މަމެން އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގައި މުޅިން ވެސް ބޭނުންކުރީ އިރުގެ އަލިން އުފެއްދި ހަކަތަ

މިދިޔަ ހަފުތާ ބަންދުގައި ކުރިއަށްގެންދިޔަ މަމެން އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ އެވޯޑް ދިނުން މި ހަފުތާގެ ފަހުކޮޅު އޮންނާނެ --- ފޮޓޯ/ ދިރާގު

އިރުގެ އަލިން އުފައްދާފައިވާ ހަކަތަ ބޭނުންކޮށްގެން ދިރާގުން ކުރިއަށްގެންދިޔަ މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިން ވަނަ އެޑިޝަން އިއްޔެ ނިންމާލައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސައިކްލިން ޓްރެކްގައި އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހެވެ.

އެ މުބާރާތަކީ ރާއްޖޭގައި ބޭއްވި އެފަދަ ފުރަތަމަ، 100 ޕަސެންޓް ގްރީން އެނާޖީ ހަރަކާތެވެ. އެ ހަރަކާތުގައި ބޭނުންކުރި ކަރަންޓު ނަގާފައި ވަނީ އިރުގެ އަލިން ހަކަތަ އުފައްދާ، ޕޯޓަބަލް ޕަވާ ސްޓޭޝަންތަކަކުންނެވެ.

އެ މުބާރާތުގައި 32 ސްކޫލަކުން 1000އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 450އަށް ވުރެ ގިނަ ކުޑަކުދިން ވަނީ "ވަން ކިލޯމީޓާ ފަން ރައިޑް"ގައި ބައިވެރިވެފައެވެ. އެ ފަން ރައިޑްގައި ބައިވެރިވި ހުރިހާ ކުދިންނަށް ވެސް ވަނީ މެޑަލް ދީފައެވެ.

އެ ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ އެ ހަރަކާތުގެ ޝަރަފުވެރި މެހެމާނު އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށްވާ އޮނަރަބަލް އިބްރާހިމް އިސްމާއިލް އެވެ. އަދި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދާއި ދިރާގު އަދި ބައިކް މޯލްޑިވްސްގެ އިސް ބޭފުޅުން ވެސް މެޑަލް ހަވާލުކޮށްދެއްވިއެވެ.

މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ އެޑިޝަނަކީ ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ޕޮލިސް ސާވިސަސް، އެމްޓީސީސީ، އެރޯސޯލްޓްސް، ޗޮޕާޓް މޯލްޑިވްސް އަދި އިލާ މޯލްޑިވްސް ހިމެނެއެވެ.

އެ މުބާރާތަށް ފަސްޓް އެއިޑްގެ ޚިދުމަތް ފޯރުކޮށްދީފައި ވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެމްއެންޔޫ ސްކޫލް އޮފް ނާސިންގެ ވޮލަންޓިއަރުންނެވެ.

މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މި ހަފުތާގެ ފަހުކޮޅުގައެވެ. އެ މުބާރާތުގައި ވާދަކުރި އުމުރުފުރާތައް ކަމަށްވާ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ކޮންމެ ކެޓަގަރީއަކުން އެންމެ ކުރި ހޯދި ތިން އަންހެން އަދި ތިން ފިރިހެން ބައިވެރިންނަށް އިނާމު ދޭނެއެވެ. އަދި ކޮންމެ 'މިކްސްޑް ޓީމް ޕާސޫޓް އޭޖް' ކެޓަގަރީއަކުން ވެސް ތިން ޗެމްޕިއަން ޓީމު ހޮވާނެއެވެ.

މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ހޮވާނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، ހަރަކާތްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށެވެ.

comment ކޮމެންޓް