ސާބާ ޗެމްޕިއަންޝިޕް: ބޫޓާން އަތުން ސްރީލަންކާއަށް ފަސޭހަ މޮޅެއް

ސާބާ ޗެމްޕިއަންޝިޕްގައި މިރޭ ސްރީލަންކާ އާއި ބޫޓާން ބައްދަލުކުރިމެޗުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދެކުނު އޭޝިއާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ އާއި ބޫޓާން ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން ސްރީލަންކާ ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މިމެޗުގައި ބޫޓާނުގެ މައްޗަށް ސްރީލަންކާ ކުރިހޯދީ 33-98 ނަތީޖާއިން ނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ފެށުމާ ހަމައިން މެޗު ނިމެންދެން ޑޮމިނޭޓްކޮށް މޮޅަށް ކުޅެފައިވަނީ ސްރީލަންކާ ޓީމެވެ.

މެޗުގެ ފުރަތަމަ ކުއާޓާގެ ކުޅުން ނިންމާލިއިރު ލަންކާ ޓީމު ކުރިހޯދާފައިވަނީ 4-18 އިން ނެވެ. ދެވަނަ ކުއާޓަރުގައި ބުޓާނު ޓީމުން ހިއްވަރު ނެރެ ސްކޯ ކުރިނަމަވެސް ލަންކާގެ މައްޗަށް ކުރިހޯދޭ ވަރެއް ނުވިއެވެ. ދެވަނަ ކުއާޓަރުގެ ކުޅުން ނިންމާލިއިރު ލަންކާ ކުރީގައި އޮތީ 17-39 އިންނެވެ.

ސާބާ ޗެމްޕިއަންޝިޕްގައި މިރޭ ބޫޓާން ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ލަންކާ ޓީމުގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ތިންވަނަ ކުއާޓަރުގައި ލަންކާ ޓީމު ފެނުނީ މާބޮޑަށްވެސް ވަރުގަދަ ކޮށެވެ. ނަތީޖާއަކީ ކުރީ ދެ ކުއާޓަރަށްވުރެ ގިނައިން ސްކޯކުރުމެވެ. ތިންވަނަ ކުއާޓަރުގެ ކުޅުން ނިމުނުއިރު ނަތީޖާއަކީ 25-74 އެވެ. އަދި ފަހު ކުއާޓަރުގެ ކުޅުން ނިންމާލިއިރު ނަތީޖާއަކީ 98-33 އެވެ.

މެޗުގައި ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 27 ޕޮއިންޓް ހޯދި ނިރުމާ ސަސާންތީއެވެ. ބޫޓާނު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ޕޮއިންޓް ހޯދި ޒުމްސެލް ފިންސޯއެވެ.

ދެކުނު އޭޝިއާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގައި ލަންކާ ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. މި މެޗުގައި ލަންކާ ނިކުންނާނީ އެންމެ ފަހުގެ ރަނަރަޕް ޓީމު، ނޭޕާލާ ދެކޮޅަށެވެ.

comment ކޮމެންޓް