ސަރޯޖް ޚާން ނެށުމާ ދުރަށް

ބޮލީވުޑުގެ މަޝްހޫރު ކޮރިއޮގްރާފަރ ސަރޯޖް ޚާން ވަނީ ނެށުމާ ދުރަށް ދާން ގަސްތުކުރާކަން ހާމަކޮށްފައެވެ. ސަރޯޖް ބުނާ ގޮތުގައި މިހާރުގެ ގިނަ ތަރިން އޭނާއާ އެކު މަސައްކަތް ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ދާއިރާއާ ދުރަށް ދިއުން ކަމަށް އޭނާ ދެކެއެވެ. ސަރޯޖް ޚާން ބުނާ ގޮތުގައި އާ ތަރިން އޭނާއާ މެދު ހިތް ހަމަ ނުޖެހެނީ ނެށުމުގެ ސަގާފީ ހަމަތަކަކީ ކޮބައިކަން އެ ތަރިންނަށް ނޭގޭތީއެވެ.

މިއަހަރު ސަރޯޖް ކޮރިއޮގްރަފީ ހަދައިދީފައިވަނީ އެންމެ ތިން ލަވައަކަށެވެ. އެއީ އަގްނީޕައްތްގެ ގުންގުނާ، އޭޖެންޓް ވިނޯދްގެ ދިލް މެރާ މުކްތް ކާ، އަދި ރައުޑީ ރާތޯޅްގެ ލަވައެކެވެ.

ސަރޯޖް ޚާން ދެކޭ ގޮތުގައި މިހާރުގެ ބައެއް މަޝްހޫރު ތަރިން ނެށުމުގެ ނަމުގައި ކުރާ ހަރަކާތްތައް އެއްވެސް ތާކުންތާކު ނުޖެހެއެވެ. މި ގޮތުން ޑަބަލް ދަމާލްގައި މަލިކާ ޝެރަވަތު ދައްކައިދީފައިވާ ހަރަކާތްތަކަށް ފާޑު ކިޔަމުން ސަރޯޖް ބުނީ "ބުޑު އަނބުރައަނބުރައިފައި އެއް ކަނުން އަނެއް ކަނަށް ދުވުމަކީ އަދި ޑާންސް ކުރުމެއް ނޫން." ކަމަށެވެ. މީގެ އިތުރުން "މުންނީ ބަދްނާމް ހުއީ" ފަދަ ރީތި ލަވައެއްގައި މަލައިކާ އަރޯރާ ކޮށްފައިވާ ހަރަކާތްތަކަށް ވެސް ސަރޯޖް ވަނީ ފާޑުކިޔައިފައެވެ.

ބައެއް ތަރިންނަށް ފާޑު ކީ ނަމަވެސް ސަރޯޖް ވަނީ އައިޝްވާރިޔާ ރާއީ އާއި ވިދްޔާ ބާލަން އާއި ދީޕިކާ ޕަޑުކޯން އާއި ކަރީނާ ކަޕޫރް އަދި ޕްރިޔަންކާ ޗޯޕްރާއަށް ތައުރީފުކޮށްފައެވެ. ޕްރިޔަންކާއަކީ ނެށުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ތަރިއަކަށް ނުވިޔަސް ވަރަށް އަވަހަށް ސްޓެޕްތައް ނަގައިގަންނަ ތަރިއެއްކަމަށް ސަރޯޖް ބުނެއެވެ. -- ރެޑިފް
comment ކޮމެންޓް
ގުޅޭ ޚަބަރު