ސްމާޓްފޯނުގެ ކެމެރާ އާއި ފްލެޝްއިން ލޭގައި ހުންނަ އޮކްސިޖަންގެ މިންވަރު ދެނެގަނެވިދާނެ: ދިރާސާ

ޒަމާނީ ސްފާޓްފޯނުން ލޭގައި އޮކްސިޖެން ހުންނަ މިންވަރު 70 ޕަސެންޓާ ހަމައަށް ދެނެގަނެވޭ ކަމަށް ޔުނިވާސިޓީ އޮފް ވޮޝިންޓަން އާއި ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ދިރާސާވެރިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އެ ދިރާސާ ކުރިއަށްގެންދިޔަ ޓީމުން ވަނީ، ދިރާސާގެ ބައިވެރިން ފޯނެއްގެ ކެމެރާ އާއި ފްލެޝް މަތީގައި އިނގިލި ބަހައްޓައިގެން ނަގާ ވީޑިއޯއެއް ބޭނުންކޮށްގެން، ލޭގެ އޮކްސިޖަންގެ މިންވަރު ދެނެގަނެވޭ ގޮތެއް ހޯދާފައެވެ. އެއީ އެ ވީޑިއޯ މެދުވެރިކޮށް، ލޭ ދައުރުވާ ގޮތް ބަލައި، އޮކްސިޖެން ހުރި މިންވަރު ހޯދާ އަލްގޮރިޒަމްއެއްގެ އެހީގައެވެ.

އަހަރެމެން ނޭވާލާއިރު އަހަރެމެންގެ ފުއްޕާމޭ އޮކްސިޖަންއިން ފުރިގެންދާއިރު، އެ އޮކްސިޖަން އަހަރެމެންގެ ލޭގެ ރަތް ސެލްތަކަށް ބަހާލައިގެން މުޅި ހަށިގަނޑުގައި ދަތުރުކުރެއެވެ. އަހަރެމެންގެ ހަށިގަނޑު މަސައްކަތް ކުރުމަށް އޮކްސިޖަން ބޭނުންވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ތިބި މީހުންގެ ހަށިގަނޑުގައި ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 95 ޕަސެންޓް އޮކްސިޖަން ސެޗުރޭޝަން ހުރެއެވެ.

ނޭވާހިއްލުން ނުވަތަ ކޯވިޑް-19 ފަދަ ހާލަތްތަކުގެ ސަބަބުން ފުއްޕާމެއިން ހަށިގަނޑަށް އޮކްސިޖަން ނަގަން ދަތިވެއެވެ. މިކަމުގެ ސަބަބުން އޮކްސިޖަން ސެޗުރޭޝަން ޕަސެންޓް 90 ޕަސެންޓަށް ނުވަތަ އެއަށް ވުރެ ދަށްވެގެން ދިއުމަކީ ޑޮކްޓަރުގެ ފަރުވާ ބޭނުންވެދާނެ ކަމުގެ އިޝާރާތެކެވެ.

ކްލިނިކެއްގައި ޑޮކްޓަރުން އޮކްސިޖަން ސެޗުރޭޝަން މޮނިޓާ ކުރަނީ އެކަމަށް ހާއްސަ، ޕަލްސް އޮކްސިމީޓަރު ބޭނުންކޮށްގެންނެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ލަފާދޭ ގޮތުގައި ޕަލްސް އޮކްސިމީޓަރުތަކަށް މިންކުރެވޭނެ އެންމެ ދަށް މިންގަޑަކީ 70 ޕަސެންޓެވެ. އެހެންކަމުން، ޒަމާނީ ސްމާޓްފޯނުން ވެސް ޕަލްސް އޮކްސިމީޓަރާ އެއް ވަރަކަށް އޮކްސިޖެން ސެޗިއުރޭޝަން މިންކުރެވޭނެ ކަމަށް އާ ދިރާސާއިން ދައްކައެވެ.

އެ ދިރާސާ ކުރިއަށްގެންދިޔައީ 20 އަހަރާއި 34 އަހަރާ ދެމެދުގެ ހަ ބައިވެރިން ހޮވައިގެންނެވެ. އޭގެ ތެރޭގައި ހިމެނުނީ ތިން އަންހެނުންނާއި ތިން ފިރިހެނުންނެވެ. އެއް ބައިވެރިޔަކީ ކަޅު ނަސްލުގެ މީހަކަށްވާ އިރު ބާކީ ފަސް ބައިވެރިންނަކީ ދޮން ނަސްލުގެ މީހުންނެވެ.

އެ ދިރާސާގައި ބޭނުންކުރި އެލްގޮރިޒަމް ތަމްރީނުކޮށް ޓެސްޓް ކުރުމަށް ޑޭޓާ އެއްކުރުމަށް ދިރާސާވެރިން ވަނީ ޕަލްސް އޮކްސިމީޓަރު ބޭނުންކޮށްގެންނާއި ފޯނުގެ ކެމެރާ އާއި ފްލެޝް ބޭނުންކޮށްގެން ނެގި ވީޑިއޯގެ އެހީގައި ކޮންމެ ބައިވެރިއެއްގެ ލޭގައި އޮކްސިޖެން ހުރި މިންވަރު އެއް ފަހަރާ ބަލާފައެވެ.

ހަމައެއާއެކު، އެ ބައިވެރިންގެ ލޭގެ އޮކްސިޖެން ލެވެލް ދަށްކުރުމަށް ފަހު ވެސް ލޭގައި އޮކްސިޖެން ހުރި މިންވަރު ބެލިއެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް 15 މިނެޓް ހޭދަވި އެވެ. އަދި ހަ ބައިވެރިންގެ ވެސް ލޭގެ އޮކްސިޖަން ލެވެލް 61 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގައި ވަނިކޮށް 10،000 އަށް ވުރެ ގިނަ ރީޑިން ހޯދާފައިވެއެވެ.

އެ ޑޭޓާ ބޭނުންކޮށްގެން ލޭގައި ހުންނަ އޮކްސިޖަންގެ މިންވަރު ދެނެގަތުމަށް ޑީޕް ލާނިން އެލްގޮރިޒަމެއް ތަމްރީނު ކުރިއެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި، ލޭގައި އޮކްސިޖެން ހުރި މިންވަރަކީ އާންމުކޮށް ހުންނަން ޖެހޭ މިންވަރަށް ވުރެ ދަށް މިންވަރެއްކަން ދެނެގަތުމުގައި ސްމާޓްފޯން މެތަޑް 80 ޕަސެންޓް ކާމިޔާބެވެ.

ކޮންމެ ދުވަހަކުވެސް އެކި ފަހަރު މަތިން ގޭގައި އޮކްސިޖަން ސެޗުރޭޝަން މޮނިޓަ ކުރެވޭނެ ގޮތް ހެދުމަކީ، ކޯވިޑް ފަދަ ބަލިތައް ހުންނަ މީހުންނަށް ފަރުވާ ދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ސްމާޓްފޯނަކުން ލޭގައި ހުންނަ އޮކްސިޖަންގެ މިންވަރު ވަޒަންކުރެވޭނެ ގޮތް ވުމަކީ އެފަދަ މީހުންނަށް ވަރަށް ފަސޭހަ، އަދި ޚަރަދު ކުޑަ ކުރެވޭނެ ކަމެއް ކަމަށް އެ ދިރާސާގައި ބައިވެރިވި ވޮޝިންޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. މެތިއު ތޮމްޕްސަން ވިދާޅުވިއެވެ.

"މިގޮތަށް އަމިއްލަ ޑިވައިސްއަކުން އެއްވެސް އަގެއް ނުނަގައި ނުވަތަ ކުޑަ އަގެއްގައި އެތައް މިންކުރުމެއް ހެދިދާނެ. އެންމެ ފުރިހަމަ ނިޒާމެއްގައި މި މައުލޫމާތު ޑޮކްޓަރެއްގެ އޮފީހަކަށް އެއްވެސް ދަތިކަމެއް ނެތި ފޮނުވޭނެ. މިއީ ޓެލެމެޑިސިން އެޕޮއިންޓްމަންޓްތަކަށް ނުވަތަ ޓްރައިއޭޖް ނަރުހުންނަށް ބަލިމީހުން އެމަޖެންސީ ޑިޕާޓްމަންޓަށް ދާން ޖެހޭތޯ ނުވަތަ ގޭގައި އަރާމުކޮށް ކުރިއަށް ގެންދެވޭނެތޯ ނުވަތަ ފަހުން ޕްރައިމަރީ ކެއާ ޕްރޮވައިޑަރަށް އެޕޮއިންޓްމަންޓެއް ހަދާނެތޯ އަވަހަށް ދެނެގަނެވޭނެ ގޮތް ހެދުމަށް ހަގީގަތުގައި ފައިދާހުރި ކަމެއް،" ތޮމްޕްސަން ވިދާޅުވިއެވެ.

އެ ދިރާސާ އިތުރަށް ކުރިއަށް ގެންދިއުމަށް އެ ޓީމުން އުންމީދު ކުރާއިރު، އެ މީހުން ނިންމާފައިވަނީ މި އެލްގޮރިޒަމް އިތުރު މީހުންގެ މައްޗަށް ޓެސްޓްކޮށްގެން ދިރާސާ ފުރިހަމަ ކުރާށެވެ.

މި ދިރާސާ ކަރުދާސް، 'ސްމާޓްފޯން ކެމެރާ އޮކްސިމެޓްރީ އިން އެން އިންޑައުސްޑް ހައިޕޮކްސެމިއާ ސްޓަޑީ'ގެ ނަމުގައި ޝާއިއު ކޮށްފައިވަނީ އެންޕީޖޭ ޑިޖިޓަލް މެޑިސިން ޖާނަލްގައެވެ.



comment ކޮމެންޓް