ޖަލުގައި ހުއްޓާ މަރުވި މީހާގެ މައްސަލަ އެޗްއާރްސީއެމް އިން ބަލަން ފަށައިފި

މާފުށި ޖަލު ---

ކ. މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި މީހާގެ މަރުގެ ތަހުގީގު ފަށާފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެފިއެވެ.

'ސަން' އާ ވާހަކަ ދައްކަމުން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ވަނިކޮށް މަރުވި މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު، 43، މަރުވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ މަރުވި މައްސަލަ ތަހުގީގު ކުރުމަށް އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ގޮވާލާފައެވެ.

އެ ކޯލިޝަނުން ބުނީ، ނަޝީދަށް ނޭވާ ނުލެވިގެން ކުއްލި ގޮތަކަށް މަރުވުމުގެ ކުރިން އޭނާގެ ނޭވާއަށް އުނދަގޫވާކަން ޖަލުގެ އޮފިސަރުންނާ ހިއްސާކުރި ނަމަވެސް އެކަމުގައި ފަރުވާ ކުޑަކޮށް އޭނާއަށް އެކަށިގެންވާ ފަރުވާ ނުދޭ ކަމަށެވެ.

ނަޝީދަށް ތަކުރާރުކޮށް އަނިޔާ ކުރާ ކަމަށް އެ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އެކަމުގެ ޝަކުވާ އޭނާގެ ވަކީލުންނަށް ލިބިފައިވާކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ނަޝީދުގެ މަރާ ބެހޭ ގޮތުން ކަރެކްޝަންސްއިން ބުނީ އޭނާ ނޭވާނުލާކަން ޖަލު އޮފިސަރުންނަށް އެންގީ އޭނާއާ އެއް ގޮޅިއެއްގައި އިން މީހެއް ކަމަށެވެ. އެކަން އެންގުމާއެކު ނަޝީދު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސިޕީއާރްދިން ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ސީޕީއާރްއަށް ފަހުވެސް ނަޝީދު ނޭވާ ނުލުމުން، މި މަހުގެ 15 ވަނަ ދުވަހުގެ 17:26 ހާއިރު ޑޮކްޓަރު ވަނީ އޭނާ މަރުވި ކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ނަޝީދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

comment ކޮމެންޓް