ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރޭ ނޭޕާލް އަތުން ރާއްޖެއަށް މޮޅުވެވުނީ ސަޕޯޓަރުން ދެއްކި ހިތްވަރުންކަމަށް ރާއްޖޭގެ ބާސްކެޓު ބޯޅަ ޓީމުގެ ކެޕްޓަން އާމިނަތު ޝިއުރާ އަބްދުލް ބާރީ ބުނެފިއެވެ.
ރޭގެ މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޝިއުރާ ބުނީ ފަހުވަގުތު ޓީމަށް މޮޅުވާން ހިތްވަރު ލިބުނީ ސަޕޯޓަރުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކުރި ސަޕޯޓުގެ ސަބަބުން ކަމަށެވެ.
"ސަޕޯޓަރުންނަށް ބެނެލަން ބޭނުންވަނީ އެންމެ ފަހު ވަގުތު އެ ދަމާލެވުނީ ސަޕޯޓަރުންގެ ހިތްވަރާ އެކީއޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޝިއުރާ ބުންޏެވެ.
އޭނާ ބުނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް އެންމެ ފަހުވަގުތާ ޖެހެންދެން މޮޅުވާން މަސައްކަތް ކުރާނެ ކުޅުންތެރިއެއް ކަމަށާއި، މެޗުން މޮޅު ވެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.
ރޭގެ މެޗުގެ ފަހު ކުއާޓާގެ ވަރަށް ފަހު ވަގުތަކާ ޖެހެން ދެން ވެސް ނޭޕާލުން ލީޑްގައި އޮއްވައި ރާއްޖެއިން މެޗު އަނބުރާލީ އެންމެ ފަހު ދެތިން މިނެޓްތެރޭގައެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނޭޕާލް ބަލިކުރީ 51-47 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖޭގެ ކެޕްޓަން ޝިއުރާގެ ކަކުލަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުން ވެސް ވެގެން ދިޔައީ ރޭޭގެ މެޗުގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުމަކަށެވެ. ނަމަވެސް އެންމެ ފަހުވަގުތާ ހަމައަށް ހިތްވަރުކޮށް ރާއްޖޭން ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ.
އެ މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނިފައިވަނީ ނަމޫނާ ސަޕޯޓެކެވެ. ސޯޝަލް ސެންޓަރު އެއްކޮށް ސަޕޯޓަރުން ފުރާލާފައިވާއިރު ސަޕޯޓުގެ އަޑު މުޅި ސަރަހައްދު ވަނީ ގުގުމާލައިފައެވެ.