މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ށ. މާއުނގޫދޫ -- ފޮޓޯ/ އެމްޓީސީސީ

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މާއުނގޫދޫގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފުުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އާއި މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން:

  • 59,013.29 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރާނެ
  • 3245.48 ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރާނެ
  • 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ
  • 105 މީޓަރު ގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ
  • 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެ
  • 1508.90 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހަދައި ނެރު ބައްތިއާއި މަގު ބައްތި ހަރުކުރާނެ

މިއީ 59.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަޝްރޫއު ނިމޭއިރު އެންމެ ފުރިހަމަ ބަނދަރެއް މާއުނގޫދޫގައި ގައިމްކުރެވޭނެކަމުގެ ޔަގީންކަން މާއުނގޫދޫ ރައްޔިތުންނަށް ދޭކަމަށެވެ.

މާއުނގޫދޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރެއް ނެތުމެވެ. ބަނދަރުގެ ދަތިކަމަށް މި މަޝްރޫއުގެ ސަބަބުން ނިމުމެއް އަންނާނެކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން މުދާ ބަރުކޮށްގެން ރަށަށް އަންނަ ދޯނިތައް ރަށަށް ނުވަދެވިގެން އަނބުރާލާފައި ދާން ދެން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ބާރު މިނުގައި އެ ބަނދަރުގެ މަސައްކަތް ނިންމަން އެމްޓީސީސީން މަސައްކަތް ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތްތައް ބައްޓަން ކުރާނީ އަންނަ އަހަރުގެ ތެރޭގައި މި ބަނދަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭގޮތަށް،" އާޒިމް ވިދަޅުވިއެވެ.

ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވީ މިއީ މާއުނގޫދޫގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަމަށެވެ. އެގޮތުން ބަނދަރަކީ އިގްތިޞާދީ ގޮތުން ބެލިޔަސް އެހެނިހެން ގޮތްގޮތުން ބެލިޔަސް އެޔާ ނުލާ ތަރައްގީ ވެވެންނެތް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މާއުނގޫދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެމްޓީސީސީ

ބަނދަރު ހެދިޔަސް މާއުނގޫދޫގެ ތަރައްގީ ނުނިމޭކަމަށާއި ކުރިއަށް އޮތީ އެރަށުގެ މަގުހެދުމުގެ މަޝްރޫއުކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަގު ހެދުން ވެސް އަދި އެބައޮތް. ﷲ އިރާދަކުރެއްވިއްޔަ މި ދައުރު ނިމި ދެން އަންނަ ދައުރެއްގައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑުމެނަށް އެންމެ ބޮޑު ކަމަކަށް އޮންނާނީ މާއުނގޫދޫގެ މަގުތައް ހެދުން،" ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް