އައިލެންޑް ބެވްރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް ހަދިޔާ ކޮށްފިއެވެ.
މިއީ އައިބީއެމްގެ އަހަރީ ދުވަހާ ގުޅުވައިގެން މިހާރު ކުރިއަށް ގެންދާ "ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ހަދިޔާކުރި މެޝިނެކެވެ.
ކުޅުދުއްފުށި ސިޓީގައި ހުރި އައިބީއެމްގެ ފެކްޓަރީގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ މެޝިން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާ ހަވާލުކޮށްދެއްވީ އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އަންވަރެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_166308036035J8AD.jpg)
އައިބީއެމުން ކުޅުއްދުއްފުށި ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އައިބީއެމް
ހަދިޔާކުރި މި މެޝިނާބެހޭ ގޮތުން އައިބީއެމްގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމް، "ސަން"އަށް މިރޭ ވިދާޅުވީ މީގެ ބޭނުމަކީ "ތާޒާ ވެށި" ކެމްޕޭނުގެ ދަށުން އެ ސިޓީގައި ކުރިން ނައްތައިނުލެވި ހުރި ޕްލާސްޓިކް ފުޅިތަކާއި މިހާރު ހުސްވާ ޕްލާސްޓިކް ފުޅިތައް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނައްތައިލުމުގެ ފުރުސަތު އެ ސިޓީއަށް ހޯދައިދިނުން ކަމަށެވެ.
"ގިނަ ފަހަރަށް ރަށްރަށުގައި އެ މެކޭނިޒަމެއް ނުހުރޭ. އެހެންވީމަ އެފަދަ މެކޭނިޒަމެއް އަޅުގަނޑުމެން މި ޕަބްލިޝްކޮށް ދިނީ. މި މެޝިނުން ތާޒާ ފުޅި ވިޔަސް، ލައިފް ވިޔަސް، ކޮކާކޯލާ، ފުޅިއަށް ވިޔަސް މައްސަލައެއް ނެތް. ފުޅި މެޝިން ތެރެެއަށް ލެއްވީމަ ކަފާލާނެ،" އާޒިމް ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_166308041256nUxo.jpg)
އައިބީއެމުން ކުޅުއްދުއްފުށި ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އައިބީއެމް
އާޒިމް ވިދާޅުވީ އައިބީއެމުން ކުރިއަށް އޮތް ތާނގާވެސް ޕްލާސްޓިކް ނޫން އެހެން ގޮތެއް ހޯދުމަށް އެފަދަ ގިނަ ޕްލޭންތަކެއް ކޮށްފައި އެބަހުރި ކަމަށެވެ. އަދި ޕްލާސްޓިކް ކުނި އުފެދިފައި ހުރި ތަންތަނުން އެތަކެތި ނަގައި ސާފު ކުރުމަށް ކުރެވޭ ކޮންމެ ކަމެއްގައި ވެސް އައިބީއެމުން ބައިވެރިވާން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_166308038742AZTj.jpg)
އައިބީއެމުން ކުޅުއްދުއްފުށި ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އައިބީއެމް
އައިބީއެމަށް 20 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ފެށި "ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ވަނީ "ތާޒާ" ބްރޭންޑުގެ ތިމާވެއްޓާ ރައްޓެހި އައު އުފެއްދުންތަކެއް ތައާރަފްކޮށްފައެވެ.
އެގޮތުން އަލަށް ތައާރަފުކުރީ އެއް ލިޓަރާއި 500 މިލި ލީޓަރުގެ ތާޒާ ބިއްލޫރި ފުޅިއާއި ޑިސްޕެންސަރަށް ލައްވާ ގޮތަށް ހުންނަ 19 ލީޓަރު "ތާޒާ 5ޖީ"ގެ ބޮޑެތި ފެންފުޅިއެވެ.