މިޝްޔާ ގޮސް ނާޒިލްގެ ކޮޓަރީގައި ޓަކި ޖަހައިލުމަށްފަހު، އެތެރެއަށް ވަދެލިއެވެ. ނާޒިލްއަށް ވެސް މިޝްޔާ ފެނުމާއެކު ގޮނޑިން ތެދުވެވުނެވެ. އޭނާ ސޯފާއާ ދިމާލަށް ހިނގައިގަތުމުން ވެސް މިޝްޔާ އެހުރި ގޮތަށް ހުންނަން ފެށުމުން ނާޒިލް ފަހަތަށް އެނބުރިލިއެވެ.
"މިޝްޔާ" ހުއްޓި ހުރި މިޝްޔާއަށް ބަލައިލުމަށްފަހު، ނާޒިލް ގޮވައިލިއެވެ.
"އަހަރެން މީ ކާކު؟" މިޝްޔާގެ ސުވާލާއެކު, ނާޒިލްއަށް ދެބުމަ އަރުވައިލެވުނީ އޭނާއަށް މިޝްޔާ ބުނި ވާހަކަ މާނަ ކުރަން ނޭނގުމުންނެވެ.
"ކީކޭ މިޝްޔާ؟"
"ކީއްވެ ބުނީ އަހަރެންނަކީ ނާޒިލްގެ އަންހެނުންނޭ..." މިޝްޔާގެ ސުވާލާއެކު, ނާޒިލްއަށް ލިބުނީ ޝޮކެކެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު ހުރެވުނެވެ.
"މިޝްޔާއަށް ކިހިނެއް؟ އަހަރެން...." ނާޒިލްއަށް ވާހަކަ ކުރިއަކަށް ނުގެެންދެވުނެވެ.
"އަހަންނާ ރީމާއާ ދިމާވި ދެންމެ. އޭނަ ބުނީ..." މިޝްޔާ ބުނެލިއެވެ.
"ރީމާ." ނާޒިލްއަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. އޭނާ ހުރީ ކިތަންމެހާވެސް، ރީމާއާއި މިޝްޔާއާ ދެއްކި ވާހަކަ އެނގެން ބޭނުންވެފައި ނަމަވެސް، އިތުރު ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރުނެވެ. ނާޒިލް މިޝްޔާއަށް ބަލަހައްޓައިގެން ހުއްޓައި، މިޝްޔާ ގޮސް ސޯފާގައި އިށީނދެލިއެވެ. ނާޒިލްވެސް ސޯފާގައި އިށީނދެލިއެވެ. މިޝްޔާ ވާހަކަ ދެއްކީ އެއަށްފަހުއެވެ.
"އެއީ ނާޒިލްގެ ކާކުތަ؟" މިޝްޔާއަށް ސުވާލުކޮށްލެވުނެވެ.
"އެއީ..." މިޝްޔާގެ ކައިރީގައި އެއީ ކާކުކަން ބުނަން ނާޒިލްއަށް އުނދަގޫވިއެވެ.
އިރުކޮޅެއް ކުރިން
* * * * *
ރީމާއަށް ބަލަން ހުރުމަށްފަހު, މިޝްޔާ ވާހަކަ ދެއްކިއެވެ. ނާޒިލް އެގޮތަށް ބުނާނީ ކޮންމެވެސް ސަބަބެއް އޮތުމުންކަމުގައި މިޝްޔާއަށް ވިސްނުމާއެކު، ތެދު ބުނާކަށް އޭނާގެ ހިތެއް ނުރުހުނެވެ.
"އާނ. މީ... މީ ނާޒިލްގެ އަންހެނުންނަކީ... އެކަމަކު ތީ ކާކު؟ ކިހިނެއް އެނގުނީ އަހަރެން؟" އެއްފަަހަރާ އެތަކެއް ސުވާލެއް މިޝްޔާއަށް ކޮށްލެވުނެވެ.
"މީ ނާޒިލްގެ އެކުވެރިއެއްކަމަށް ހީކޮށްލާ. ކުރިން ދުވަހު ހޮސްޕިޓަލް ތެރެއިން އަހަންނަށް ނާޒިލްއާ ދެމީހުން ފެނުނީ..." މިޝްޔާއަށް ބަލައިލުމަށްފަހު, ރީމާ އެހެން ބުނެލަމުން ހިނިތުންވެލި ނަމަވެސް، އޭނާގެ ހިތުގައި ވަނީ ނަފްރަތުގެ އަލިފާނެވެ. މިޝްޔާއަށްޓަކައި އޭނާގެ ހިތުގައި ރުޅިވެރިކަން އުފެދެމުން ދިޔައެވެ. މިޝްޔާ ރީމާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު, ގޮސް ލިފްޓަށް އެރި އިރުވެސް އޭނާގެ ހިތުގައި ތަފާތު ސުވާލުތައް އުފެދެމުން ދިޔައެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އެއީ ނާޒިލްގެ އެކުވެރިއެއް ނޫންކަމުގައެވެ. ނާޒިލްއާއި އެ އަންހެން ކުއްޖާއާ ދެމެދު ކޮންމެވެސް އެހެން ގުޅުމެއް ވާކަމުގައެވެ.
*****
"ބުނަން ބޭނުން ނެތިއްޔާ އޯކޭ ނުކިޔައިދިނަސް..." މިޝްޔާ ބުނެލިއެވެ.
އޭނަ ބުނީ އެކުވެރިއެކޭތަ؟" ނާޒިލް އަދިވެސް އެއްފަހަރު ޔަޤީންކޮށްލަން ބޭނުންވި ފަދައަކުން ސުވާލުކޮށްލިއެވެ. މިޝްޔާ ބޯ ޖަހައިލުމާއެކު ނާޒިލް ފުންނޭވާއެއް ދޫކޮށްލިއެވެ.
"އެއީ... އަހަރެންގެ އެކުވެރިއެއް ނޫން. އަހަރެން ކުރިން ރައްޓެހި ކުއްޖާ ރީމާ އަކީ... އަހަރެންގެ އެއްވެސް ކުށެއް ނެތި އޭނަ އަހަރެން ދޫކޮށްލީ..." ނާޒިލް ބުނެލިއެވެ. މިޝްޔާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިދެވުނެވެ.
"އެނީވޭސް. ހިނގާ ސެޝަލް ކުރިއަށް ގެންދަން. އެ ވާހަކަ ދައްކަން ރަނގަޅު ގަޑިއެއް ނޫނެއްނު މިއީ..." ނާޒިލް ހިނިތުންވެލިއެވެ.
"އޭނަ ދެކެ އަދިވެސް ލޯބިވޭ؟" މިޝްޔާއަށް އެއީ ނާޒިލްގެ ކާކުކަން އެނގުމުން އުނދަގޫވަމުން ދިޔައެވެ. އޭނާއަށް އެ ސުވާލު ކުރެވުނީވެސް ބޭއިޚްތިޔާރުގައެވެ. މިޝްޔާއަށް ކުރެވުނު ކަންތައް ރޭކާލީ އެ ސުވާލު އޭނާގެ އަނގައިން ބޭރުކޮށްލުމަށްފަހުއެވެ. މިޝްޔާގެ އެ ސުވާލާއެކު ނާޒިލްއަށް ޝޮކެއް ލިބިގެން ދިޔައެވެ. އޭނާއަށް މިޝްޔާއާ ދިމާލަށްބަލަހައްޓައިގެން އިނދެވުނެވެ. ނާޒިލްގެ އަޅިކުލައިގެ ދެލޮލަށް ބަލަހައްޓައިގެން އިންނަން މިޝްޔާ ނުކުޅެދުނީ އެވަގުތު އޭނާއަށް ކުރުވި އިޙްސާސްގެ އިތުރުން ލަދުވެތިކަން އޭނާގެ މުޅި ހަށިގަނޑަށް ސަވާރުވުމުންނެވެ. އެ ސުވާލުކުރެވުނު ކަމުގެ މޮޔަ އޭނާގެ ހިތަށް އަރަމުން ދިޔަނަމަވެސް ދެން ކުރެވޭނޭ އިތުރުކަމެއް ނެތްކަން ވެސް އޭނާއަށް އެނގުނެވެ. މިޝްޔާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. ނާޒިލްގެ ހިތުގައިވެސް ވަނީ ހުސް ސުވާލެވެ. މިޝްޔާ އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެ ސުވާލުކުރުމުން ލިބުނު ހައިރާންކަން އަދިވެސް ފިލައިގެނެއް ނުދެއެވެ.
"ކީއްވެ ކުއްލިއަކަށް ތި ސުވާލުތިކުރީ؟" މިޝްޔާއަށް ބަލަހައްޓައިގެން އިނދެ ނާޒިލް ސުވާލުކޮށްލިއެވެ.
"އަހަރެން އޭނަ..."
"އައި އެމް ސޮރީ... އެއީ އަހަރެން އަހަން ޖެހޭނެ ސުވާލެއް ނޫން..." މިޝްޔާ ނާޒިލްގެ ޖަވާބު ފުރިހަމަ ވިޔަކަ ނުދިނެވެ. އޭނާގެ ނަފްސު އެކަމަށް ހުރަސްއެޅީއެވެ. އޭނާ ބޭނުންވާފަދަ ޖަވާބެއް ނުލިބިދާނެތީ އޭނާ ހާސްވީއެވެ. އެއަންހެން ކުއްޖާއާ މެދު ހިތުގައި ކޮންމެވެސް ވަރަކަށް ހަސަދަ ވެރިކަމެއް އުފެދެން ފަށާފައިވާއިރު ނާޒިލްގެ ޙަޔާތަށް މީގެ ކުރިން އެހެން އަންހެން ކުއްޖަކު އައިސްފައިވާކަށް އެނގުމުން އޭނާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އެންމެ ބޮޑަށް ކަންބޮޑުވީ އެ އަންހެން ކުއްޖާ ހޮސްޕިޓަލުން ފެނުމުންނެވެ. އެއީ އަނެއްކާ ޑޮކްޓަރެއް ހެއްޔެވެ؟ ނޫނީ ނަރުހެއް ހެއްޔެވެ؟
"ސޮރީ... ދެން ހިނގާ ސެޝަން ފަށަމާ..." ނާޒިލް މާފަށް އެދެމުން ވާހަކަ ދެއްކިއެވެ. އަމިއްލަ ވާހަކަތައް ދެއްކުމަކީ ރަނގަަޅުކަމެއް ނޫންކަން ނާޒިލްއަށް ވެސް އެނގެއެވެ. އެހެންނަމަވެސް އެކަން ކުރެވެނީ އިޚްތިޔާރެއް ނެތިއެވެ.
"ބޭސް ކާން ފެށީމަ އުނދަގޫތައް ކިހާ ވަރަކަށް ލުއިވެއްޖެ؟" ނާޒިލް މިޝްޔާއާ ސުވާލުކޮށްލިއެވެ.
"ރަނގަޅު. އެކަމަކު..." މިޝްޔާ ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ.
"އެކަމަކު ކިހިނެއްވީ؟ އިތުރު އުނދަގުލެއް ވަނީތަ؟" ނާޒިލް ސުވާލުކޮށްލިއެވެ. އޭނާ ފަރުވާތެރިކަމާއެކެ މިޝްޔާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތައް ދިރާސާ ކުރަމުން ދިޔައެވެ.
"އެރޭގެ ފަހުން އަހަންނަށް ރަނގަޅަށް ނުނިދޭ. ނިދިޔަސް ފާޑުފާޑުގެ ހުވަފެން ފެންނަނީ... ހީވަނީ ދެންމެ ދެންމެ އޭނަ އައިސް އަހަރެންގެ ކޮޓަރިއަށް ވަދެފާނެހެން.. އަބަދުވެސް މީހާ ހުންނަނީ ސިހިފަ. ހިތް ބިރުގަތްފަ... ކުރީގެ ޚިޔާލުތައް ވެސް އަބަދު އަބަދު އަންނަނީ..." މިޝްޔާއަށް ބުނެވުނެވެ. އޭނާގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރުތައް ފާޅުވަމުން ދިޔައެވެ.
"އޭރު އަހަރެން މަރުވި ނަމަ ކިހާ ރަނގަޅުވީސް... އޭރުން މިހުރިހާ ކަމެއް ނުޖެހުނީސް" މިޝްޔާއަށް އެހެން ބުނެވުނީ އަނެއްކާވެސް ކުރީގެ ހަނދާންތައް އައިސް އޭނާއަށް އުނދަގޫކުރަން ފެށުމުންނެވެ.
ފަސް އަހަރު ކުރި
* * * * *
ބޮޑުބޭބެ މިޝްޔާގެ އަތުން ދޫކޮށްލުމާއެކު މިޝްޔާ ގޮސް ވަނީ ކޮޓަރިއަށެވެ. އެދުވަހުގެ ފަހުން ބޮޑުބޭބެގެ ފަރާތުން އޭނާއަށް ލިބެމުންދިޔަ ގޯނާތައް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެވާހަކަ އިތުރު މީހެއްގެ ގާތުގައި ބުނާނެހާ ހިތްވަރެއް މިޝްޔާއަކަށް ނުލިބުނެވެ. އެކަނި ހުންނަން ބިރުގަތުމާއި އަބަދާ އަބަދު ސިހުން އާއްމުވިއެވެ. މިޝްޔާއަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ އަވަހަށް ފާހަގަ ކުރެވުނީ ޒިޔާނާއަށެވެ. މިޝްޔާއަކީ ކުރިން ވަރަށް ސަަކަރާތްޖަހާ އުޅުނު ކުއްޖެއްނަމަވެސް، ފަހަކަށް އައިސް މިޝްޔާ މާ ނެގި މަޑުވެފައި ހުންނާތީ އެކަމާ މެދު ޒިޔާނާ ކަންބޮޑުވިއެވެ.
މިޝްޔާ ސިޓިން ރޫމުގައި އިންދާ ޒިޔާނާ އައިސް މިޝްޔާގެ ކައިރީގައި އިށީނދެ މިޝްޔާގެ ބޮލުގައި ފިރުމައިލިއެވެ. ޒިޔާނާގެ އެ އަމަލުން އެކަނިވެސް މިޝްޔާއަށް ލިބިގެން ދިޔައީ ސިހުމެކެވެ. އޭނާއަށްވީ ގޮތް ފެނި ޒިޔާނާއަށް އަވަސް އަވަހަށް ވާހަކަ ދެއްކުނެވެ.
"މީ މަންމައޭ... ހާދަ ވަރަކަށް ސިހުނީ...ކީއްކުރަނީތީ؟" ޒިޔާނާ ލޯތްބާއެކު އޭނާގެ އަންހެން ދަރިފުޅަށް ބަލައިިލިއެވެ.
"މަންމާ... ހެހެ، މީ ހަމަ އެފްބީ ބަލައިލަނީ... ސިހޭނެއެއްނު ކުއްލިއަކަށް އައިސް ތިހެން ހެދީމަ" މިޝްޔާ އޭނާގެ ހާސްކަން ފޮރުވައިލަމުން ބުނެލިއެވެ. އެވަގުތުވެސް މަންމަ ކައިރީގައި ހުރިހާ ވާހަކަައެއް ކިޔައިދޭން އޭނާގެ ހިތް ބާރުއަޅަމުން ދިޔަނަމަވެސް މިފަހަރުވެސް އޭނާއަށް އެކަން ކުރާކަށް ހިތްވަރެއް ނުލިބުނެވެ. ހިތުގެ އިޙްސާސްތައް އޮއްބައިލުމަށްފަހު، މިޝްޔާ ހިނިތުންވެލިއެވެ. އެއަށްފަހު، އޭނާ ޒިޔާނާގެ ގައިގައި ބައްދައިލިއެވެ. ޒިޔާނާވެސް މިޝްޔާގެ ގައިގައި ބައްދައިލިއެވެ.
" ދަރިފުޅާ..." މިޝްޔާ ފޯނަށް ނަޒަރު ހުއްޓައިލުމުން ޒިޔާނާ މިޝްޔާއަށް ގޮވައިލިއެވެ. ޒިޔާނާގެ އަޑުގައި ހުރި ސީރިއަސްކަމުން މިޝްޔާއަށް ފޯނުން ނަޒަރު ވަކިކޮށްލުމަށްފަހު، ޒިޔާނާއަށް ބަލައިލެވުނެވެ.
"ކީކޭ މަންމާ... ކިހިނެއްވީ އަނެއްކާ؟
"ދަރިފުޅާ. ކީއްވެތަ ދަރިފުޅު މިހާރު މާ ބޮޑަށް ނެގިމަޑުވެފައި ހުންނަނީ؟ އަބަދު ސިހިފަ. ބިރުގަތްފަ؟" ޒިޔާނާ ސުވާލުކޮށްލިއެވެ. ޒިޔާނާގެ އެ ސުވާލާއެކު މިޝްޔާ ހާސްވިއެވެ.
"ކަމެއްނުވޭ މަންމާ..." މިޝްޔާ އޭނާގެ ހާސްކަން ފޮރުވަމުން ބުނެލިއެވެ.
"ދަރިފުޅަށް މަންމައަށް އިތުބާރުކުރެވޭނެޔޭ... ކަމެއް ވެއްޖެއްޔާ ނުބުނެ ނުހުންނައްޗޭ." ޒޔާނާ ބުނެލިއެވެ. މިޝްޔާ ޚިޔާރުކުރީ ހިމޭންކަމެވެ.
އެއީ ވިއްސާރަ ރެއެކެވެ. މިޝްޔާ ކޮޓަރީގައި އޮވެފައި ތިރިއަށް ދިޔައިރު، ޒިޔާނާއާއި ރިފްއަތާ ދެމީހުން ތިބީ ސިޓިންރޫމުގައެވެ. އެމީހުންގެ މޫނުމަތިން ފެނުނު އަސަރުތަކުން ކަމެއް ގޯސްވެއްޖެކަމުގައި މިޝްޔާއަށް ޔަޤީން ކުރެވުނެވެ. އޭނާ އައިސް ޒިޔާނާގެ ކައިރީގައި ހުއްޓުނު ނަމަވެސް، ވެގެން އުޅޭ ގޮތާ ބެހޭގޮތުން ސުވާލުކުރާކަށް ނުކެރުނެވެ. ރިފްއަތު އޭރުވެސް ހުރީ ފޯނެއްގައެވެ.
"ދަރިފުޅާ. މިއުޅެނީ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް ނިޔާވެގެން. ސަހަރާއަށް ދާން މިދަނީ؟ ދޮންބެވެސް ނެތް ގޭގަ. ކާން ހަދާފަ ހުރީ. ކައިގެން ނިދައްޗޭ!" ޒިޔާނާ މިޝްޔާއަށް ބަލައިލުމަށްފަހު، ބުނެލިއެވެ. މިޝްޔާ ބޯ ޖަހައިލިއެވެ.
"ހިނގާ ދާން." ރިފްއަތު ފޯނު ބޭއްވުމަށްފަހު ޒިޔާނާއަށް ބަލައިލިއެވެ.
"ވިއްސާރަ ވެސް ރެއެއް ދޯ... މާކިން ވެސް ގެއަށް ނާދޭ ދޯ އަދި..." ރިފްއަތު ބުނެލިއެވެ. ޒިޔާނާ އާއެކޭ ބުނެލިއެވެ.
ރިފްއަތާ ޒިޔާނާއާއި ދެމީހުން ދިޔުމުން މިޝްޔާ ވެސް އެރީ މައްޗަށެވެ. އޭނާ ގޮސް ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު އެކީ ފިޔަވަޅުތައް ހުއްޓުނެވެ.
(ނުނިމޭ)