އިނގިރޭސިވިލާތުގެ ކުންފުންޏަކުން ސެޓެލައިޓް ޑޭޓާ ޝެއާކުރާ ޚިދުމަތެއް ތައާރަފުކޮށްފި

އޯޕަންކޮންސްޓެލޭޝަންގެ ޕާޓްނަރުން ސެޓެލައިޓްތައް ކޮންޓްރިބިއުޓް ކުރާނެ / ފޮޓޯ ކްރެޑިޓް: އޯޕަން ކޮސްމޮސް

އިނގިރޭސިވިލާތުގެ ކުޑަ ސެޓެލައިޓް ސްޓާޓްއަޕެއް ކަމަށްވާ "އޯޕަން ކޮސްމޮސް" އިން އެމީހުންގެ އަމިއްލަ ސެޓެލައިޓުން ލިބޭ މައުލޫމާތު އެހެން ކުންފުނިތަކަށާއި، ސަރުކާރުތަކާ ހިއްސާކުރާ ޚިދުމަތެއް ތައާރަފްކޮށްފިއެވެ.

އެކުންފުނިން ބުނީ އެޚިދުމަތަކީ ސެޓެލައިޓުން ޑޭޓާ ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އުފައްދާ ޚިދުމަތެއް ކަމަށެވެ. އެގޮތުން އެމީހުން ވަނީ އޯޕަން ކޮންސްޓެލޭޝަންގެ ނަމުގައި ޕްލޭންތަކެއްވެސް މިދިޔަ ބުދަ ދުވަހު އިއުލާންކޮށްފައެވެ.

ދާދި ފަހުން ބޭއްވި އިންޓަނޭޝަނަލް އެސްޓްރޮނޮޓިކަލް ކޮންގްރެސްގައި އޯޕަން ކޮސްމޮސްއިން ވަނީ ދުނިޔޭގެ ގައުމުތަކާއި މުއައްސަސާތަކަށް ނުވަތަ ކުންފުނިތަކަށް އެމީހުންގެ ސެޓެލައިޓްތައް އޯޕަން ކޮންސްޓެލޭޝަނާ ހިއްސާ ކުރުމަށް ދައުވަތު ދީފައެވެ.

އޯޕަން ކޮސްމޮސް އިން ބުނެފައިވަނީ އޯޕަންކޮންސްޓެލޭޝަން ފުޅާކުރަމުންގޮސް، އެ ޚިދުމަތުގައި ޖުމުލަ 25 ސެޓެލައިޓް ހިމަނާނެ ކަމަށެވެ.

އޯޕަން ކޮސްމޮސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ އަމާޒަކީ 'އޯޕަންކޮންސްޓެލޭޝަން'ގެ ޕާޓްނަރުންނަށް އެމީހުން ޝައުގުވެރިވާ ދާއިރާތަކުން ސެޓެލައިޓް ޑޭޓާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ. އެގޮތުން އަމިއްލައަށް ސެޓެލައިޓް މައުލޫމާތު ހޯދުމުގެ ގާބިލުކަން ލިބިފައި ނުވާ ވިޔަފާރިތަކާއި ނަން ޕްރޮފިޓްތަކާއި ސަރުކާރުތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޯޕަންކޮންސްޓެލޭޝަންގެ ފުރަތަމަ ހަ ސެޓެލައިޓަށް އެއްބާރުލުން ދޭން އެއްބަސްވެފައިވާ ޕާޓްނަރުންގެ ތެރޭގައި އިނގިރޭސިވިލާތާއި ސްޕެއިން އަދި ޕޯޗުގަލްގެ ޖައްވީ ޖަމިއްޔާތައް ހިމެނެ އެވެ. އެގޮތުން ފުރަތަމަ ސެޓިލައިޓް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު އެވެ.

އޯޕަން ކޮސްމޮސްގެ ބާނީ އަދި ސީއީއޯ ރަފެލް ޖޯޑާ ސިކިއާ ވިދާޅުވީ "އޮޕަންކޮންސްޓެލޭޝަން"ގެ މަގުސަދަކީ ކަސްޓަމަރުންނަށް ބޭނުންވާ ސެޓެލައިޓް ޑޭޓާއާއި މައުލޫމާތުތައް ފަސޭހައިން ލިބޭނެ ގޮތް ހެދުން ކަމަށެވެ.

އޯޕަންކޮންސްޓެލޭޝަންގެ ފުރަތަމަ ހަ ސެޓެލައިޓްގެ މަސައްކަތް މިހާރު ނިމި ޚިދުމަތަށް ނެރެފައިވާއިރު، އެ ހުރިހާ ސެޓެލައިޓް ވެސް ހަދަނީ އޯޕަން ކޮސްމޮސް އިންނެވެ. އޯޕަންކޮންސްޓެލޭޝަންގެ ސެޓެލައިޓުތައް ބަލަހައްޓާނީ އޯޕަން ކޮސްމޮސްގެ މުވައްޒަފުންނެވެ.

އޯޕަން ކޮސްމޮސްއަކީ އެފަދަ ޚިދުމަތެއް ދޭ ފުރަތަމަ ކުންފުންޏަށް ނުވިނަމަވެސް އެ ހާއްސަ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި މިހާރަށް ވުރެ ފުރިހަމަ މަންޒަރުތައް ދައްކުވައިދޭ ސެޓެލައިޓުތައް އިތުރު ކުރަން ނިންމާފައިވާ އެކުންފުނީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު