އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ރާއްޖޭން ބުރުނާއީ ބަލިކޮށްފިއެވެ.
ބުރުނާއީގައި މިއަދު ކުޅުނު އެ މެޗު ރާއްޖޭން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފުނުނުއިރު ގޯލު ޖަހާނެ ފުރުސަތުތައް ދެ ޓީމުން ވެސް ވަނީ ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ ކުރީ ކޮޅު ރާއްޖެ ޓީމަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ރާއްޖެ ޓީމުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބުރުނާއީ އޭރިއާ ތެރެއިން ހުރަސް ކޮށްދިން ބޯޅަ ހަމްޒާ މުޙައްމަދަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ބުރުނާއީ ކުޅުންތެރިން ވަނީ ދިފާއު ކޮށްފައެވެ.
ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ރާއްޖޭން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ފޭދޫ އިއްބެގެ އެހީތެރިކަމާއެކު އިބްރާހީމް ވަހީދު ހަސަންް (އިއްބެ) ޖެހި ގޯލެކެވެ.
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އިއްބެއަށް ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާ ކުރާނެ ފުރުސަތެއް ލިބިފައެވެ. ފޭދޫ އިއްބެގެ އެހީތެރިކަމާއެކު އިއްބެ ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރީ ބުރުނާއީ ކީޕަރެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ބުރުނާއީއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލިބުނު ޕެނަލްޓީ ބުރޫނާއީ ކުޅުންތެރިޔާ ފޮނުވާލީ ގޯލު ދަނޑި މަތިން ބޭރަށެވެ. އެ ޕެނަލްޓީ އަކީ ރާއްޖޭގެ ހައިޝަމް ހަސަން ބުރުނާއީ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ރާއްޖެ ޓީމުން ވަނީ ދެވަނަ ގޯލު ޖަހައި މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ ހިލޭ ޖެހުމަކުން ހަމްޒާ ޖެހި ރީތި ގޯލެކެވެ.
ރާއްޖޭން ތިންވަނަ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. އޭރިއާ ރޮނގުމަތިން ރާއިފް އަހުމަދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.
ފީފާގެ ރޭންކިންނަށް ގުނާ އެކުވެރިކަމުގެ ދެ މެޗު ރާއްޖޭން ކުޅެން ހަމަޖެހިފައިވެއެވެ. ދެވަނަ މެޗުގައި ހުކުރު ދުވަހު ރާއްޖޭން ނިކުންނާނީ ލާއޯސްއާ ދެކޮޅަށެވެ.