ދެކުނު އޭޝިއޭ ސަރަހައްދުގެ އެންމެބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް، ޝަބާ ވިމެން ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ރާއްޖެ ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގައި އެންމެފަހުގެ ރަނަރަޕް ނޭޕާލް ބަލިކޮށް ރާއްޖެ ރޭގެ މެޗު ކާމިޔާބުކުރީ 51-47 ނަތީޖާއިންނެވެ. ރާއްޖޭގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ ވަރަށް ހަލުވި ކުޅުމެއް ފެނިފައެވެ. މެޗުގެ ފުރަތަމަ ކުއާޓަރު ނިންމާލިއިރު 16-14 ޕޮއިންޓުން ކުރީގައި އޮތީ ރާއްޖެއެވެ.
ދެވަނަ ކުއާޓާގައި ދެޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ފުރަތަމަ ތިން މިނެޓް ތެރޭގައި އެއްވެސް ޓީމަކަށް ސްކޯއެއް ނުކުރެވެއެވެ. މި ކުއާޓަރުގައި އެންމެ ފުރަތަމަ ސްކޯ ކުރީ ރާއްޖެއެވެ. ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ކުއާޓާގެ ކުޅުން ނިންމާލިއިރު ސްކޯއަކީ 25-24 އެވެ.
ތިންވަނަ ކުއާޓާގެ ކުޅުން ފަށައިގަތުމާއެކު ނޭޕާލް ޓީމުގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް ރާއްޖެއަށް ބާރުބޮޑުކޮށްފައެވެ. ނޭޕާލް ޓީމުން މި ކުއާޓަރުގައި ލީޑް ނެގިއިރު، ސްކޯއަކީ 34-36 އެވެ.
މެޗުގެ ހަތަރު ވަނަ ކުއާޓާގެ ކުޅުންދިޔައީ ދަނޑުގެ އެތެރެއިންނާއި ދަނޑުގެ ބޭރުންވެސް ވަރަށް ފޯރިގަދަކޮށެވެ. މި ކުއާޓަރު ފެށުމާއެކުހެން ނޭޕާލުން ވަނީ ކުރިއަށްވުރެ ކުޅުން ވަރުގަދަކޮށް ލީޑް ފުޅާކޮށްފައެވެ. ނޭޕާލް 40-36 ނަތީޖާއިން ލީޑު ނަގާފައިވަނިކޮށް މެޗުގެ އޮއިވަރު ބަދަލުވީ، ދަނޑުގައި ބަހައްޓާފައި ހުރި ސްކޯބޯޑުން ކަރަންޓް ކެނޑުމާއި ގުޅިގެން ނެގި ބްރޭކަށް ފަހުއެވެ.
އޭގެފަހުން ރާއްޖޭގެ ޓީމުގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް ލީޑް ނަގާފައެވެ. މި ކުއާޓަރުގައި ރާއްޖޭގެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ނުތަނަވަސްކަމަކީ ރާއްޖޭ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އާމިނަތު ޝިއުރާއަށް އަނިޔާވެގެން ދަނޑުން ފައިބަން ޖެހުމެވެ. ނަމަވެސް ފާތުމަތު ރިޝްމާގެ ތަޖުރިބާގެ ބޭނުންކޮށް އޭނާ ވަނީ ގިނަ ޕޮއިންޓްތަކެއް ހޯދައިދިނުމަށް އެހީތެރިވެދީފައެވެ. ފަހު ކުއާޓަރުގެ ކުޅުން ނިންމާލީ ދިވެހި ޓީމު މޮޅުވެގެންނެވެ.
ރާއްޖޭގެ އަންހެން ބާސްކޭޓް ބޯޅަ ޓީމަށް ނޭޕާލް އަތުން ރޭ ލިބުނު މޮޅަކީ ތާރީޚްގައިވެސް ރާއްޖޭގެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މި މުބާރާތުގައި ދިވެހި ޓީމު ދެން ނިކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ނޭޕާލާ ދެކޮޅަށެވެ.