މިފްކޯއަށް މަސްކިރާ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެގޮތުން، މޯބައިލް ފްލީޓު އިތުރުކުރުމަށް އައު ބޯޓެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިފްކޯގެ މެނޭޖިިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ އާ ބޯޓެއް ގަތުމަށްޓަކައި ޖަޕާނާއި، ތައިލެންޑުގެ ހަތަރު ބޯޓެއް އިންސްޕެކްޓް ކޮށްފައިވާކަމަށެވެ.
"މިހާރުވެސް އަޅުގަނޑުމެން ބޯޓެއް އިންސްޕެކްޓް ކުރަމުން މިދަނީ،" ފައުޒީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭގެ އިތުރުން، މިފްކޯއިން އެއްގަމުގައި ހިންގަމުން އަންނަ އޮޕަރޭޝަންތައް އިތުރަށް ރަނގަޅު ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
އެގޮތުން، މަސްވެރިކަން ރަނގަޅު ދުވަސްވަރު އެންމެ ބާރުބޮޑުވާ ކޫއްޑޫއަށް އިތުރު މެޝިނަރީޒް ހޯދާ، ގިނަ މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މަސްވެރިންނަށް ދޭން އޮތް ޔަގީންކަމަކީ މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މިފްކޯއިން އަބަދުވެސް ދެމި އޮންނާނެކަން،" ފައުޒީ ވިދާޅުވިއެވެ.
މި ހަފުތާއިން ފެށިގެން މިހާތަނަށް އައިއިރު، ރާއްޖޭގެ ސަރަހައްދުތަކަށް މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ފައުޒީ ވިދާޅުވީ ދުވާލަކު އެވްރެޖްކޮށް 600 ޓަނަށް ވުރެ ގިނަ މަސް މިފްކޯއަށް ކިރަމުން އަންނަ ކަމަށެވެ.
"އެވްރެޖްކޮށް ދޯންޏަކުން އެބަ ގެނޭ 20 ޓަނު، 30 ޓަނު. 40 ޓަނު، 50 ޓަނު ގެންނަ ދޯނި ވެސް އެބަ އާދޭ،" އޭނާ ވިދާޅުވިއެވެ.
ބާނާ މަސް ކިރުމަށް ގިނަ ވަގުތު ހޭދަވުމާއި، މަސް ގަނޑުކުރުމަށް ބޭނުންވާ އައިސް ނުލިބުމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ. ފައުޒީ ވިދާޅުވީ އެ މައްސަަލަތައް ހައްލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.