މާފުށީ ކައުންސިލުގެ ހަވަނަ ޤުރުއާން މުބާރާތް، އެއްވަނައަށްދާ މީހަކަށް އުމްރާ ދަތުރެއް

ކ. މާފުށި --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކ. މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށުގައި ބާއްވާ ހަވަނަ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަކީ މާފުށީގެ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މާފުށީ ކައުންސިލުން ބުނީ މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ މާފުށީގައި ކީރިތި ޤުރުއާނަށް ލޯބިކުރާ، ޤުރުއާން ކިޔަވަން ޝައުގުވެރިވާ މީހުން އުފެއްދުން ކަމަށެވެ.

"އަދި ޤުރުއާނަށް ޝައުގުވެރިވާ ފަރާތްތައް އުފެއްދުމާއި، މި ދާއިރާއިން ކުރިއެރުންތަކެއް ހޯދުމަށް މާފުށީގައި ދިރިއުޅޭ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުން،" މާފުށީ ކައުންސިލުން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފުރާ ފޯމު ރަސްމީ ގަޑިތަކުގައި މާފުށީ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ނުވަތަ މާފުށި ކައުންސިލްގެ މެއިލްއަށް މެއިލްކުރުމުން ލިބޭނެކަމަށް ވެސް ކައުންސިލުން ބުނެއެެވެ.

މި މުބާރާތުގެ ހުރިހާ އުމުރުފުރާއަކުން ވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ އަށް އެކި ވަރުގެ ފައިސާގެ އިނާމުތަށް ހުށަހަޅާފައިވެއެވެ. އަދި މުބާރާތުގެ ގަދަ ދިހައަކަށް ހޮވޭ މީހުންގެ ތެރެއިން ކޮންމެ މީހަކަށް 1000 ރުފިޔާ ދޭން ވަނީ ހަމަޖެހިފައެވެ.

މުޅި މުބާރާތުން އެއްވަނައަށް ހޮވޭ މީހަކަށް ކަނޑައަޅާފައިވާ އިނާމަކީ އުމްރާ ދަތުރެކެވެ. އަދި ދެވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާ އަދި ތިން ވަނައަށް ދާ މީހަކަށް ކަނޑައަޅާފައިވާ އިނާމަކީ 5000 ރުފިޔާއެވެ.

comment ކޮމެންޓް