އިޒްރޭލުގައި ހުންނަ އިނގިރޭސި އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ ވިސްނުމެއް

އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް އާއި އިޒްރޭލުގެ ބޮޑުވަޒީރު ޔައިރު ލެޕިޑް -- ފޮޓޯ/ ޖީޕީއޯ

މެދުއިރުމަތީގެ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރޭލުގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ބެހޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް އާއި އިޒްރޭލުގެ ބޮޑުވަޒީރު ޔައިރު ލެޕިޑް މަޝްވަރާ ކުރައްވައިފިއެވެ.

އިޒްރޭލުގެ ވެރިރަށް ޓެލް އަވީވުގައި ހުންނަ އިނގިރޭސި އެމްބަސީ ގުދުސަށް ބަދަލުކުރުން ވެގެންދާނީ އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އިނގިރޭސިވިލާތުން ތާއިދުކުރުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ދެހާސްއަށާރަ ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުން އަރަބި ގައުމުތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

އިނގިރޭސި ބޮޑުވަޒީރުގެ ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ފަލަސްތީނުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުސާމް ޒޮމްލޮޓް ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި މި މަހުގެ އަށް ވަނަ ދުވަހު ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތް ޓްރަސް އެ މަގާމު ފުރުއްވަން ފެއްޓެވި ދުވަސްކޮޅު މިފަދަ ނިންމުމެއް ނިންމެވުމަކީ އިނގިރޭސިވިލާތުން އަބަދުވެސް ވަކާލާތުކުރަމުން އަންނަ "ޓޫ ސްޓޭޓް ސޮލިއުޝަން"އަށް ކުރާ ޖެއްސުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ގުޅިގެން އޭރު އިނގިރޭސި ބޮޑުވަޒީރަކަށް ހުންނެވި ތެރީސާ މޭ ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. ނަމަވެސް އެމެރިކާގެ އެ ނިންމުމާ ގުޅިގެން ހޮންޑިއުރަސް އަދި ކޮސޯވޯފަދަ ގައުމުތަކުން ވަނީ ޓެލް އަވީވުގައި ހުރި އެ ގައުމުތަކުގެ އެމްބަސީ ގުދުސަށް ބަދަލުކޮށްފައެވެ.

ގުދުސަކީ މުސްލިމުންގެ އެންމެ މަތިވެރި އެއް ބިނާ، މަސްޖިދުލް އަޤްޞާ، ހުންނަ ބިމެވެ. ނަމަވެސް ގުދުސް ކޮންޓްރޯލުކުރަނީ އިޒްރޭލުންނެވެ.

comment ކޮމެންޓް