިލްކުރިއިރު ފެރީ ނިޒާމް ބޮޑު ބަޔަކަށް ލިބެމުންދިޔަ ކަމާއި ފެރީ ނިޒާމް ހިގަމުންދިޔަކަން ޓްރާންސްޕޯޓް މިނިސްޓްރީން ދީބާޖާއަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށް ވެސް އެ ރައުޔުގައިވެއެވެ.

ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔުގައި ވަނީ ދެ ރަށަކަށް ފެރީގެ ޚިދުމަތް ބުރޫއަރައިގެން އެއްވެސް ނޯޓިހަކާ ނުލައި އެއްބަސްވުން ބާތިލްކުރަން ޖެހޭ ސަބަބެއް ވާ ކަމަށް ދެކުމުގެ ފުރުސަތު ވަރަށް ހަނި ކަމަށެވެ.

comment ކޮމެންޓް