އައިޖީއެމްއެޗުގައި ކެންސަރަށް ހާއްސަ ވޯޑެއް ހަަދަން ބީލަމަށް ހުޅުވާލައިފި

އައިޖީއެމްއެޗު: އެ ހޮސްޕިޓަލުގައި އޮންކޮލޮޖީ ވޯޑެއް ހަދަން ބީލަމަށް ވަނީ ހުޅުވާލާފަ --- ފޮޓޯ: އެމްޑަބްލިއުއެސްސީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކެންސަރަށް ހާއްސަ ވޯޑެއް ހަދަން ބީލަމަށް ހުޅުވާލައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައިވާ ގޮތުން އެ މަސައްކަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މާދަމާ 11:00ގައި އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިން ރޫމްގައި ބައްދަލުވުމެއް ބާއްވާނެއެވެ. އެ ބައްދަލުވުމަށް ފަހު، ވޯޑް ހަދާ ތަން ވެސް ދައްކާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ އިއުލާނުގައިވާ ގޮތުން، ބީލަމަށް ކުރިމަތިލާއިރު 35،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ވާނެއެވެ. އެ ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭ ބޭންކަކުން ދޫކުރާ ގެރެންޓީއެއް ނުވަތަ ކޭޝިއާސް ޗެކެއް ޕްރޮޕޯސަލްއާއެކު ހުށަހަޅަންވާނެއެވެ.

އެ ބިޑް ސެކިއުރިޓީއަށް އިންޓްރެސްޓް ނުހިނގާނެކަން އައިޖީއެމްއެޗުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ބިޑް ސެކިއުރިޓީ އަނބުރާ ނުލިބޭނެ ހާލަތްތަކުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރަން ދެކޮޅު ހެދުން ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް ފަހު އަނބުރާ ގެންދިޔުން ހިމެނެއެވެ.

އެ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ 'އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު'ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށެވެ.

އެ ބީލަމަށް ޕްރޮޕޯޒަލް ހުށަހަޅާނީ ދެ ސިޓީ އުރައެއްގައެވެ. އެގޮތުން އެއް ސިޓީ އުރާގައި ހިމަނާނީ މަސައްކަތުގެ އަގު ނުވަތަ ކޯޓޭޝަނެވެ. ދެވަނަ ސިޓީ އުރައަށް ލާނީ ޕްރީ ކޮލިފިކޭޝަން ނުވަތަ ޓެކްނިކަލް ކޮލިފިކޭޝަންގައި ހިމަނަން ޖެހޭ ބިޑް ޑޮކިއުމަންޓްތަކެވެ.

ދެ ސިޓީ އުރައިގެ ބޭރުގައި ވެސް ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އިއުލާން ނަމްބަރުގެ އިތުރުން، އެއީ 'އައިޖީއެމް ހޮސްޕިޓަލުގައި އޮންކޮލޮޖީ ވޯޑެއް ތަރައްގީ ކުރުމާއި ގުޅޭ ބިޑް' ކަމަށް ޖަހަން ވާނެއެވެ.

އެ ބީލަން ކުރިއަށްދާނީ ޕްރީ ކޮލިފިކޭޝަން ނުވަތަ ޓެކްނިކަލް ކޮލިފިކޭޝަނުގައި ބަލަން ޖެހޭ ކަންކަން ފުރިހަމަވާ ކުންފުނިތަކުން ހުށަހަޅާފައިވާ އަގުތަކަށް ބަލައި، އެންމެ ހެޔޮ އަގު ހުށަހަަޅާ ކުންފުންޏަކަށް ބީލަން ކާމިޔާބު ކުރެވޭ ގޮތަށެވެ.

އެ ބީލަމާ ބެހޭ ސުވާލުތައް އައިޖީއެމްއެޗްގެ އީމެއިލް [email protected] އަށް އަންނަ ބުދަ ދުވަހުގެ 14:00އާ ހަމައަށް ފޮނުވޭނެއެވެ. އެ ސުވާލުތަކުގެ ޖަވާބު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލުގެ ވެބްސައިޓަށް އަޕްލޯޑް ކުރަމުންދާނެއެވެ.

އެއަށް ފަހު ބީލަން ހުޅުވުން އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ 11:00ގައި، އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓުގެ މީޓިން ރޫމްގައެވެ.

އެ މަސައްކަތަށް ބީލަން ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ބަޔަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުގައި ކެންސަރަށް ހާއްސަ ވޯޑެއް ހަދަން އެހީ ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ވަނީ ނިންމައިފައެވެ. އެ އެހީގެ ދަށުން ވޯޑްގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެ ބޭންކުން 3.5 މިލިއަން ރުފިޔާ ހަދިޔާ ކުރާނެއެވެ.

comment ކޮމެންޓް