ޗައިނާ އަތުން ބަލިވެ، ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް އޭޝިއަން ކަޕަށް ކޮލިފައިވުމަށް އޮތް ފުރުސަތު މުޅިން ގެއްލިއްޖެއެވެ.
ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ރާއްޖޭގެ ވިހި އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 0-5ގެ ނަތީޖާއަކުންނެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ދެ މެޗުން ރާއްޖެ ބަލިވެފައިވާއިރު، ރޭގެ މެޗަށް ނިކުތް އިރުވެސް މި މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ.
ސައުދީގެ ޕްރިންސް ސައުދު ބިން ޖަލާވީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޗައިނާއިން ވަނީ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ތިން ލަނޑު ޖަހާފައެވެ.
މެޗުގައި ޗައިނާއިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 23 ވަނަ މިނެޓް ތެރޭގައި ޒުއެހެރެޓެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، 35 ވަނަ މިނެޓް ތެރޭގައި ގުއަންޒޫގެ ފޯވަޑް އަފްޑެން އަސްގޭއެވެ. ޗައިނާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޒުއެހެރެޓެވެ.
ޗައިނާގެ ހަތަރުވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފް ފަށައިގެން 61 ވަނަ މިނެޓް ތެރޭގައި ޗެން ޒެޗުއާނެވެ. މެޗުގައި ޗައިނާއިން ފަސްވަނަ ލަނޑު ޖަހާފައިވަނީ 87 ވަނަ މިނެޓް ތެރޭގައި ރާއްޖޭގެ މުހައްމަދު އައިހަމް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިޖިޓްއެވެ.
މި މެޗުން ރާއްޖެ ބަލިވުމުގެ ސަބަބުން އުޒްބެކިސްތާނުގައި ބާއްވާ އޭޝިއަން ކަޕުން ޖާގައެއް ހޯދުމުގެ ފުރުސަތު މިހާރު ވަނީ އެއްކޮށް ގެއްލިފައެވެ. ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ދެ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައިވާއިރު، ފުރަތަމަ މެޗުގައި އުޒްބެކިސްތާނު އަތުން ބަލިވީ 0-7 ކުންނެވެ. ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ރާއްޖެ ބަލިވީ 0-11ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިހާތަނަށް ރާއްޖޭގެ ޒުވާން ޓީމް ކުޅުނު ތިން މެޗުން ބައިކޮޅަށް 23 ލަނޑު ވަދެފައިވާއިރު، އެއްވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގަ ރާއްޖެ ކުޅޭ ފަހު މެޗުގައި ނިކުންނާނީ އަންނަ އާދިއްތަ ދުވަހު މިޔަންމާއާ ދެކޮޅަށެވެ.