ރިސޯޓުތަކުގައި ކެސިނޯ ހިންގުމަކީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން: ނަޝީދު

ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމަކީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ޔޫތު މިނިސްޓަރު އަހްމަދު މަޙްލޫފާ ކުރެއްވި ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ޖާބިރު ސުވާލުކުރެއްވީ ވަރަށް ހައި ލެވެލް ޓޫރިޒަމެއްގައި ރާއްޖެ އޮޕަރޭޓް ކުރާއިރު، ފައިދާ ނުވާ ގޮތަށް ސްޕޯޓްސް ޓޫރިޒަމް ހިންގުމުގެ ބަދަލުގައި ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ޓަކައި ކެސީނޯ ހިންގުމުގެ ލައިސަންސް ބޭނުންވާތީ އެކަމަށް ހުއްދަ ނުދެވިގެން އުޅެނީ ކީއްވެތޯއެވެ.

ޖާބިރު ކުރެއްވި ސުވާލަށް މަހްލޫފް ޖަވާބު ދެއްވުމުގެ ކުރިން ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވަނީ އެ ވާހަކައަށް ތާއީދު ކުރައްވައި ވާހަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ކެސިނޯ ހިންގުމުގެ ލައިސަންސް ދިނުމާބެހޭ ގޮތުން މެންބަރުންގެ ފަރާތުން ތަކުރާރުކޮށް ސުވާލު އަންނަ ކަމަށެވެ.

"އިއްޒަތްތެރި ވަޒީރު، ތަކުރާރުކޮށް ނުކުންނަ ސުވާލެއް މިއީ ކެސިނޯގެ ލައިސަންސެއް ރާއްޖޭގައި ދިނުމާބެހޭ ގޮތުން. ފާހަގަވާ ކަމަކީ އެއީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން. ނަމަވެސް އެކަމަށް ސާފު ގަވާއިދުތަކެއް ހެދިފައި ނެތުމުން ރިސޯޓުތަކަށް އެ މަސައްކަތް ނުކުރެވި، އެ ޚިދުމަތް ނުދެވިވާ ކަމަށް ތަކުރާރުކޮށް މެންބަރުން ފާހަގަ ކުރައްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖާބިރުގެ ސުވާލުގެ ޖަވާބުގައި މަޙްލޫފް ވިދާޅުވީ ކެސިނޯގެ ވާހަކަ ދެއްކިޔަސް އެ ހިސާބުން މުޅިން ގޯސްވީ ކަމަށެވެ. އަދި އެެއަށްފަހު އުޅެންޖެހޭނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެހެންވެގެން އެކަމުގައި މަޝްވަރާ ކޮށްލާނެ ފުރުސަތުވެސް ނެތް ކަމަށް ވިދާޅުވިއެވެ.

"ކެސިނޯގެ ވާހަކަ ދެއްކިޔަސް، އެ ވާހަކަ ބުންޏަސް ގޯސްވޭ. ހަމަ ހަގީގަތަށް މި ދެންނެވީ. އެ ނަން ދުލުން ކިޔަސް ގޯސްވާ ހިސާބުގައި މި އޮތީ. ރާ ވިއްކާ ވާހަކަ ދައްކާއިރަށް ހަރާމެއް ނޫނޭ އެކަމަކު ކެސިނޯގެ ވާހަކަ ހަމަ ފަށާއިރަށް އެބަބުނޭ ހަރާމޭ. އެކަމެއް ނުކުރެވޭނޭ. އެހެންވެގެން މިކަމަށް މަޝްވަރާކޮށްލާނެ ޖާގައެއް އޮންނަ ކަމަކަށްނުވެ،" މަޙްލޫފް ވިދާޅުވިއެވެ.

ޖާބިރު ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި ކެސިނޯ އަޅަން ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި އޭރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދާ ޖާބިރު ސުވާލު ކުރެއްވީ ރާއްޖޭގައި ޖުވާ ކުޅުމަށް ކެސިނޯ އަޅައި ހިންގަން މަނާކުރަނީ ކޮން ޤާނޫނަކުންކަން އެނގެން ބޭނުންވާކަމަށެވެ.

comment ކޮމެންޓް