ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް މިއަހަރު ރާއްޖޭގައި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ -- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ތުރުކީގެ އަކްސަރީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަނޭޝަނަލް ކޮންފްރެންސް އޮން އިލެކްޓްރޯނިކް، ކޮމްޕިއުޓާ، ކޮމިއުނިކޭޝަންސް އެންޑް މެކެޓްރޮނިކްސް އިންޖިނިއަރިން (އައިސީއީސީސީއެމްއީ) މިއަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

މިއީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ޔުނިވާސިޓި އޮފް މޮރިޝަސްއާ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 16 އިން 18 އަށް އެމްއެންޔޫގައެވެ.

އެމްއެންޔޫ އިން ބުނީ އެ ކޮންފަރެންސްގައި ދާއިރާގެ ތަޖުރިބާކާރުންނާއި، ތައުލީމީ ބޭފުޅުންނާއި އަދި އިންޖިނިއަރުން އެއްވެ، އިލެކްޓްރިކް، ކޮމްޕިއުޓަރު، ކޮމިއުނިކޭޝަން އަދި މެކަޓްރޮނިކް އިންޖިނިއަރިންއާ ގުޅޭ މައުލޫމާތާއި ޚިޔާލު ހިއްސާކުރާނެ ކަމަށެވެ.

ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ ކޮމްޕްރިހެންސިވް ޓެކްނިކަލް ޕްރޮގްރާމުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ އާއި އެޕްލިކޭޝަންތައް ދައްކުވައިދޭ ރިސާޗް ޕޭޕަރުތަކާއެކު ޓެކްނިކަލް ސެޝަންތަކެއް ކުރިއަށް ދާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

މި އަހަރުގެ ކޮންފަރެންސްގައި ގާތްގަނޑަކަށް 400 ރިސާޗް ޕޭޕަރު ހުށަހަޅާނެއެވެ. އޭގެތެރެއިން 165 ޕޭޕަރު ހުށަހަޅާނީ އޮންލައިންކޮށްކަމަށް އެމްއެންޔޫއިން ބުންޏެވެ. ކޮންފަރެންސްގެ ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށެވެ. އެމްއެންޔޫއިން ބުނީ ގާތްގަނޑަކަށް 250 ބައިވެރިން ފޭސް ޓު ފޭސް ސެޝަންތަކަށް އެ ޔުނިވާސިޓީއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އައިސީއީސީސީއެމްއީގެ ވެބްސައިޓުގައި އެކަމަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ އެވެ.

comment ކޮމެންޓް