މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވީ މާފަންނުގައި ހަރަކާތްތެރިވާ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން، އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިނުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ އޭގެ ފަހުން އެ ސްޓޭޝަން ދޮށަށް ގްރޫޕަކުން އެއްވެފައިވާތީ އެ މީހުންނާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

"ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލްތައް ހިންގައި އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ސީޕީ ވިދާޅުވިއެވެ.

މާލޭގައި މި ފަހަކަށް އައިސް ގްރޫޕް މާރާމާރީ ގިނަވަމުން އަންނައިރު، މިމަހުގެ ނުވަ ވަނަ ދުވަހު މަޖީދީ މަގު ޔޫރޯ ސްޓޯރު ކައިރިން ވެސް ފުލުހުންތަކަކަށް ވަނީ ހަމަލާދީފައެވެ.

އެ ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، އެ ހާދިސާގައި އެހެން ތިން ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

comment ކޮމެންޓް