ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ބިރަކީ، ގައުމުގައި ހަމަނުޖެހުން އުފެދުން: ރައީސް މައުމޫނު

10:00


ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ބިރަކީ، ގައުމުގައި ހަމަނުޖެހުން އުފެދުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.


މިނިވަން ދުވަހުގެ މުނާސަބަތުގައި ސަންއެފްއެމުން ރޭ ފޮނުވި، "މިނިވަންކަމުގެ ހިޔަލުގައި" މި ޕްރޮގްރާމްގައި، ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫނު ވިދާޅުވީ، ސިޔާސީ ކަންކަމުގައި ތަފާތު ހިޔާލު ހުރި ނަމަވެސް ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ހަމަނުޖެހުން ގޮސްގެންނުވާނެ ކަމަށެވެ.


ރައީސް މައުމޫނު އަދި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ތިރީސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަން ހަރުދަނާކޮށް، ވަރުގަދަ ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓޭނީ ގައުމިއްޔަތުގެ ރުކުންތައް ކަމަށްވާ، އެއް ގައުމަކަށް ނިސްބަތްވާ ބައެއް ކަމުގައި ގަބޫލުކޮށްގެން ކަމަށާއި، އެންމެން ގަބޫލު ކުރާ އަގީދާއެއް އޮވެގެން ކަމަށެވެ. އަދި އަޅުގަނޑުމެން އެންމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށް ވެފައި އަޅުގަނޑުމެންގެ މިނިވަންކަން ހިފެހެއްޓުމުގެ އެންމެ ބޮޑު ބާރަކަށް ވެފައިވަނީ އިސްލާމީ އަގީދާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.


ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ހަލަނބޮލިކަން ނައްތާލެއްވުމަށް އެއްވެސް ކަހަލަ ދައުރެއް އަދާކުރެވިދާނެތޯ، ސަން އެފްއެމްގެ އެހުންތެރިއަކު ރައީސް މައުމޫނަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނަށް އަދާކުރެއްވޭނެ ދައުރަކީ، އާދައިގެ ދިވެހި ރައްޔިތެއްގެ ދައުރު ކަމަށެވެ. އަދި ސިޔާސީ ހަޔާތްޕުޅުން ބޭރަށް ޖެހިވަޑައިގެން ހުންނެވުމުން، ރާއްޖޭގެ ސިޔާސީ ކަންތައްތަކާ ބެހިވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ރައީސް މައުމޫނަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ކިވައިދެއްވަމުން ވަޑައިގެންނެވި ބޭފުޅެއް ނަމަވެސް މިހާރު އެކަންތައް ކުރިއަށް ނުގެންދަވަނީ ކީއްވެގެންތޯ، އެހުންތެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެން ވެސް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ކިޔަވައިދެއްވި ކަމަށެވެ. ނަމަވެސް މަޖުބޫރުވެގެން ހިތްޕުޅާ ދެކޮޅަށް އެކަންތައް ހުއްޓަވާލައްވަން ޖެހިވަޑައިގެންނެވީ، އެތަން ސިޔާސީ ތަނަކަށް ބަދަލުވުމުން ކަމަށެވެ. އަދި ރަނގަޅު ކިޔެވުމުގެ މާހައުލެއް އޮތްނަމަ ކޮންމެ ތަނަކު ވެސް ކިޔަވައިދެއްވުމަށް ހުންނެވީ ތައްޔާރަށް ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު