އެޕަލް އިން އައިފޯން އުފެއްދުމުގެ 25 ޕަސެންޓް އިންޑިއާއަށް ބަދަލުކުރަނީ

އެޕަލްގެ ސީއީއޯ..

އެޕަލް އިން 2025 ވަނަ އަހަރުގެ ނިޔަލަށް އައިފޯން އުފެއްދުމުގެ 25 ޕަސެންޓް އިންޑިއާއަށް ބަދަލުކުރާނެ ކަމަށާއި، އައިޕެޑްގެ 20 ޕަސެންޓާއި އެޕަލް ވޮޗް އުފެއްދުން ވިއެޓްނާމަށް ބަދަލުކުރާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

އެޕަލްގެ ބައެއް ޑިވައިސްތައް މީގެ ދެތިން އަހަރު ކުރިން އިންޑިއާ އާއި ވިއެޓްނާމްގައި އެސެމްބްލް ކުރަން ފެށިއިރު، އެކުންފުނިން ޗައިނާއަށް ބަރޯސާވުން މަޑުމަޑުން ކުޑަކުރަން މިވަނީ ފަށާފައެވެ. ޖޭޕީ މޯގަން ( ބޮޑެތި ކޯޕަރޭޝަންތަކަށާއި ސަރުކާރުތަކަށް ހައްލުތައް ފޯރުކޮށްދޭ މާލީ އިދާރާއެއް) ގެ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުޕާޓީނޯގެ ޖަޔަންޓް ކުންފުނިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ދެ ގައުމު، ދުނިޔޭގެ މުހިއްމު އުފެއްދުންތެރިކަމުގެ ހަބްތަކަކަށް ހެދުމަށެވެ.

ބުދަ ދުވަހު ކްލައިންޓުންނަށް ފޮނުވި ރިޕޯޓެއްގައި ޖޭޕީ މޯގަންގެ ދިރާސާ ކުރާ ފަރާތްތަކުން ބުނީ މި އަހަރުގެ ފަހުކޮޅު އެޕަލް އިން އައިފޯން 14 އުފެއްދުމުގެ ފަސް ޕަސެންޓް މަސައްކަތް އިންޑިއާއަށް ބަދަލުކުރާނެ ކަމަށާއި، 2025 ވަނަ އަހަރުގެ ނިޔަލަށް އެޕަލްގެ އުފެއްދުންތެރިކަމުގެ ކެޕޭސިޓީ ފުޅާކޮށް ހުރިހާ އައިފޯނެއްގެ 25 ޕަސެންޓް އިންޑިއާގައި އުފައްދާނެ ކަމަށެވެ.

އަނެއްކޮޅުން ވިއެޓްނާމުން އައިޕެޑާއި އެޕަލް ވޮޗްގެ ހުރިހާ ޕްރޮޑަކްޝަންތަކެއްގެ 20 ޕަސެންޓާއި މެކްބުކްގެ ފަސް ޕަސެންޓް އަދި އެއާޕޮޑްސްގެ 65 ޕަސެންޓް މަސައްކަތް 2025 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރިބިއުޓް ކުރާނެ ކަމަށް ޓެކްކްރަންޗުން ރިވިއުކުރި ރިޕޯޓުގައިވެއެވެ.

އިންޑިއާއިން ވަނީ ފާއިތުވި އަހަރުތަކުގައި ފޮކްސްކޮން އާއި ވިސްޓްރޯންގެ އިންވެސްޓްމަންޓްތައް ޝައުގުވެރިކޮށްފައެވެ. ނިއުދިއްލީ އިން މެނުފެކްޗަރިން ހަބަކަށް ހެދުމަށް މަސައްކަތް ކުރަމުންދާއިރު ފައިދާހުރި ސަބްސިޑީތަކެއް ވަނީ ދީފައެވެ. "ފުރިހަމަ ލޭބާ ރިސޯސްތަކާއި ވާދަވެރި ލޭބާ ކޮސްޓްސް" އާއެކު، އިންޑިއާ އަކީ މިފަދަ އުފެންދުންތެރި ކުންފުނިތަކަށް މަޤްބޫލު ތަނަކަށް ވެގެންދާ ކަމަށް އެނަލިސްޓުން ބުނެއެވެ.

އިންޑިއާއަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ މުހިއްމު މަރުކަޒެއްގެ ގޮތުގައި އެޕަލްއާ ވާދަވެރި ސެމްސަންގުން ދެނެގަނެ، އެ ގައުމުގައި އެ ކުންފުނީގެ އެންމެ ބޮޑު އެއް ފެކްޓްރީ މިހާރުވެސް އެ ގައުމުގައި ގާއިމްކޮށްފައިވެއެވެ. މިހާރު މާކެޓުގައި އެންމެ ކުރީގައި އޮތް ޗައިނާގެ ސްމާޓް ފޯން އުފައްދާ ކުންފުނި ޝައޯމީގެ އިތުރުން ވާދަވެރި ކުންފުނިތައް ކަމަށްވާ އޮޕޯ، ވީވޯ އަދި ވަންޕްލަސް އިން ވެސް ލޯކަލް ގޮތުން ގިނަ އަދަދެއްގެ ފޯނުތައް އިންޑިއާގައި އެސެމްބްލް ކުރެއެވެ.

އަދި ޕިކްސެލް ސްމާޓްފޯނުތަކުގެ ބައެއް އުފެއްދުންތައް އިންޑިއާއަށް ބަދަލުކުރުމަށް ގޫގުލް އިންވެސް ރާވާފައިވާ ކަމަށް ދާދި ފަހުން ދަ އިންފޮމޭޝަން އިން ރިޕޯޓްކޮށްފައިވެއެވެ. ގިނަދުވަސް ތަކެއް ވަންދެން އިންޑިއާގައި ފްލެގްޝިޕް މޮޑެލްތައް ފޮނުވުން މެދުކަނޑާލައިފައި އޮތުމަށްފަހު އެ ކުންފުނިން ބުދަ ދުވަހު ބުނީ ކުރިއަށް އޮތް ޕިކްސެލް ހަތެއްގެ މޮޑެލްތައް އިންޑިއާގައި ނެރޭނެ ކަމަށެވެ.

އެޕަލްއިން އިންޑިއާގެ މާކެޓްގެ ކުޑަ ހިއްސާއެއް ކޮމާންޑް ކުރާއިރު، އައިފޯން އުފެއްދުމުގައި މަޝްހޫރު އެޕަލްއިން ވަނީ ފާއިތުވި ފަސް އަހަރު ތެރޭގައި އެ ގައުމުގައި ކުރާ އިންވެސްޓްމަންޓް ފުޅާކޮށްފައެވެ. މީގެ ދެ އަހަރު ކުރިން އެޤައުމުގައި އޮންލައިން އެޕަލް ސްޓޯރު ހުޅުވައި، އިންޑިއާގައި ޤާއިމްކުރާ އެމީހުންގެ ފުރަތަމަ ފިޒިކަލް ސްޓޯރު ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފޮކްސްކޮންގެ އައިފޯން އެސެމްބްލީ ވިޔަފާރީގައި މިވަގުތު އިންޑިއާގައި 20،000 އަށް ވުރެ ގިނަ އޮޕަރޭޓަރުން ތިބިއިރު، އެމީހުންނަކީ ޗައިނާގައި ތިބި އެކުންފުނީގެ 350،000 އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ ފަރާތްތައް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ޗައިނާއާ ދުރަށްދިއުމަށް އެޕަލްއިން ވިސްނަމުން ދިޔަނަމަވެސް އެނަލިސްޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މަދުދުވަސްތަކުގައި ނަމަވެސް ޗައިނާ އާއި ޓައިވާނަށް އަދިވެސް މާކެޓްގެ ހިއްސާ ލިބެމުން ދާނެއެވެ. އެއީ އެ ޤައުމުތަކުގައި އުފައްދާ ޕްރޮޑަކްޓްސްގެ ކޮސްޓް ސްޓްރަކްޗާތައް ރަނގަޅު ވުމުން ކަމަށް އެނަލިސްޓުން ބުނެއެވެ.

ޓައިވާނުގެ އެލެކްޓްރޯނިކްސް މެނިފެކްޗަރިން ސާވިސަސް (އީއެމްއެސް) ވެންޑަރުން ޚާއްސަކޮށް ޕެގަޓްރޯން އާއި ވިސްޓްރޯން އިން އީވީ އާއި ސާވާ ފަދަ އާ ދާއިރާތަކަށް ފޯކަސް ކުރާއިރު ބޮޑު ފައިދާ އެއް ނަގަމުން ދާކަމަށް ބެލެވެއެވެ. މަޝްހޫރު ޓެކްނޮލޮޖީ ގްރޫޕް "ހޮން ހޭ" އަކީ އަދިވެސް އައިފޯނުތަކުގެ ޕްރައިމަރީ އީއެމްއެސް ޕާޓްނަރެއްގެ ގޮތުގައި އޮތް ގްރޫޕްކެވެ. އެހެންކަމުން އެޕަލްގެ ވިޔާފާރި އިންޑިއާގައި ވަރުގަދަކުރުމަކީ އެކުންފުންޏަށް ނުހަނު ބޮޑު ފައިދާއެއް ވާނެކަމެއްކަމުގައި ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް