ހއ. އުތީމުގައި މިސްކިތެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އުތީމުގެ އާ އިންޖީނުގެ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ރައީސް ވިދާޅުވީ ކޮންމެ ރަށަކަށް ވެސް އެންމެ ބޭނުންވާ ކަންކަން ކޮށްދިނުމަށް އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.
އެގޮތުން މިއަދު އުތީމުގައި އާ އިންޖީނުގެއެއް ހުޅުވާއިރު މިހާރު އެ ރަށުގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ކޮންމެ ރަށަކުން ވެސް އަބަދުވެސް ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތް ހުންނާނެ. ވާވަރަކުން ހުރިހާ ކަމެއްވެސް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދެން،" އެމަނިކުފާނު ވިދާޅުވިއެވެ.
އުތީމު ރައްޔިތުން މިސްކިތުގެ ވާހަކަ ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ހުރި މިސްކިތް މަރާމާތު ކުރާނީތޯ ނުވަތަ އާ މިސްކިތެއް އަޅާނީތޯ މަޝްވަރާ ކުރުމަށްފަހު މުޅިން އާ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އުތީމުގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯއަށް ވުރެ ވެސް މުހިންމީ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުބޭއްވުން ކަމަށެވެ.
މީގެ އިތުރުން އާބާދީގެ ކުޑަމިނެއް އަދި ބޮޑުމިނެއް ބެލުމެއް ނެތި ތަރައްގީ ހުރިހާ ރަށަކަށް ގެނައުމަށް އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް މިހާރު އުތުރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ހއ. ދިއްދޫއަށެވެ.
އެ ދަތުރުފުޅަކީ ސަރުކާރުން މިހާރު އެ ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވައިލެއްވުމަށާއި ނިމިފައިވާ ކަންކަން އިފްތިތާހުކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާނެއެވެ.