ހާލަންޑު ނުހިފެހެއްޓޭ، ކޯޕަންހޭގަން އަތުން ސިޓީއަށް ފަސޭހަ މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑެންމާކުގެ ކޯޕަންހޭގަން އަތުން ފަސޭހަ ކަމާއެކު މެންޗެސްޓާ ސިޓީ ކުރި ހޯދައިފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެގޮތުން މެޗުގެ ހަތް ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއް ޖަހަައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލް ޖެހީ މި ސީޒަންގައި ތަފާތު މޮޅު ފޯމެއްގައި ހުރި ލިން ބްރައުޓް ހާލަންޑެވެ.

އޭނާ ވަނީ މި ސީޒަންގައި ސިޓީއަށް ކުޅެދިން 11 މެޗުގައި 17 ގޯލު ޖަހައިފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގުގައި އަށް މެޗުން ޖެހި 14 ގޯލާއި ޗެމްޕިއަންސް ލީގުގައި ތިން މެޗު ޖެހި ތިން ގޯލެވެ.

ރޭގެ މެޗުގެ ދެވަނަ ގޯލަކީ ވެސް ހާލަންޑު ޖެހި ގޯލެކެވެ. އެ ގޯލަކީ ސިޓީގެ ޖާއޮ ކޮންސޭލޯ ކޯޕަންހޭގަންގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އެ ޓީމުގެ ކީޕަރު އަތުގައި ޖެހިފައި ހާލަންޑަށް ލިބުނު ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.

މެޗުގެ ތިން ވަނަ ގޯލަކީ ސިޓީގެ އިލްކޭ ގުންޑޮގަން ހާލަންޑަށް ނަގައިދިން ހުރަހެއް އޭނާ ޖެހުމުގެ ކުރިން އެ ބޯޅަ ދިފާއު ކުރުމުގެ ތެރޭގައި ކޯޕަންހޭގަންގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާއި ކޯޕަންހޭގަން ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ މެންޗެސްޓާ ސިޓީ

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ކޯޕަންހޭގަން އޭރިއާ ތެރެއިން އައިމެރިކް ލަޕޯޓަށް ކުރި ފައުލަކާ ގުޅިގެން ސިޓީއަށް ލިބުނު ޕެނަލްޓީއަކުން ރިޔާދު މަހްރޭޒް ޖެހި ގޯލެކެވެ.

މެޗުގެ ފަހު ގޯލަކީ މެޗުގެ 76 ވަނަ މިނެޓުގައި ހާލަންޑުގެ ބަދަލުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް ޖެހި ގޯލެކެވެ. އޭނާ އެ ގޯލު ޖެހީ މަހްރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

އެ މޮޅާއެކު ލިބުނު ތިން ޕޮއިންޓާއެކު ސިޓީ ވަނީ ޗެމްޕިއަންސް ލީގް ގްރޫޕް ޖީގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެ ޓީމު ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ބޮރޫޝިއާ ޑޯޓުމަންޑެވެ. އަދި އެއް ޕޮއިންޓާއެކު ސެވިއްޔާ ތިންވަނައިގައި އޮތްއިރު ގްރޫޕްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ކޯޕަންހޭގަންއެވެ.

comment ކޮމެންޓް