ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ގޮތުން ސެންޓްރަލް ޒޯންގެ ދެވަނަ ޑިވިޝަން ގްރޫޕް ބީގައި މިއަދު ހަވީރު ކ. މާފުށީ ނިއުސްޓާ ސްޕޯޓްސް ކުލަބާއި ކ. ގުރައިދޫ ސްޕޯޓްސް ރެކުރިއޭޝަން ކުލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ގުރައިދޫ ސްޕޯޓްސް އާއި، ނިއުސްޓާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެ މެޗުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނު ނަމަވެސް، ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ.

މާފުށީ ޓީމުގެ ހޫދުއަތުން ގުރައިދޫގެ ނިޔާފް ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މި ގްރޫޕްގައި މި ދެޓީމު މިދިޔަ އަންގާރަ ދުވަހު ބައްދަލުކުރި ފުރަތަމަ މެޗު 1-2 އިން ކާމިޔާބުކުރީ ގުރައިދޫ ސްޕޯޓްސް ކުލަބެވެ. މީގެ އިތުރުން ގުރައިދޫ ޓީމު ވަނީ ގުޅީ ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅުނުމެޗު ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެމެޗު ގުރައިދޫ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ.
މިއަދުގެ މެޗަށްފަހު މި ގްރޫޕްގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 12 ޕޮއިންޓާއެކު އެއްވަނައިގަ އޮތީ ގުރައިދޫ ސްޕޯޓްސް ކުލަބެވެ. ތާވަލުގެ ދެ ވަނައިގައި އުޅެނީ ތިން ޕޮއިންޓާއެކު ގުޅި ފުޓްބޯޅަ ކުލަބެވެ. އެއް ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައި އުޅެނީ މާފުށީ ނިއުސްޓާ ސްޕޯޓްސް ކުލަބެވެ.