ޓެނިސް ލެޖެންޑް ރޮޖާ ފެޑްރާ ވާދަވެރި ޓެނިސް މުބާރާތްތަކަށް އަލްވަދާއު ކިޔައިފި

ފެޑްރާގެ އެންމެ ފަހު މުބާރާތްލޭވާ ކަޕްގެ ތެރެއިން -- ފޮޓޯ/ ރޮއިޓާސް

ލޭވާ ކަޕް ފެށުމުގެ ގޮތުން ރޭ ކުޅުނު ޑަބަލްސް މެޗުން ބަލިވެ، ޓެނިސް ލެޖެންޑް ރޮޖާ ފެޑްރާ ވާދަވެރި ޓެނިސް މުބާރާތްތައް ކުޅުން ހުއްޓާލައިފިއެވެ.

މެޗަށް ނިކުތުމުގެ ކުރިންވެސް ރޮޖާ ފެޑްރާ ވަނީ ލޭވާ ކަޕަށްފަހު ޓެނިހުން ރިޓަޔާ ކުރާނެކަން ހާމަކޮށްފައެވެ. އެހެންކަމުން ފެޑްރާގެ އެންމެ ފަހު މެޗަށް ވީ ރޭ ކުޅުނު ފިރިހެނުންގެ ޑަބަލްސް މެޗެވެ.

އެ މެޗުގައި ފެޑްރާގެ ޓީމުގައި ހިމެނުނު އަނެއް ކުޅުންތެރިއަކީ އޭނާއާ އެންމެ ވާދަވެރި ސްޕެއިންގެ ރަފައެލް ނަޑާލެވެ. އެއީ ފެޑްރާ ވެސް ބޭނުންވި ގޮތެވެ.

ރޭގެ މެޗުގައި އިދިކޮޅުން ކުޅުނު ޓީމުގައި ހިމެނުނީ އެމެރިކާގެ ފްރާންސިސް ޓިއާފޯ އާއި ޖެކް ސޮކެވެ. އެ މެޗުން ރޮޖާ ފެޑްރާގެ ޓީމު ބަލިވީ 1-2 އިންނެވެ.

އެ މެޗަކީ ވާދަވެރި މުބާރާތެއްގެ ކޯޓަކުން ކުޅުންތެރިއެއްގެ ގޮތުގައި ފެޑްރާ ފެނިގެންދާނެ އެންމެ ފަހު މެޗެވެ. އެ މެޗް ބަލާލުމަށް ދިޔަ ސަޕޯޓަރުންނާއެކު ލަންޑަނުގެ އޯޓޫ އެރީނާ އޮތީ ފުރިފައެވެ.

ފެޑްރާ ރިޓަޔާ ކުރާނެކަން އިއުލާނު ކުރުމުގެ ކުރިންވެސް ރޭގެ މެޗްގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. ބީބީސީން ރިޕޯޓް ކުރިގޮތުގައި އެ މެޗްގެ ޓިކެޓް ކަޅު ބާޒާރުގައި 1000 ޕައުންޑަށް ވަނީ ވިއްކާފައެވެ. އާންމު ގޮތެއްގައި އެ މުބާރާތުގެ ޓިކެޓުގެ އަގަކީ 40 ޕައުންޑުން ފެށިގެން 510 ޕައުންޑާ ދެމެދެވެ.

ފެޑްރާގެ އެންމެ ފަހު މުބާރާތް ލޭވާ ކަޕްގެ ތެރެއިން.. ފޮޓޯ/ ރޮއިޓާސް

މެޗަށް ފަހު ސަޕޯޓަރުންނާ ވާހަކަދައްކަމުން ފެޑްރާ ބުނީ، ކާމިޔާބު ކެރިއަރެއް ނިންމާލުމުގައި އޭނާގެ އަންހެނުންގެ ދައުރު ވަރަށް ބޮޑު ކަމެށެވެ.

"އާއިލާއާ ދުރުގައި މިކަމުގައި ކިހާ ގިނަ ވަގުތެއް އަހަރެން ހޭދަކުރަން. އެކަމުވެސް އަންހެނުންގެ ޝަކުވާއެއް ނެތް،" ފެޑްރާ ބުންޏެވެ.

ދަނޑަށް ވަދެތިބި ސަޕޯޓަރުންނާ ވާހަކަދައްކަމުން ފެޑްރާ ބުނީ ވާދަވެރި މެޗްތަކާ ދުރަން ދާން ޖެހުމުން ދެރަވި ނަމަވެސް އެއީ އަދި ނިމުމެއް ނޫންކަމަށެވެ.

"ދިރިއުޅުން ކުރިއަށް އަދި އޮތީ. މިއީވެސް ހަޔާތުން ވަގުތުކޮޅެއް،" ފެޑްރާ ބުންޏެވެ.

ފެޑްރާ ރިޓަޔާ ކުރުމާ ގުޅިގެން ނަޑާލް ބުނީ، ޓެނިސް މިއަދު މިފެންނަހާ ވާދަވެރިވެ ސަޕޯޓަރުންގެ މެދުގައި މިހާބޮޑަށް މަގުބޫލުވުމުގެ އަސްލަކީ ފެޑްރާ ކަމަށެވެ.

ފެޑްރާގެ ޓެނިސް ކެރިއަރަށް ބަލާއިރު އޭނާ ވަނީ ޓެނިހުގެ އެންމެ ޝަރަފްވެރި މުބާރާތް، ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 20 ފަހަރު ހޯދާފައެވެ. އަދި މުޅި ދުނިޔޭގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ ޖާގަ ފަސް އަހަރަކު އޭނާ ހޯދިއެވެ.

ފެޑްރާ ޓެނިސް ކެރިއަރުގައި 1526 ޕްރޮފެޝަނަލް މެޗު ކުޅެފައިވާއިރު، އޭނާ ވަނީ 1251 މެޗް ކާމިޔާބުކޮށްފައެވެ.

ވާދަވެރި ޓެނިސް މެޗުތަކުން ފެޑްރާ ރިޓަޔަކުރުމުގެ މައިގަނޑު ސަބަބަކީ އަނިޔާގެ މައްސަލަތަކެވެ. އަނިޔާގެ މައްސަލަތަކަށް ބަލާއިރު އޭނާގެ އެންމެ ބޮޑު ބަލިފައެއްގެ ގޮތުގައި ފާހަގަކުރެވެނީ ދެ ފައިގެ ކަކުލަށް ލިބިފައިވާ އަނިޔާއެވެ. ކަކުލު ހުޅަށް ލިބިފައިވާ އަނިޔާއިން އަރައިގަތުމަށް ފެޑްރާ ވަނީ ބައެއް ފަހަރު އަހަރެއްހާ ދުވަސް ދަނޑަށް ނުނިކުމެ ފަރުވާ ހޯދައިފައެވެ.

ރޮޖާ ފެޑެރާއަކީ ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ބަލާއިރު، ދަނޑާއި ދަނޑުން ބޭރުގައިވެސް ގިނަ ބަޔަކު އިހުތިރާމް ކުރާ ކުޅުންތެރިއެކެވެ. އަދި އޭނާއަކީ ކުޅިވަރު އެތުލީޓުންގެ ތެރެއިން އެންމެ ނުފޫޒުގަދަ އެއް އެތުލީޓެވެ. މީގެ އެއް ހެއްކަކީ ވިޔަފާރި ކުންފުނިތަކުން އޭނާއަށް ދެމުންދާ އަގު ބޮޑެތި ސްޕޮންސާޝިޕްތަކެވެ.

comment ކޮމެންޓް