ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވަރު"ފޮތް މިއަދު ނެރެފިއެވެ.
އިލްމު އިންސްޓިޓިއުޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތެވެ.
މި ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް މުހިންމު ދާއިރާއަކަށް އަމާޒުކޮށް ލިޔެފައިވާ ފޮތެއްކަމަށެވެ.
މި ފޮތް ޕަބްލިޝް ކޮށްފައިވަނީ އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ އައިއޯސީސީ ޕަބްލިޝާއިންނެވެ. ޑރ. ޝަހީމް ވިދާޅުވީ އައިއޯސީސީ ޕަބްލިޝާގެ ބޭނުމަކީ އެކިއެކި އިލްމީ ދާއިރާތަކުން ފޮތްތައް ޕަބްލިޝްކޮށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުންކަމަށެވެ. އައިއޯސީސީ ޕަބްލިޝާއިން މިއަހަރު ނުވަ ފޮތް ނެރެން ނިންމާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވަރު"ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"މި ފޮތްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ދާނީ އައިއޯސީސީ އިސްލާމިކް ފަންޑަށް. މި ފަންޑު ގާއިމްކޮށްފައި މި ވަނީ އިސްލާމީ ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ބޭނުން ކުރެވޭ ފަނޑެއްގެ ގޮތުގައި،" ޑރ. ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޒަކާތަކީ އިސްލާމީ ނިޒާމުގެ ތެރޭގައި އޮތް ވަރަށް މުހިންމު މާލީ ވަސީލަތެއްކަމަށެވެ. އަދި މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެ ޒަމަނެއްގެ ހަލަތާ ބަލައިގެން ފުޅާ ކުރެވޭނެ ގޮތް ހަމައެކަނި އޮތް ރުކުންކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"މީގެ 1400 އަހަރު ކުރީގަ ދުނިޔޭގައި އޮތް ހާލަތެއް ނޫން މިހާރު ދުނިޔޭގަ މި އޮތީކީއެއް. މިއަދު އަޅުގަނޑުމެން ބަލާއިރު ފަގީރު މީހާއަށް ވެސް އުޅޭނެ ތަނެއް ވެސް ނެތް. ބޭސް ފަރުވާއަށް އޭނައަށް ކިޔަވަން ވެސް ބޭނުންވޭ މި ހުރިހާ ކަމަކީ ވެސް މިއަދު ޒަރޫރީ ކަންކަން،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ އަޅުގަނޑުމެނަށް ވިސްނިފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފަގީރުންނާއި މިސްކީނުންގެ އެއްޗެއްކަމަށެވެ. ނަމަވެސް ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި އަށް ބައި މާތް ﷲ ކަނޑައަޅުއްވާފައިވާކަމަށާއި އެ އަށް ބައިގެ ތެރޭގަ ޒަކާތުގެ ފައިސާ ދައުރުވާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ޒަކާތު ފައިސާ ޣައިރު މުސްލިމުންނަށް ވެސް ހައްގުވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން އޭގެ ބޭނުމަކީ އިސްލާމްދީނުގެ އަހުލުވެރިންނާއި ޣައިރު މުސްލިމުންނާ އޮންނަ ގުޅުން ބަދަހިކޮށް އިސްލާމް ދީނާމެދު އެމީހުން ޝައުގުވެރި ކުރުވުންކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ރައްޖޭގައި ޒަކާތު ހައުސްއެއް އުފެއްދުމުގެ ބޭނުންތެރިކަން ވަރަށް ބޮޑުވެފައިވާކަމަށެވެ.

ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވަރު"ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެ ފޮތަކީ އިލްމީ ގޮތުންނާއި މައުލޫމާތުގެ ގޮތުން ވަރަށް މުހިންމު ފޮތަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ފޮތް އިލްމް އިންސްޓިޓިއުޓުން ގަންނަން ލިބޭނެއެވެ. އަދި އޮންލައިންކޮށް ގަންނަ މީހުނަށް އެ އިންސްޓިޓިއުޓުން ފޮތް ޑެލިވާ ކޮށްދޭނެއެވެ.