ވާރޭގައި ވީ ހިޔަނިތައް 20

"ހަޔާތުގައި ދިމާވާ ކިތަންމެ އާދައިގެ ކުދި ކަންތައްތަކުގައިވެސް ﷲ ސުބުހާނަހޫ ވަތައާލާއަށް ދުޢާކުރާށެވެ. އަދި އުއްމީދު ގެއްލި މާޔޫސްވާވަގުތު ދުޢާކުރުން ގިނަކުރާށެވެ. ތިޔަ އެދެނީ ކޮންމެ ފަރާތަކުން ނޫނެވެ. ހުރިހާ ކަރާމާތެއްގެ ވެރި އަދި ރަހުމާންވަންތަ ރަހީމްވަންތަ އެންމެ ބާރުގަދަ އަދި ދީލަތިވަންތަ ފަރާތުގައެވެ. އެފަރާތެއްގައި ތިބާގެ ހިތް ވާ ފަރާތުގައެވެ. އެއީ ތިބާ ހެއްދެވި މަތިވެރި ފަރާތެވެ. ﷲ ސުބުހާނަހޫ ވަތައާލާއެވެ. ދެން ދުޢާކުރާ އިރު އެހުރިހާ ކަމެއް ހަނދާނުން ބަހައްޓާ ދުޢާ އިޖާބަވާނެކަމުގެ ޔަގީންކަމާއެކު ދުޢާކުރާށެވެ. ތިބާ އެދެނީ ކޮންކަމަކަށްކަން އެފަރާތުން ދެނެވޮޑިގެންވެއެވެ. ގިނަގިނައިން އެދޭވަރަކަށް ގިނަގިނައިން ދެއްވައެވެ."

***

ހައިސަމްއާއި ޖައިޝް ރެސްޓޯރެންޓްގައި ކޮފީ ބޯން ތިބިއިރު ހައިސަމްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. ޖައިޝްގެ ވާހަކަތަކުން އޭނަގެ ތަބީއަތަށް އިންގިލާބެއް ގެނުވައިފިއެވެ.

"ސީރިޔަސްކޮށްތަ؟ މަންމަ ތިހާ އަނިޔާވެރިވެދާނެ ކަމަށް ގަބޫލެއްނުކުރަން..."

"މަންމަ ގާތުން ސީދާ އެހީމަ ޔަގީންވާނީ......."

"ޖައިޝްއަށް ތިކަން ވާނީ. އަހަންނަށް ތި ވާހަކަ އަޑުއަހަންވެސް ފަސޭހައެއްނޫން...ހިނގާ ގެއަށް ދާން.."

"އެންމެ ރަގަޅު..ހޮސްޕިޓަލް ތެރެއިން ފެނިގެން އުޅޭ ކަމަށް ބުނާ ޖިންނިއެއް ދޮންބެ ދެކުނިންތަ؟ ނައިޓްމެއާއެއްގައި އުޅެވޭހެން ހީވަނީ. ރާހިލްގެ ވާހަކަތައް ގަބޫލުކުރެވޭ. މިހާރު މިކަންތައް މަންމަ އެއްލައިލި ޓްވިންސްއިންނާއި ގުޅުމެއް ވެދާނެއޭ ހިތަށް އަރާ، ތަހުގީގެއް ފަށަންވީކަން ނޭގޭ. ދޮންބެއަށް އެނގޭތަ؟ކައިދަންއަކީ ހިލްމާގެ ދަރިއެއް. މިބުނާ އެއްލައިލެވުނު އެއް ޓްވިން. އަނެއް ދަރިފުޅު މަރުވެގެން އޭނަގެ ސިފައިގާ ޖިންނިއެއް ބަދަލުހިފަން އައިސް އުޅެނީބާ..."

"ޑޯންޓް ބީ ސްޓުޕިޑް ޖޭ...."

"ހެހެ. ރާހިލް ބުނި ލައިލާ ޖޫސް ގެނެސްދިން ވާހަކަ. ސިޑިބަރި މަތިން އިސްތަށިގަނޑު ވިހުރުވާލައިގެން ހުންނަނީ ލައިލާގެ ސިފައިގަ ހުންނަ ކުއްޖެކޭ. އެ ކުއްޖާ ނުފެނިގެން ދަންވަރު އެތައް ފަހަރަކު ސިޑިބަރި ހުރަސްކޮށްފިން. އެ ހަމަ ރިއަލްތަ؟ ކީއްވެ އަހަންނަށް ނުފެންނަނީ؟" ޖައިޝް ޗޮއް ކެނޑިއެވެ.

"ޖައިޝް ޖިންނި ތަޖުރިބާއެއް ބޭނުމިއްޔާ ގެއަށް އާދޭ..."

"ދޮންބެ ކިތައްފަހަރު ނުސީދާކޮށް ގެއަށް އަންނަން ތިބުނަނީ. "ޖައިޝް ހީގަތެވެ.

***

ސޫފީއާއި ދިމާލަށް ކިޔުނު އެއްޗެހި ހަނދާންވެ އެމާއަށް ރޮވުނެވެ. އެއީ އެމާ މާނަކޮށްފައި ބުނި އެއްޗެއް ނޫނެވެ. ސޫފީއަކީ އޭނަ ދުނިޔެއިން އެންމެ ލޯބިވާ ކުޑަކުޑަ ފުރާނައެވެ. ސޫތްޕެކޭ ކިޔުނު ކަމަށްޓަކާ ހަޒަލް ދުވަހަކު އޭނައަށް މާފުކުރާނެ ކަމެއްވެސް ނޭގެއެވެ. އެމާވެސް އަމިއްލަ ނަފުސަށް މާފުދޭކަށް ބޭނުމެއްނުވިއެވެ. ހަޒަލް ޑިއުޓީއަށް ދިޔަފަހުން ކައިދަންއާއެކު ކާކޮޓަރީގައި ސޫފީ ހުއްޓާ ފެނުމާއެކު އެމާގެ ހިތް ފުރުނެވެ. ސޫފީއަށް އެމާ ފެނުމާއެކު އަތް ދައްކައިލުމުން އެމާގެ އަނގަ ހުޅުވުނެވެ. އޭނަގެ އަތުގައި އޮތް ކެވެލިކޮޅަށްވުރެ މީގައި ހުރި ބޮލިތައް މާ ވިދުންގަދަވެފައި ރީއްޗެވެ. ދަޅަ އަރާވަރުން ޖަވާހިރުފަދައެވެ. ކައިދަން ހުރުމުން އިތުރު ސުވާލެއް ކޮށްލާކަށް ނުކެރުނެވެ.

"އެމާގެ ފައިގެ މައްސަލަ އޯކޭވީތަ؟" އެމާ ހައިރާން ކުރުވާފައި ކައިދަން ސުވާލުކޮށްލިއެވެ. ބައެއްގަޑީގައި ކައިދަންގެ އެހެން ފަޅިއެއް ފެނެއެވެ. ބީރައްޓެހިކަމާއި ހިލޭކަން ކެނޑި ޅިޔަނެއްގެ އޯގާތެރިކަން ނަޒަރުގައިވިއެވެ.

"ބައެއްގަޑީގައި ނުހިނގޭ.."

"ކައިދަން. ޚަލީސީއާއެކު ބީޗްގައި ހިނގާލަން ދާންކަމަށް މިއުޅެނީ. ސޫފީ ގެންދިޔަސް އޯކޭތަ؟"

"ހޫމް.....އޯލްރައިޓް...ސޫފި. ބީޗަށް ދާނަންތަ؟" ކައިދަން ސޫފީގެ ރަންކުލައިގެ އިސްތަށިކޮޅުގައި އަތް ހިންގައިލިއެވެ.

ސޫފީ ބޯ ހަލުވައިލިއެވެ.

އެމާ ސޫފީ ބީޗް ހެދުމެއް ލައްވާފައި އިސްތަށިގަނޑުގައި ރަތްކުލައިގެ ސައިމަލެއް މަލެއް ޖެހުމަށްފަހު އެއްކޮށް ސެލްފީ ނެގިއެވެ. އެފޮޓޯ އެފްބީއަށް ލުމަށްފަހު ސޫފީދެކެ ލޯބިވާވަރު ހާމަކުރިއެވެ. އެތައް ފަހަރަކު މާފަށް އެދުނެވެ. މާފަކީ ކޯނޗެއްކަމާއި މާފުދޭންވީގޮތެއް އަދި ސޫފީއަކަށް ނޭގޭތީ އެކަމާއި އެމާގެ ހިތަށް އަސަރުކުރިއެވެ. ޚަލީސީވެސް ގޮވައިގެން މަގުމަތިން ދިޔައިރު އެމާ ބައެއްފަހަރު ސޫފީ އުރާލައެވެ. އެއްފަހަރުވެސް އަތުން ދޫކޮށެއްނުލައެވެ. ގޮނޑުދޮށާއި ހަމަޔަށްގޮސްފައި ދޮންވެލި ހަވޭލިއެއް ހެދިއެވެ. ސޫފީގެ ފަރާތުން މާފުއަތުލަން ކޮށްފައި ނުކުރާނެ ކަމެއް މިއަދު ނެތެވެ. ސޫފީ ބުނެފިއްޔާ އޭނަ ކަނޑަށްވެސް އެރިދާނެއެވެ.

"ސޫފީ ފިޝްއަކަށްވާން.."

"އެއީ ކިހިނެއް ލޯބި."

ޚަލީސީ ބުނީ ސޫފީ މޫދަށް އެރޭ ހިތުންކަމުގައެވެ. ތެމެން ބޭނުންނުވިޔަސް އެމާ ސޫފީއާއެކު މޫދުގެ ހޫނު ލޮނުގަނޑުތެރޭ ސަކަރާތްޖަހާ ބޯޅަކުޅެން އުޅުނުއިރު ޚަލީސީވެސް ގޮނޑުދޮށުގައި މަންޒަރު ވީޑިއޯކުރަން އިނެވެ. ކުއްލިއަކަށް މަންޒަރު ބަދަލުވިއެވެ. އައި ރާޅަކާއެކު ސޫފީ ފަހަތަށް ވެއްޓުނުގޮތަށް އޮޔާއިދުރަށް ދަމައިގަތްތަން ފެނި އެމާވެސް ސޫފީއަށް ގޮވަމުން ފަހަތުން ދުއްވައިގަތެވެ. ޚަލީސީގެވެސް ހޭވެރިކަމެއްނެތެވެ. ފޯނު އެއްލާލާފައި މޫދަށް އެރުނުގޮތަށް ރާޅުތަކުގެ ތެރެއިން ސޫފީއާއި އެމާއާއި ހަމަޔަށް ވާސިލްވާން މަސައްކަތްކުރިއެވެ. ފަރުން ކަނޑާފައިވާ "ބޮޑު އޮޅު" ކިޔާ ދިމާލަށް އެމާ ދަމައިގަތްއިރު ސޫފީ ގެއްލުނީ ފަރާއި ދިމާލުންނެވެ. ޚަލީސީއަށްވެސް އެމާގެ އަތުގައި ހިފައިލެވުނީ ކިރިޔާއެވެ. އޭރު އެހެން ބަޔަކަށްވެސް އެ މަންޒަރު ފެނި ސޫފީއާއި އެމާއަށް އެހީވާން މަސައްކަތްކުރުމުގައި އަވަދިނެތި އުޅުނެވެ. އެހިސާބުން ސޫފީގެ އެއްވެސް އަސަރެއް ހިލަމެއްނުވުމުން އެމާ މޮޔަވާވަރުވިއެވެ. އޭނަ މަސައްކަތް ކުރަމުން ދިޔައީ ފަރާއި ދިމާލަށް ދިޔުމަށެވެ. ކޮންމެވެސް ވަރަކަށް ފެންބޮވި ކެއްސާގޮތްވިޔަސް އެމާ އަމިއްލަ ނަފުސަށް ފަރުވާލެއްނެތެވެ. އޭނައާއި ހަވާލުވި އަމާނާތަކަށް ފަރުވާކުޑަކޮށްލެވުމުން މި ހިނގި ބިރުވެރި ހާދިސާއިން އެމާގެ ސިކުނޑިއަށްވެސް އަސަރުކޮށްފިއެވެ.

މާގިނައިރެއްނުވެ ސިފައިންނާއި ފީނާ މީހުން އަދި އެތައް ބަޔަކު އެއްވެ ސޫފީ ހޯދުމުގެ މަސައްކަތްފެށިއެވެ. އެމީހުންގެ ތެރޭ ހައިސަމް ޖައިޝް އަދި ރާހިލްއާއި އެކުވެރިންގެ އިތުރުން ކައިދަންގެ ދެމަފިރިންނާއި ރޯޒަލީ އަދި ޚާތޫންވެސް އައިސް އުޅުނެވެ. އެންމެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައިރު އެމާގެ ގައިގާ ކޮޅަށް ހުންނާނެ ހަކަތައެއްވެސް ނެތެވެ.

"އަހަރެންގެ ކުށް...."

"އެހެން ނުކިޔަބަލަ. އެމާ ބުނެގެން ކަން ކައިދަންއަށް އެކަނި އެނގޭނީ. އޭނަ އެހެރީނު އެއްޗެކޭ ނުކިޔާ....."

"އެކުޑަކުޑަ ފުރާނަ ދެނެއް އަތަކުނުވާނެ. އެކުއްޖާފުޅު ހެއްދެވިފަރާތުގެ ހަޟުރަތަށް ދިޔައީކަން ޔަގީން. ފަރުގެ އަޑިއަށް ދަމައިގެންފި މީހެއްގެ ފުރާނަނެތް ހަށިގަނޑުވެސް ފެނުމަކީ ވާނެކަމެއް ނޫން........."ދުވަސްވީ މީހެއްގެ ޖުމްލަ އިވުމުން އެމާގެ ހިތް ހުއްޓުނުހެން ހީވިއެވެ. އޭނަގެވެސް އުއްމީދެއް އޮތީއެއްނޫނެވެ. ލޮލުގެ ކުރިމަތީގައި އޮޔާއި ކަނޑަށް ދަމައިގެން ލޯމަތިން ގެއްލުމުން އޮންނާނީ ކޮން އުއްމީދެއްހެއްޔެވެ؟ ބައެއްމީހުން ހަނދާންކޮށްދިނީ ﷲގެ ކުޅަދުންވަންތަކަމެވެ. ކަރާމާތެއް ހިނގާފާނެކަމެވެ. އެމާވެސް އެވާހަކައިން ހިތަށް ތަސައްލީއެއް ގެންނަން މަސައްކަތްކުރިއެވެ. ދުޢާކުރިއެވެ. ނަމަވެސް ކަނޑަށް ގެއްލުނުތާ އެތައް އިރެއްވީއިރު ސޫފީގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ފީނާ މީހުން ފީނަނީއެވެ. މަތިންދާބޯޓުވެސް އެހިސާބުގައި ބުރުޖަހަމުން ދިޔައެވެ. އަމިއްލަ މީހުންވެސް ފަރުމައްޗަށްގޮސް ހޯދުމުގައި އަވަދިނެތި އުޅުނެވެ.

ހަޒަލް ބުދެއްހެން އިން ގަނޑުވެފައި އިން މަންޒަރުންވެސް އެތައް ބަޔަކަށް އަސަރުކުރުވިއެވެ. އިރުއޮއްސި އަނދިރިކަން ވަށައިލިއިރު ވިލާތައް ބޯވެ އުޑުމަތި އެއްކޮށް ބައްދާލައިފިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ފިނިވެ މާހައުލު ހިމޭންވެއްޖެއެވެ. އެއްވެފައިވާ މީހުންވެސް ބައިބަޔަށްގޮސް ގޮނޑުދޮށް ފަޅުވިއެވެ. ނަމަވެސް އާއިލާ މީހުންނަށް އެމީހުންގެ ދަރިފުޅު އެކަނިމާއެކަނި ކަނޑުގެ ބިރުވެރި އަނގައިގެ ތެރެއަށް ދޫކޮށްލާފައި އެނބުރި އައުމަށް ހިތެއް ނުރުހުނެވެ. ދަރިފުޅުގެ ނިޝާނެއް ވުމުގެ އުއްމީދުގައި ވާރެއާއި ފިންޏާއި ބަނޑުހައިހޫނު ކަމުގައި އެތަނުގައި އެތައް ދަމެއްވާންދެން ތިއްބެވެ.

***

ދެތިން ދުވަސްވީއިރު އަރަބި ކަނޑުގައި އުފެދުނު ތޫފާނެއްގެ އަސަރު ރާއްޖެއަށް ކުރަން ފަށައިފިއެވެ. ވާރެއާއި ގަދަ ވައިގެ ސަބަބުން ރީދޫ ސަމާލު ނެރެފައިވާ ދުވަހެކެވެ.ޚާތޫނު ކަށިކެޔޮ ޓައްޕެއް ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. ރޯޒަލީ އެކަމާއި ހިތްހަމަނުޖެހި ކުޑަކޮށް މޫނު ހެދިއެވެ. މިއޮތް ވިއްސާރަ ދުވަހު އެވަރުން ކަށިކެޔޮ ކައްކައިގެން އަންނަން ކުޅަދާނަ އަންހެނެކެވެ. އެ އުމުރުގައިވެސް ޒުވާންކުދިންނަށްވުރެ ހީވާގިއެވެ.

"އަހަރެމެންގެ ދަރިއެއް ގެއްލިގެން އުޅޭއިރުވެސް އަދިވެސް ކާން ނުދެވިގެން ޚާތޫނު ތިއުޅެނީ؟"

"ރަޒިއްޔާ. އެ މަގޭވެސް ދަރިއެކޭ."

"އެހެން ހިޔެއްނުވޭ....."

"ﷲގެ އިރާދަފުޅާއި ދެކޮޅަށް އަޅުތަކުންނަށް ކުރެވޭނެ ކަމެއް ނެތް. އަހަރެން ބަނޑު އަޅާވިހޭ އެތައް ދަރިން ދުނިޔޭގައި ތިބެ މަގޭ ލޮލަށް ނުފެނި އަޖަލު މިޖެހެނީ. ހިތާމަކޮށް ކަރުނަ ބޭލީމަ ހިތަށް ތަދުވުން ނޫންކަމެއްނުވާނެ. އަހަރެންގެ ލޮލުގެ ނޫރު ވަކިވިޔަސް އެހާ މޮޅިވެރިވާނެ ކަމެއްނޭގޭ. ކައިދަންގެ ދަރިފުޅު ގެއްލުމުން ކުރި ހިތާމައާއި ލޮލުން އޮހުނު ކަރުނަ ދެކެދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް. މިވެސް ސަދަގާތަކަށް ގެނައި އެއްޗެއް....ހިތް ބުނަނީ ހަމަ އެ ދަރި ފެންނާނެއޭ..އެދަރީގެ މޫނުގައި އެހުންނަ ނޫރަކާއި ބެބުޅުމެއް އެހެން ތަނަކުން ނުދެކެން. މާތްﷲ ރަހުމަތް ލައްވާފައިވާ މުއުމިން އަޅަކަށް ދެރަގޮތެއްނުވާނެ. އަހަންނަށް ހުވަފެނުގައިވެސް އެކުއްޖާ ފެނިއްޖެ. މާމާ ކިޔާފައި ގޮވައިލުމުން ހޭއަރަނީ.........." ޚާތޫނު ވާހަކަދެއްކިއިރު ހިތާމައިގެ ނިޝާނެއް މޫނަކުން ނުފެނެއެވެ.

"ސަދަގާތަކަށް ބަހާ އެއްޗެއް ވިއްޔާ ރަގަޅު....އަހަންނަށް މާފުކުރޭ ޚާތޫނު. ހިތާމައިންގޮސް ކިޔޭ އެއްޗެއްވެސް ނޭގުނީ. މަގޭ ދަރިފުޅު ހަޒަލްގެ ހޭވެރިކަމެއްވެސް ނެތް. ހޮސްޕިޓަލުގައި ބާއްވާފައި ގެއަށް ފޮނުވައިލިޔަސް ބޭސްކައިގެން އޮންނަނީ. ނުތެދުވެ އެއްޗެއް ނުކައި ނުބޮއި. އަބަދު ދަރިފުޅުގެ ނަމުން ގޮވަނީ....ކީއްކުރާނީ؟ ވިސްނާދިނުންވެސް ފަސޭހައެއްނުވާނެ. އެމާވެސް ދެރަވަނީ އެސޮރު ދެން އުދަގޫކުރާވަރުން އެއްޗެހި ބުނެވިފައި ހުރީމަޔޯ..................." ރޯޒަލީ ކަށިކެޔޮ ތަށިން އެތިކޮޅެއް ތަށްޓަކަށް އަޅައިގެން ރަހަ ބަލައިލުމަށްފަހު ބެހެއްޓިއެވެ."މީރު އެކަމަކު އަރުތެރެއިން އެއްޗެއް ދިރުވޭނެތަ؟"

ޚާތޫނު ވަރުބަލިވެފައިވާގޮތަކަށް މާނޭވާތަކެއްލިއެވެ. މޭގައި ފިރުމައިލިއެވެ. ދެތިންފަހަރު ކެއްސައިލުމުން ރޯޒަލީ މަޑުމަޑުން ބުރަކަށީގައި ފިރުމައިލައިފިއެވެ. ހިތާމައިގެ ބޮޑުކަމުން ދެތިން ދުވަހުން ޚާތޫން އަޖޫޒަކަށްވެ މޫނުމަތިން ކުރިން ނެތް އެތައް ރުލެއް ފެންނަވަރުވެއްޖެއެވެ. ވާރޭގައި ތެމުމުން އެއުމުރުގެ މީހަކު ބަލިވެސް ވެދާނެއެވެ. ވިއްސާރައިގަވެސް އެ ފަކީރު އެކުރި ބުރަ މަސައްކަތާއިމެދު ހިތާހިތުން ތައުރީފުކުރެވުނުއިރު ރޯޒަލީ ފެންކަޅިވެއްޖެއެވެ. އެކި މީހުން އަޅައިލުމާއި ލޯބި ދައްކާނީ އެކިގޮތަށެވެ. ޚާތޫނު ކައިދަންއާއި ސޫފީއަށްޓަކާ ކުރި މަސައްކަތަށް ތައުރީފު ހައްގެވެ.

"ކައިދަންއާއި ހަޒަލް ގާތަށް ގޮސްފައި ދާނީ. އެކޮއިމެންގެ ހިތް ފަޅައިގެންނުދާ ކަމެއްވެސް ނޭގޭ. މަގޭ ކައިދަންއަކީ ޖަވާހިރެއް. ވަރަށް ހެޔޮދަރިއެއް. އެދަރިއަށް މިފަދަ ބޮޑު ހިތާމައެއް ކުރިމަތިވުމުން މަގޭވެސް ހިތެއް ނެތް ރަޒިއްޔާ......." ޚާތޫނު އަސާގަނޑު ޖަހައިގެން މަޑުމަޑުން ކުރިއަށް ދާންފެށިއެވެ.

"ރަޒިއްޔާއެއް ނޫން...."

ޚާތޫނުއަށް އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. ކެއްސަައިގަތްލެއް ގަދަކަމުން ކޮށިއަރާގޮތްވިއެވެ. ޚާތޫނު ކައިދަންގެ ކޮޮޓަރީގެ ދޮރުގައި ޓަކިދޭންފެށުމުން ކައިދަން ނުކުތްއިރު އެލޮލުގައިވަނީ މޮޅިވެރިކަމެވެ.މާމަ ފެނުމުން ލޯ ބޮޑުކޮށްލުމާއެކު އަވަހަށްގޮސް އަތުލަފިކޮށްގެން ގެނެސް އެނދުގައި ބޭންދިއެވެ. މާމަ ބަލިވެއުޅެނީހެއްޔޭ އެހިއެވެ. އޭރު ހަޒަލް އޮތީ ރަޖާގެ ތެރޭ ފޮރުވިގެންނެވެ. ޚާތޫނު ވާހަކަދައްކަން ފެށުމުން ލޯ ހުޅުވައިލާފައި އަދި ވަކިން ބާރަށް ރޯންފެށިއެވެ. ދަރިފުޅު އަބަދަށްޓަކާ ވަކިވެގެން ދިޔައީކަމުގައި ބުނެ ހިތްހަލާކުވާފަދަ ގޮތަކަށް ރޮމުން ދާތަން ބަލަން ކައިދަން ހުރެފައި އިސްޖެހިއެވެ. ހަޒަލް އެކުރާ ހިތާމަތަކުން އޭނަގެ ހިތަށް އަސަރުކޮށްފިއެވެ.

"ހަޒަލް. ތިއުޅެނީ ކޮން ވައްތަރަކަށް؟ ތިހެން ރުއީމަ ސޫފީ އެނބުރި އަންނާނެތަ؟ކާމް ޑައުން ވުމަން..."ކައިދަންގެ އަޑުގައި ހަރުކަށިކަމެއްވިއެވެ.

ހަޒަލްއަށް ޝޮކެއް ލިބުނެވެ. އޭނަ އެހާ ހިތާމައިގާ ހުއްޓާ ނިކަމެތިކޮށްލިގޮތުން ހިތާމަ ހިނދުކޮޅަކަށް ހަނދާންނެތުނެވެ.

"އަހަންނަށް އެނގޭ. ޔޫ އާ އީވިލް. ޖިންނިއެއް. އީވިލް ބީސްޓެއް. ބުނޭ. ސޫފީއަށް ކީއްކުރީ؟ އެކުއްޖާ އެ ދުނިޔެއަށް ފޮނުވައިލީތަ؟ މިހާރު ހީވަނީ އެކަހަލަގޮތެއް ހަދައިގެން އެމާމެންނަށް ދައްކައިލި މަންޒަރެއްހެން.ކަލޭމެން މީހުންގެ ލޯމައްޗަށް ކަންކަން ސިފަކުރުވަން މޮޅުވާނެ..."ހަޒަލްގެ ލޮލުން އަލިފާން ކަނިބުރާލުމާއެކު ލޮލުގައި ވި ކަރުން ފޮހެލައިފިއެވެ. ޚާތޫނުއަށް ވާނުވާއެއް ނޭގުނީ ހަޒަލްގެ އަޑުގައި ހުރި އަވަސްކަމާއެކު އިނގިރޭސިން ގިނަ ޖުމްލަތައް ކިޔުމުންނެވެ. ކިޔާ އެއްޗެއް ދޭހަނުވިޔަސް ދެމަފިރިންގެ މޫނަށް ބަލައިލުމުން ހަގުރާމައެއް ފެށުނީކަން އެނގި ޚާތޫން މަޑުމަޑުން އެނދުން ތެދުވުނެވެ. ރޫޖެހިފައިވާ ލޮލުގައި ވި ވިސްނުންތެރިކަމާއެކު މޮޅިވެރިކަމާއި ތެތްކަމެއްވިއެވެ. ކައިދަންއާއި ދިމާލަށް ހަޒަލް ވާހަކަދެއްކި ގޮތުން ހިތަށް ބާރުކޮށް ރިހުން ގަދަވިއެވެ.

"ދަރިފުޅާ. މާމަ ގޮސްލީ. ވާރޭ ވެހިގެންފިއްޔާ މިއިން އިރެއްގައި ހުއްޓައިލާނެހެން ހިޔެއްނުވޭ. ދުނިޔެ މަތި އެއްކޮށް އަނދިރިކޮށްލައިފި....."

"އަހަރެން މާމަ ގެންގޮސްދޭނަން.."

"ނޫން. ކޮއިފުޅު ނުދިޔަސް މާމައަށް އެކަނި އުޅެވިދާނެ.."

މާމަ ދެކޮޅުހެދިނަމަވެސް އަތުލަފިކޮށްގެން ގޮސް ކާރަށް އަރުވާ ފިނިން ސަލާމަތްވާން ރަޖާގަނޑެއްވެސް ގައިގާ އޮޅާލަދިނެވެ. އޭރުވެސް މާމައިނީ ތުންފިތާލައިގެންނެވެ. ކައިދަންއާއި ހަޒަލްގެ ކޯޅުމުން މާމަގެ ހިތަށް ފުން އަސަރުތަކެއްކޮށްފިކަން ޔަގީނެވެ. ގެއާއި ހަމަޔަށް ފޯރިއިރު ހުމުގެ އަސަރު ބޮޑުވެ ޚާތޫނު ރޫރޫއަޅަން ފަށައިފިއެވެ. ކައިދަން މާމަ އެނދުގައި ބާއްވާފައި ބޭސްގެނެސްދޭން އުޅެނިކޮށް ރަވާން ދޮރުމަތީގައި ހުއްޓާ ފެނުނެވެ. ލޯބިވާ މީހުންގެ ގާތަށް އަންނައިރު ރަވާން ހުންނަނީ އިންސާނީ ރީތި ސިފައިގައި ނަމަވެސް އިންސާނުންނަށްވުރެ އިސްކޮޅުން ދިގުވެފައި ބިޔައެވެ. މީހުން ހިތް ދަމައިގަންނަ ރުހޭފަދަ ގޮތަކަށެވެ. އޭނަ ގެނެސްދިނީ ފިޔާތޮށިކުލައިގެ ސަރުބަތެއްހެން ހުރި ބޭހެކެވެ. ގަވާއިދުން މާމައަށް މިބޭސްދޭން ރަވާން އެންގިއެވެ. ބޭރަށް ނިކުމެފައި ފަސްމިނިޓް ނުވަނީސް ތަފާތު ބާވަތްބާވަތް އަޅާފައި ހުރި މޭވާ ކޮތަޅެއް ގެނެސްދިއްކޮށްލިއެވެ. އެހާ އަވަހަށް އެހެން ބައްރަކަށް ދަތުރުކޮށްފައި މޭވާ ބިނދެގެން އައުމަކީ ރޫހާނީ ބާރަކަށް ފެންފޮދެއް ބޯލުންހާ ފަސޭހަކަމެކެވެ. ކައިދަން ހުރީ ނުރުހުމާއެކު ލޯ އަޅާލައިގެންނެވެ.

"ރުޅިއައީތަ؟"

"ރުޅިއަންނަވަރު ކުޑައީ. ގެޓް ލޮސްޓް...."ކައިދަން ހޫރައިލި ފެންފުޅި ވައި ކަފާލާފައި ދިޔަސް އެއަަށްވުރެ ރަވާން މާ ހަލުތްވެވެ. ކައިދަން ބަލަން ހުއްޓާ ރަވާން ފާރުތެރެއަށް ފޭދިގެން ދިޔައީ ހިޔަންޏަކަށްވެގެންނެވެ. ކަޅު ހިޔަނީ މަޑުމަޑުން ފޭދި ލޯމަތިން ގެއްލުމުން ކައިދަން ރުޅިވެރިގޮތަކަށް ފާރަށް އެތިފަހަރެއް ވީއްލާލައިފިއެވެ. ހަޒަލްގެ ހިތާމަތައް ދެކެންވުމުން ހިތްހަލާކުވިޔަސް ބޭރުފުށުން ނަފްރަތުގެ ޑްރާމާ ކުޅެން މަޖުބޫރެވެ. ރަވާންގެ ސިކުނޑި މަސައްކަތްކުރަނީ އިންސާނުންފަދައިން ނޫނެވެ.ބޮޑާ އަދި ގޮތްދޫނުކުރާ ކަމާއި ބަދަލުހިފުމުގެ ޖޯޝަކީ ޖިންނިންގެ ސިފައެކެވެ. އޭނައާއިމެދު ހިނގި ހާދިސާއަށް މާފުކޮށް އެކަންތައް ހަނދާން ނައްތައިލަން ކިތަންމެ ވަރަކަށް ކައިދަން ވިސްނައިދިނަސް އެ "މޮޔަ" ސިކުނޑިއަކަށް ނުވަންނާނެއެވެ. ރަވާން އިންސިންނާއި ދެކޮޅަށް ލަޝްކަރެއް އެއްކޮށް ހަގުރާމަފެށީ ކޮންމެވެސް ކޮޅެއްގައި ނުޖައްސާ ނުނިންމަން ވައުދުވެފައެވެ.

***

ކައިދަންގެ މަންމަ ހިލްމާ ކާރުން ފޭބުމަށްފަހު ޚާތޫން ދިރިއުޅޭ ގޭގެ ދޮރުމައްޗަށް އެރިއެވެ. ދޮރުގެ ތަޅުގައި ހިފާލުމާއެކު ހުޅުވުނަސް ގޭތެރެއިން އަލިކަމެއްވެސް ނުފެނުނެވެ. ފަޅު ފުއްޓަރެއްފަދައެވެ. ހިމޭންކަމާއި އަނދިރިކަން އަދި ބިރުވެރިކަން ވަށައިލުމުން ހިލްމާގެ އަރުތެރެ ހިކުނެވެ.

"މަންމާ..." ހިލްމާ ފޯނުން އަލިކޮށްލުމާއެކު ސިއްސައިގެންގޮސް ހަޅޭއްލަވައިގަނެވުނީ ތަންކޮޅެއް ދުރުގައި އޭނައާއި ދިމާލަށް ކަޅި އަޅައިގެން ހުރި އަންހެންކުއްޖާ ފެނިފައެވެ. އިސްތަށިގަނޑު ވިހުރުވާލައިގެން ހުރިއިރު ލޯ ދިއްލިފައި ހުރިގޮތުން ދުނިޔޭގެ ކަމެއްހެނެއް ހިޔެއްނުވެއެވެ.ބިރުން ހަލާކުވޭވޭހުރެ ފަހަތަށް ހިނގައިގަންނަން އުޅުނުއިރު ދެފައި ބިންމަތީގައި ތަތްލާފައި ހުރިފަދަ އިހުސާސެއްވިއެވެ. ކަންފަތުގައި ޖެހުނު ބިރުވެރި ހުނުމާއެކު ކުރިމަތިން ދައްކައިލީ އިސްތަށިގަނޑު ދިގުކޮށްލާފައި ހުރި ޒުވާން ފިރިހެނެކެވެ. ރަތްކުލައަކަށްދާ އިސްތަށިގަނޑާއި އެއްވަރަށް އޭނަގެ ގައިގާ އޮތް ތުނި ހެދުންވެސް ވިހުރެމުން ދިޔައީ ވައިގެ އެއްވެސް އަސަރެއްނެތިއެވެ. ރަތްދެލޮލުން ކަނިބުރައިގެން ދިޔުމާއެކު ކުރިއަށް އަންނަން ފެށީ ހިލްމާގެ ހިތަށް ބިރުވެރިކަން ވަންނަ ފަދަ ގޮތަކަށެވެ.

"ތިއީ...ކާކު؟ކޮބާ މަންމަ؟"ހިލްމާއަށް އަހައިލެވުނެވެ.

"އަހަންނަނީ ކާކުކަން އެނގުމުގެ ހައްގު ލިބިގެންނުވޭ....."ބަރު އަޑެކެވެ. ދެމީހަކު އެއްފަހަރާ ވާހަކަދެއްކުމުން އަޑު އަންނާނީއެފަދަ ގޮތަކަށެވެ."މަންމައޭ ތިކިޔާ އިންސާނާ ނިޔާނުވާކަމެއް ނޭގޭ. ހޮސްޕިޓަލުގައިވީ.އެ މަންމަ މަރުވަނީ ދެން ކީއްކުރަން ތިއައީ؟ އެތައް އަހަރެއްވާންދެން އެކަނި މާ އެކަނި އެފަކީރު އެ ހާލުގައި އުޅުނުއިރު އުފަލާއި މަޖަލުގައި ހޭދަކޮށްފައި ތިއަހަނީ މަންމަ ކޮބާހެއްޔޭ. ލަދުގެ ކަންފުޅެއް ހުރި މީހެއްނަމަ ތިހެން ނާހާނެ....."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު