ޔޫއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާގެ މަޗަށް ކުރި ހޯދައި ކްރޮއޭޝިއާ ސެމީގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ރޭ އޮސްޓްރިއާގެ އާންސްޓް ހަޕެލް ސްޓޭޑިއަމްގައި އެ ގައުމާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ ހަ ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ނިކޮލާ ވްލަސިޗްގެ އެހީތެރިކަމާއެކު ލުކާ މޮޑްރިޗް ޖެހި ގޯލެކެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން، މެޗުގެ ނުވަ ވަނަ މިނެޓުގައި އޮސްޓްރިއާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މާސެލް ސަބިޓްޒާ ނަގައިދިން ހުރަހަކުން ބޮލުން އެ ގޯލު ޖެހީ ކްރިސްޓޮފް ބޯމްގާޓްނާއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ އެ ދެ ގޯލާއެކު ނަތީޖާ އެއްވަރު ވެގެންނެވެ. ނަމަވެސް ދެ ވަނަ ހާފުގައި ކްރޮއޭޝިއާގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ދެ ގޯލު ޖަހައިފައެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ދެވަނަ ގޯލު ޖަހައިފައިވަނީ އިވާން ޕެރިސިޗްގެ އެހީތެރިކަމާއެކު މާކޯ ލިވަޖާއެވެ. އަދި 72 ވަނަ މިނެޓުގައި ލެވްރޯ މަޖާ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ޑެޖަން ލޮވެރެން ވަނީ ކްރޮއޭޝިއާގެ ތިން ވަނަ ގޯލު ޖަހައިފައެވެ.
އެ ނަތީޖާއާއެކު މޮޅުވެ ނެދަލެންޑްސް ވަނީ ކުޅުނު ހަ މެޗުން 13 ޕޮއިންޓު ހޯދައި ޑިވިޝަން އެކެއްގެ ގްރޫޕް އޭގެ އެއް ވަނައާއެކު ސެމީ ފައިނަލަށް ގޮސްފައެވެ. ދެވަނައިގައި އޮތް ޑެންމާކަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ފްރާންސް ތިން ވަނަ އަށް ދިޔައީ ހަ މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕުން ރެލިގޭޓްވީ ހަ މެޗުން ހަތަރު ޕޮއިންޓް ލިބުނު އޮސްޓްރިއާއެވެ.