މައާފު އެދެމޭ ޔާރާ... 23

"ހިދާވެސް ހަމަ ތިހެން... އަހަންނަކަށް އެއްވެސް ކަމެއް ކޮށެއް ނުދެވުނު..." މިރާންގެ އަޑު ކުރެހުނެވެ. "އަހަރެން ބޭނުމެއް ނޫން، އެކަން ތަކުރާރުވާކަށް..."

"ހިދާއަކީ ކާކު؟..." އަހަންނަށް ސުވާލު ކުރެވުނެވެ.

"އާނާގެ މަންމަ..." ޖަވާބު ދިނީ މިރާންއެއް ނޫނެވެ.

********

އަޑު އައީ އަހަރެމެންގެ ފަހަތުންނެވެ. އަހަރެން ކުޑަކޮށް ސިހިފައި ފަސްއެނބުރުނުއިރު، ޔާނިޝް ހުރީ ދާދި ގާތުގައެވެ. އެ މޫނުން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. މިރާން އެއްޗެއް ބުނަން އުޅުނެވެ. ޔާނިޝް އެއަށްވުރެ ކުރިން އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

"މަޑުކޮށްބަލަ..." މިރާން ގޮވައިލި ނަމަވެސް ޔާނިޝް ނުހުއްޓުނެވެ.

ގެއިން ނުކުމެގެން ޔާނިޝް މިސްރާބުޖެހީ، ކާރާއި ދިމާއަށެވެ. އަހަރެން ކާރަށް އަރުވާފައި، ޔާނިޝްވެސް ކާރަށް އެރިއެވެ.

"އަހަރެން ބުނީމެއްނު އަހަރެންގެ ދިރިއުޅުމުގެ ކަމެއް އެނގެން ބޭނުމިއްޔާ ސީދާ އަހަންނާ ސުވާލުކުރާށޭ..." ޔާނިޝްގެ އަޑުގައި ހަރުކަށި ގޮތެއް ހުރިނަމަވެސް، އެ އަޑުގައި ނޭނގޭ ރިހުމެއްގެ އަސަރު ވިއެވެ. "އަހަރެން މީ މީހުން މަރާ މީހެއްތޯ، ނޫނީ، މީހުންނަށް ދެރަދޭން އުޅޭ މީހެއްތޯވެސް، އަހަރެން ކައިރީ އަހާފާނަންތަ؟..."

އަހަންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ޔާނިޝްއަށް ބަލަން އިނދެވުނީއެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ހިނގީ، ވިސްނައިލާނެ ވަގުތެއްވެސް ނުލިބިއެވެ. ކަންތައް ކުރަންވީ ކިހިނެއް ކަމެއް ނޭނގި އަހަރެން އިނީ ގަބުވެފައެވެ. ކުށްވެރިވެފައިވާ ކަމުގެ އިހުސާސުން އަހަރެންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އިންސާނީ ތަބީއަތް ބަދަލުވާން ހިނދުކޮޅެއްވެސް ނުނަގައެވެ. އޭގެ އިރުކޮޅެއް ކުރިން މަޖާ މޫޑެއްގައި ހުރި ޔާނިޝްގެ މޫނުން ފެންނަމުން ދިޔައީ، ހިތާމައިގެ އަސަރެވެ. އަހަރެންގެ ސަބަބުން އޭނާގެ މުޅި ތަބީއަތު ހަރާބުވެފައިވާ ކަހަލައެވެ.

"ރުއާވެސް އަހަންނަށް އިތުބާރެއް ނުކުރަމެއްނު... އެކަކުވެސް އަހަންނަށް އިތުބާރު ނުކުރަނީ ކީއްވެތަ؟...." ޔާނިޝް ވަރަށް ބާރަށް ކާރުގެ ދޮރުގައި އަތުން ޖެހިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"އަހަރެން މީ ގޯސް މީހެއް... އަހަރެން މިހުރީ ހިދާޔާ މަރާލާފަ..." ޔާނިޝް އޭނާގެ ތޫނު ދެލޮލުން އަހަންނަށް ބަލައިލިއެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

މިރާން އަވަސް ފިޔަވަޅުތަކެއްގައި އައިސް ކާރުގެ ދޮރު ހުޅުވައިލިއެވެ. ދެވަނަ ވިސްނުމަކަށްވެސް ނުގޮސް، އަހަރެން އަތުގައި ހިފައި، ކާރުން ނެރުނެވެ. މިރާންގެ އެ އަމަލުން އަހަރެން އިތުރަށް ހާސްވާގޮތް ވިއެވެ.

ޔާނިޝް ކާރުން ފޭބުމުގެ ކުރިން، މިރާން އަހަރެންގެ ކުރިމައްޗަށް އެރިއެވެ. އަހަންނަކީ ޔާނިޝް ބޭނުންހާ ގޮތެއް ހަދަން ހުރި މީހެއް ނޫނޭ ބުނި ކަހަލައެވެ. ޔާނިޝް ކާރުން ފޭބިއިރު ހުރީ ކުރިއަށްވުރެ ބޮޑަށް ރުޅި އައިސްފައެވެ. އެ ނަޒަރުން މިރާން ފިއްސައިލަން އުޅޭ ކަހަލައެވެ. މިރާންގެ ފަހަތުން ނުކުންނަންވެސް ނުކެރިފައި އަހަންނަށް ހުރެވުނެވެ. ކަންތައް ވަމުންދާ ގޮތް އެނގޭނީވެސް އަހަރެންގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރާ ނަމަތާއެވެ. މިރާންވެސް ފަސްޖެހޭކަށް ނޫޅުނެވެ. އަހަރެންގެ ހިމާޔަތުގައި އައްޑަނައަކަށް ވެގެން ހުރީއެވެ. ބިރުން ގޮތް ހުސްވެފައި ހުރީ އަހަރެން އެކަންޏެވެ. އެއިން ހިސާބަކުން މީހަކު ފެންނަން ނެތްކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ.

"މިރާން މިކަމުގެ ތެރެއަށް ނުވަދޭ... ރުއާއަކީ އަހަރެންގެ އަނބިމީހާ..." ޔާނިޝް ހިތްހަމަނުޖެހިފައި ބުންޏެވެ.

"އަނބިމީހާ ވިޔަސް ބޭނުންހާ ގޮތެއް ނުހެދޭނެ...." މިރާން ނުރުހިފައި ބުނެލިއެވެ.

"ދެމަފިރިންގެ ދޭތެރެއަށް ވަންނަން މިރާން ތީ ކާކު؟..." ޔާނިޝް ކުރިއަށް ޖެހިލިގޮތުން އަހަރެން ބިރުގަތެވެ.

"ދެމަފިރިންނޭ؟..." މިރާން ފާޑަކަށް ހީލި އަޑު އިވުނެވެ. "ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން... ފުރަތަމަ ކަމަކަށް ރުއާ ހުރީ އުފަލުންތޯ އަހާބަލަ..."

"އަހަރެންގެ އަނބިމީހާ ހުރީ އުފަލުންތޯ މިރާންގެ ކުރިމަތީގަ އަހަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނު..." ޔާނިޝްގެ އަޑު ބާރުވިއެވެ.

"އަހަރެން ރުއާއަށް ކެއާ ކުރާތީ...." މިރާން ދެން ބުނެލި ވާހަކައަކުން އަހަރެންގެ ދެލޯ ބޮޑުވިއެވެ.

"މިރާން ތީ ދެތިން ދުވަހަށް ގެއަށް އައިސް ހުރި މެހެމާނެއް... މެހެމާނެއްގެ ގޮތުގަ މިރާން ހުރޭ... އަހަރެމެންގެ އާއިލީ ކަމެއްގެ ތެރެއަށް ވަންނާކަށް މިރާންއަކަށް ނުޖެހޭނެ..." ޔާނިޝް ކުރިންވެސް ވާހަކަ ދެއްކި ރާގުގައި ބުނެލިއެވެ.

"ތިބުނީ ހިދާއަށް ވީގޮތް ރުއާއަށް ވާތަން ބަލަން ހުންނާށޭތަ؟... ނުހުންނާނަން..." މިރާން ދެން ބުނެލި ވާހަކައަކުން ޔާނިޝްގެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. "ރުއާ ވަދޭ ގެއަށް..."

"ނުވަދެވޭނެ... މަޑުކުރޭ..." ޔާނިޝް އަމުރުކުރިއެވެ. "މިރާން ތިއުޅެނީ ރުއާއަށް ހަގީގަތް އަންގާކަށްނު... އޭނަ ބަހައްޓައިގެން ތިކިޔާ އެއްޗެއް ކިޔާ... އަހަރެން މިހާރު ބޭނުން ހިދާޔާއާ މިރާންއާ ދެމީހުންގެ ދެމެދުގަ އޮތީ ކޮންކަހަލަ ގުޅުމެއްތޯވެސް ބަލަން...."

މިރާން ހިމޭންވެފައި އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ. އަހަންނަށް ހުރެވުނީ ފަހަރަކު މީހެއްގެ މޫނަށް ބަލާށެވެ. ގޭތެރެއިން ފިޒާ އާއި މަލްދާ ވަރަށް ބާރަށް ނުކުތެވެ. ކަމެއް ގޯސްކޮށް ހިނގައިގެން އުޅޭކަން އެނގިގެން ނުކުތް ކަހަލަ ގޮތަކަށެވެ. ފިޒާ އައިސް އަހަރެންގެ އަތުގައި ހިފައިލިއިރު، މަލްދާ ތަންކޮޅެއް ދުރުގައި ބަލަން ހުރީއެވެ.

"ކީއްވެ އެއްޗެއް ނުބުނެވުނީ؟... ބުނެބަލަ ހިދާޔާ މަރާލީ ކާކުކަން... އަހަންނޭ މަރާލީ ބުނެބަލަ..." ޔާނިޝް އޭނާގެ މޭގައި އަތުން ޖަހައިލަމުން ބުނެލިއެވެ. "އަހަންނަށް މިހާރު އެހެން ގޮތަކަށް ޝައްކުވާން ފަށައިފި..."

"ތިއްތި... ހަމަޖެހިބަލަ... ހިނގާ ގޭތެރެއަށް... މިތާ ތިކަހަލަ ވާހަކަ ދެއްކުން އެހާ ރަނގަޅެއް ނޫން..." ފިޒާ ޔާނިޝް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.

"ހިދާޔާ މަރާލީ އަހަންނޭ ބުނެފީމެއްނު... އަހަންނަށް ވަރިހަމަ އެންމެން އެގޮތަށް ގަބޫލު ކުރިޔަސް..." ފިޒާގެ އަތް ފޮޅުވައިލާފައި ގޮސް ކާރަށް އަރަމުން ޔާނިޝް ބުނެލިއެވެ.

ޔާނިޝް ކާރުގައި ނައްޓައިލުމުން، އެންމެން ތިބީ ހިމޭންވެފައެވެ. ފިޒާ އަހަރެން ގޮވައިގެން ތަންކޮޅެއް ދުރަށް ދިޔައެވެ. އަހަރެން ހާސްވެފައި ހުރުމުން ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

"ކަންތައް މިހާ ގޯސްނުވޭ ދުވަހަކުވެސް..." ފިޒާ ދޫކޮށްލީ ފުން ނޭވާއެކެވެ. "ހިދައްތަ މަރުވިފަހުން ތިއްތިއަށް ހުންނަނީ ފާޑެއްގެ ގޮތެއްވެފަ... އެއީ ތިއްތި ގަސްދުގަ ކުރާ ކަމެއް ނޫން... ބައެއްފަހަރު ހީވޭ، ހިދައްތަ މަރާލީ ތިއްތިއެއް ނޫނޭވެސް... އެކަމަކު މިނޫނީ ތިއްތި އަދި ދުވަހަކުވެސް އަމިއްލަ ދިފާއުގަ ވާހަކަ ދައްކާފައެއް ނެތް..."

"އަހަންނަށް އެކައްޗެއްވެސް ނޭނގެ..." އަހަންނަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

"ތިއްތަ ހާސްނުވޭ..." ފިޒާ އަހަރެންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. "އަހަރެން ތިއްތި ހަމައަކަށް އަޅުވާނަން..."

"އަހަންނަކަށް ނުކެރޭނެ ގެއަށް ދާކަށް...." އަހަރެން އިސްޖަހައިލީމެވެ.

"ކީއްވެ؟... ތިއްތިދެކެ ބިރުންތަ؟... އެއީ މީހަކު ބިރުގަންނަ ވަރުގެ މީހެއް ނޫނޭ..." ފިޒާ ހީލިއެވެ. "އަހަރެން ހުއްޓާ ތިއްތަ ހާސްވާކަށް ނުޖެހޭނެ..."

އަހަރެން ބޯ ހޫރައިލުމުން، ފިޒާ ހިނިގަނޑެއް ޖަހައިލިއެވެ. ހާސްކަމުގެ ތެރެއިންވެސް ފިޒާ އޭނާގެ އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލިލެއް އަވަހެވެ.

"ހިނގާ ގެއަށް ދާން... ޕްލޭންވެސް ފަނިވީނު... މިވީގޮތުން ހިނގާފައޭ ދެން ދާންޖެހޭނީވެސް.. މިރާންވެސް އެދިޔައީނު..." މަލްދާގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. ހިނގައިގެން އުޅޭ ކަންތަކުން އޭނާއަށް މާ ބޮޑު އަސަރެއް ނުކުރާ ކަން އެ މޫނުގެ އަސަރުތަކުން ދޭހަވެއެވެ.

"މަލްތަ ދާންވީނު މިރޭ ދެން އެކަނި.... ތިއްތައާ އެކީ މިރޭ މިގޭގަ ފިޒާ މަޑުކުރާނީ..." ފިޒާ ބުނެލިއެވެ.

މަލްދާ ފުސްމޫނު ހަދާލައިގެން ހުރެ، ހިނގައިގަތެވެ. ފިޒާ އަހަރެން ގޮވައިގެން ވަނީ ގޭތެރެއަށެވެ. ގޭގައި ރަސްކަން ކުރަމުން ދިޔައީ ހިމޭން ކަމެވެ. ފިޒާ ސޯފާއަށް ވެއްޓިގަތެވެ. އެއަށްފަހު، އޭނާގެ ކައިރީގައި އިށީނުމަށް އެދުނެވެ.

"ތިއްތަ ހިތަށް އަރާނެ ދޯ މިއޮއް ކުރެވުނު މޮޔަ ކަމެކޭ..." ފިޒާ އަހަންނަށް ބަލައިލިއެވެ. "އަރާތަ؟..."

"ހޫމްމް..." އަހަރެން އެއްބަސްވީމެވެ. ފޮރުވާކަށް ކުޑަވެސް މަސައްކަތެއް ނުކުރަމެވެ.

"އަރާނެ... ތިއްތަ ކަހަލަ ކުއްޖަކު ގެއަށް އައީމަ ފިޒާ ވަރަށް އުފާވޭ... ދެރަވެސްވޭ..." ފިޒާގެ މޫނު މަލެއްހެން މޯޅިވި ތަން ފެނުނެވެ. "ދެރަވަނީ ތިއްތައަށް ބޮޑު ކަންތައްގަނޑެއް ތެރޭ އުޅެންޖެހޭތީ..."

އަހަރެންގެ ހަޔާތުގެ ނައު ބީހޭނީ ކޮން ކަހަލަ މަންޒިލަކަށްކަން ނޭނގޭ ހާލު، ހިތް ފޮތިފޮތިވަމުން ދިޔައެވެ. ފިޒާ ބުނިހެން، އަހަރެންގެ ދިރިއުޅުން އަނދިރިގަނޑަކަށް ވެއްޓިއްޖެއެވެ. ދާންވީ މިސްރާބު ނޭނގޭ ވަރަށް ކުރިމަގު ބަނަ އަނދިރިއެވެ. އެހެނަސް، އަމިއްލަ މައިންބަފައިންނަށްޓަކައި މިއަދު އަހަންނަށް ވަނީ ހިތްވަރު ކުރަން މަޖުބޫރުވެފައެވެ.

"ބައެއް ފަހަރު އެހެންވެސް ވާނެ.... އަބަދު އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެއްނު..." ހިތްވަރު ކުރަމުން އަހަރެން ވާހަކަ ދެއްކީމެވެ.

ފިޒާ އަހަންނަށް ބަލަން އިރުކޮޅަކު އިނެވެ. އިތުބާރުން ފުރިފައިވި ނަޒަރެކެވެ. އަހަރެންގެ ނިންމުމާއިމެދު އޭނާ ފަހުރުވެރިވަމޭ ބުނާފަދައެވެ. އެ ދެލޮލުން ފެނުނީ ހަމްދަރުދީއެވެ.

"ހިދައްތައާ ތިއްތި އުޅުނީ ރައްޓެހިވެގެން..." ފިޒާ ކުއްލިއަކަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. "ވަރަށް ލޯބިން އުޅުނީ... ދެ އާއިލާއިންވެސް ވަރަށް ގަބޫލުވި... ކައިވެނި ކުރަން ހަފްތާއަކަށްވުރެވެސް ކުޑަ ދުވަސްކޮޅަކަށްވެފަ ހުއްޓާ، އެއް ދުވަހު ހިދައްތަ އައިސް ބުނި ކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ... މަންމަމެން އެންމެންވެސް ތިއްބާ ބުނީ... ހުރިހާ ކަމެއް ފައިނަލްކޮށް ނިންމާފަ... ހެދުމާ އެއްޗެހިވެސް ފަހާފަ ހުރީ... ތިއްތި ވަރަށް އުޅުނު ހިދައްތަ އޯކޭ ކުރެވޭތޯ... އެކަމަކު ނުވި... އޭގެ ފަހުން، ތިއްތިއާ ދެމީހުން ޒުވާބުކުރަން ތިއްބާ ވަރަށް ގިނައިން ފިޒާއަށް ފެނޭ..."

"ކީއްވެ ކުއްލިއަކަށް މެރީކުރަން ބޭނުން ނުވީ؟..." އަހަރެން ޝައުގުވެރިވިއެވެ.

"ފިޒާއަށް އަޑު އިވުނު ހިދައްތަ ބުނި އަޑު، ބަނޑުބޮޑު ވާހަކަ... ތިއްތިގެ ދިރިއުޅުން ހަލާކުވާން ބޭނުން ނޫނޭވެސް ބުނިހެން ހީވި... އެކަމަކު ވެދާނެ އެއީ ފިޒާއަށް އަޑު އިވުނު ގޮތަކަށްވެސް..." ފިޒާ ތަންކޮޅެއް މަޑުން ބުނެލިއެވެ. "ތިއްތި ހުރީ ހިދައްތަ ވިހޭމަ މެރީ ކުރާގޮތަށް... އެކަމަކު، އާއިލާތެރޭ މައްސަލަ ޖެހުނީ... ހިދައްތަ މަންމަމެންވެސް ފަހުން ބޭނުމެއްނުވި ތިއްތިއާ މެރީ ކުރުވާކަށް..."

"ކީއްވެ؟..." އަހަރެންގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ.

"ނޭނގެ ކީއްވެ ކަމެއް... އޭގެ ފަހުން މައްސަލަ ވަރަށް ގޯސްވި... ތިއްތި އެގެއަށް ދިޔާމަ ނުވެސް ވައްދާ... ހިދައްތަ ވިހޭކަން އެނގުނީމަ ތިއްތި އެގޭ ކައިރިއަށް ގޮސް ރޮއެފަ އާދޭސްކުރި އެތެރެއަށް ވައްދާށޭ ކިޔާފަ... ފިޒާއަށް ފެނުނު ކިތަންމެ ދުވަހަކު... ދެން އެއް ދުވަހު ހިދައްތަ މަންމައަށް ފެނުނީ... ފެނުނީ..." ފިޒާ އޭނާގެ ވާހަކަ ހުއްޓައިލީ އަރުތެރޭގައި އެއްޗެއް ތާށިވުމުން އުނދަގޫވެގެން ހުއްޓައިލާފަދަ ގޮތަކަށެވެ.

އެއްޗެއް ނުބުނެވިފައި ފިޒާ އިރުކޮޅަކު އިނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު